ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ކައުންސިލަށާއި ޔޫރަޕުގެ އެހެން އެމްބެސެޑަރުންނަށް ރާއްޖޭގައި ހިނގަމުންދާ ކަންކަމުގެ ހަގީގަތް ކިޔައިދިނުމުން އެ ފަރާތްތަކުން އެކަން ގަބޫލު ކުރައްވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އިން ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ރާއްޖެއާ މެދު ޔޫރަޕިއަން ޔުނިއަން އިން ފިޔަވަޅު އަޅެވުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަން އެންމެންނަށް އެނގޭ ކަމެއް ކަމަށެވެ.

ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން 26 ފެބްރުއަރީގައި ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ދިނުމަށާއި ސިޔާސީ ކުށްވެރިމް ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

ނިހާން މިއަދު ވިދާޅުވީ ބައެއް ފަރާތްތަކުން ސިޔާާސީ ކުށްވެރިންގެ ގޮތުގައި ސިފަ ކުރާ މީހުންނަކީ ހަގީގަތުގައި ސިޔާސީ ކުށްވެރިން ނޫން ކަމަށެވެ. އަދި ހައްގުތަށް އަނބުރާ ދިނުމަށް ގޮވާލެއްވި ގޮވާލެއްވުމަށް އިށާރާތްކޮށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްގުތައް ހިފެހެއްޓިފައި ވަނީ ގާނޫނު އަސާާސީގެ ދަށުން ލިބިދީފައިވާ ބާރުން ކަމަށެވެ.

"ދަންނަވަން މިއުޅޭ ނުކުތާ އަކީ ޔޫރަޕިއަން ކައުންސިލަށްވެސް އަދި ޔޫރަޕްގެ އެހެން އެމްބެސެޑަރުންނަށްވެސް އަޅުގަނޑުމެން ތަކުރާރުކޮށް މިވާހަތަކަށް ތަރުތީބުން ކިޔައިދެމުން ގޮސް އެބޭފުޅުންނަށް އައިސް ރަނގަޅަށް ބެލީމަ ގަބޫލު ކުރައްވާނެ މީގެ ހަގީގަތަކީ މިއީކަން." ނިހާން ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ ރާއްޖެއަށް ފިޔަވަޅު އަޅަން އީޔޫއިން އުޅޭ ކަމަށް ބުނެ އިދިކޮޅު ލީޑަރުން ހަބަރު ފެތުރި ނަމަވެސް އީޔޫއިން ހަގީގަތުގައި ރާއްޖެއާމެދު ފިޔަވަޅު އަޅަން ނޫޅުއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިނީ

    ތިވިދާޅުވީ ފައިސާ ދިނީމަ އެމީހުން އޯކޭ ވާނޭތަ