ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖަލަށް ލުމަށް ކުރި ހުކުމުގެ ބޮޑު ބައި ތަންފީޒުކޮން ނިމިފައިވާ އިރު ވެސް އެ މައްސަލައިގެ އިސްތިއުނާފާ ގުޅޭ އެއްވެސް ކަމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ނުދާތީ ރިޔާޒުގެ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރިޔާޒުގެ ވަކީލުން ނެރުއްވި ބަޔާނުގައި ވަކީލުން ވިދާޅުވެފައިވަނީ، ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިދޭން އިންކާރު ކުރި މައްސަލައެއްގައި ހައި ކޯޓުން ރިޔާޒް ޖަލަށް ލާން ހުކުމް ކުރީ ހަތަރު މަހާއި 24 ދުވަހަށާއި، އެ ހުކުމުގެ ތިން ބައިކުޅަ ދެ ބައި ތަންފީޒުވެފައިވާ އިރު ވެސް، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފްގެ އެއްވެސް ކަމެއް ކުރިއަށް ނުދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

"އިސްތިއުނާފީ މަރުހަލާތަކުން ކުށުން ބަރީއަވުމުގެ ހައްގު ލިބިގެން ނުދާ ގޮތަށް، ޖަލު ހުކުމެއް ތަންފީޒުވެ ނިމިގެން ދިއުމާއި ގާނޫނުއަސާސީން ލިބިދީފައިވާ އިސްތިއުނާފް ކުރުމުގެ ހައްގު އެއްގޮތަކަށް ލިބިދީފައި ނެތުމާއި އޮތީ ކޮން ތަފާތެއްތޯއެވެ؟" އެ ބަޔާނުގައި ވަކީލުން ވިދާޅުވެފައިވެއެވެ.

ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޢަބްދުﷲ ރިޔާޒްގެ މައްސަލައިގައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ އިޖްރާއީ ނުކުތާއެއް ކަމަށާއި އެ މައްސަލައިގެ މައުޟޫއީ އެއްވެސް ކަމެއްގެ ވާހަކަ ހައި ކޯޓުގައި ނުދައްކާ ކަމަށެވެ. ނަމަވެސް ޢަބްދުﷲ ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ހުކުމް ކުރުމަކީ ހައިރާންކަން ލިބިގެންދިޔަ ކަމެއް ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޢަބްދުﷲ ރިޔާޒު ޖަލަށްލުމަށް ހައިކޯޓުން ނިންމި ނިންމުމުގެ ނަތީޖާއަކީ، ދަށުކޯޓުން މައްސަލަ ބެއްލެވުމުގައި، ފުލުހުންގެ އިޖުރާއަތާމެދު ގޮތެއް ކަނޑައެޅުމަކީ ދަށުކޯޓުން ކޮށްގެންވާނެ ކަމެއް ނޫންކަމަށް ކަނޑައެޅުން ކަމަށްވެސް ރިޔާޒުގެ ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ރިޔާޒު ފުލުހުން ހައްޔަރު ކޯށްފައިވަނީ އެކެއް ފެބުރުވަރީގެ އަމުރާ ގުޅިގެން ހިންގި ތަހުޤީގުތަކުގެ ތެރެއިން 2018 މާރޗް 12 ވަނަ ދުވަހުއެވެ. ފުލުހުންގެ ތަހުގީގަކަށް ފޯނު ހުޅުވައިދޭން އިންކާރު ކުރި މައްސަލައިގައި އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ހުކުމުގެ ތިންބައިކުޅު ދެބައި މިހާރު ވަނީ ތަންފީޒުކޮށް ނިމިފައެވެ.

ރިޔާޒު ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ މައްސަލައިގެ ސްޕްރީމް ކޯޓުގެ އިސްތިއުނާފު ނުފެށި ލަސްވަމުންދާ މައްސަލައިގައި ރިޔާޒުގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވިއިރު، ރިޔާޒު ބަންދުގައި ހުންނަވާތާ މިހާރު ވަނީ 150 ދުވަސް ވެފައެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ތިން މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު، އޭގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާވެސް ހިމެނެއެވެ.