މިއަހަރު ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ބ.އަތޮޅުގެ ރަށްތަކަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބ.ގޮއިދޫ އަށް ވަޑައިގެންފިއެވެ.

އިބޫ ގޮއިދޫ އަށް ވަޑައިގެންނެވުމުން އެ ރަށުގެ ރައްޔިތުން ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ބ.އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތުޅާދޫގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތައް ކަމަށްވާ ޖުމްހޫރީ ޕާޓީ ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫންގެ ރީފޯމް މޫވްމަންޓްގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ބ.އަތޮޅަށް ކުރާ މިދަތުރުގެ އެންމެ ބޮޑު ބޭނުމަކީ މެނިފެސްޓޯގެ ތަފްސީލުތަކަށް ދާއިރު ރަތްޔިތުންގެ ޝުއޫރުތަށް އަޑުއެހުމާއެކު ރަތްޔިތުންގެ އިހްސާސްތަށް އަޑުއަހައި މެނިފެސްޓޯގައި ރަތްޔިތުން އެދޭ ކަންތައްތައް ހިމެނުން ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ބ އަތޮޅަށް މިއަދު ދަތުރުފުޅު ފައްޓަވާފައި މިވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށްފަހު ކުރައްވާ ފުރަތަމަ ދަތުުފުޅުގައެވެ. މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިބޫގެ ކެންޑިޑެންސީ ވެސް ބަލައިގަންފައެވެ.

ރިޔާސީ އިންތިހާބަށް ކުޑަތަންވަމުން އަންނައިރު ކެމްޕެއިން ހަރަކާތްތަށް އިދިކޮޅު ފަރާތްތަކުން އަދި ސަރުކާރުންވެސް އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އިންތިހާބުގައި ވާދަކުރައްވާ ރައީސް ޔާމިންގެ ރަނިންމޭޓް ޑރ ޝަހީމް ދަނީ ތާއިދު ހޯއްދެވުމަށް ގއ އަތޮޅުގައި ކެންޕެއިން ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު