ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން އެހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި އޮތް ބަލި މީހަކު ނިޔާވި ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ޚަބަރު އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި ނިޔާވީ އުމުރުން ދުވަސްވީ އަންހެނެކެވެ. އަދި އެމީހާއަކީ ނޭވާލުމުގެ ނިޒާމުގެ މައްސަލައެއް އުޅޭ މީހެއް ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.

"ކަރަންޓު ކަނޑައިގެން ދިޔައީ މިނެޓެއް ހާއިރަށް. އޭގެ އަސަރެއް ނުކުރާނެ ވެންޓިލޭޓަރުގައި އޮތް މީހަކަށް. ހޮސްޕިޓަލުގެ އިހުމާލު ކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް. ވެންޓިލޭޓަރަށް މައްސަލައެއް ދިމާނުވޭ،" އެ ހޮސްޕިޓަލުގެ އޮފިޝަލަކު ބުންޏެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ނިޔާވި އަންހެން މީހާގެ އާއިލާއާ ހަވާލާދީއެވެ. ނިޔާވި އަންހެން މީހާގެ އާއިލާގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދިން މީހާ ބުނި ގޮތުގައި އެ އަންހެން މީހާ ނިޔާވެފައިވަނީ ވެންޓިލޭޓަރުގެ ކަރަންޓު ކެނޑުނު ފަހުން، ބަލިމީހާގެ ހާލު ސީރިއަސްވުމަށް ފަހުގައެވެ. "ވެންޓިލޭޓަރުން ވައިޖެހިފައި ކަރަންޓު ކެނޑޭނަމަ އެއީ ހޮސްޕިޓަލުގެ ނަރުހުންނާއި މުވައްޒަފުންގެ އިހުމާލެއް" ނިޔާވި އަންހެން މީހާގެ އާއިލާގެ މީހަކު ބުނެފައިވެއެވެ.

ނަމަވެސް އެހޮސްޕިޓަލުން އެކަން ދޮގު ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޭމު

    ކަރަންޓް ކެޑުނީ ޔާމީނު ކުރި ކަމަކުންތަ؟

  2. ޙަފްޞާ / މާލެ

    ކަރަންޓް ކެނޑޭނެ! ތިން ހަތަރުދުވަހަށްވެސް ދެމިދާނެ! ކަރަންޓް ކެނޑެނީ ކެޕެސިޓީ ނެތިގެނެއްނޫ! ދިމަވަ ކުއްލި ކަންތައްތަކުން! އެމްޑީޕީ ވެރިކަމުގެ 3 އަހަރު ރާއްޖޭގެ ކަރަންޓް ޙާލަތާމެދު ވިސްނާލަބަލަ ފާޑުކިޔުމުގެކުރިން! ޔާމީންގެ މި ހަތަރު އަހަރު ކަރަންޓަށް އައި ހެޔޮބަދަލު ދެން ވިސްނަލަ!