ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓް އޮޅުވާލުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް އެންވާރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވޯޓް އޮޅުވާލާނެ ކަމަށާއި އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި މިނިސްޓަރ ތޯރިގް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިބީ ރައީސް ޔާމީންއާ އެކު ކަމަށެވެ.

"ވޯޓް އޮޅުވާލުމަކީ ރައީސް ޔާމީންގެ ސަރުކާރުން ކުރާނެ ކަމެއް ނޫން, އިރާދަ ކުރެއްވިޔާ މި އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރާނީ އެއްލަކިން " ތޯރިގް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ފަހު ގެއަށް ވަންނަން ޖެހޭނީ ރައީސް ޔާމީން ފުރުވާލާފައި ކަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓް ލުމަށް ފަހު ރައްޔިތުން މަގުމަޗަށް ނިކުނަން ވެސް ޖެހޭ ކަމަށް އިދިކޮޅު ފަރާތް ތަކުން ދަނީ ބުނަމުންނެވެ.

ސަރުކާރުގެ އަނިޔާވެރިކަން އެނގޭ އިރު ވޯޓުލާ ނިމުމަށް ފަހު ނަތީޖާ އިއުލާނުކުރުމަށް ފަހު ރައީސް ޔާމީން ބަލި ގަބޫލު ކުރައްވަންދެން ތިބެންޖެހޭނީ މަގުމަތީގައި ކަމަށާއި އެންމެތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ބަދަލު ކުރާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް ބުނަމުން އަންނަނީ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ މިނިވަންކަމާއި އެކުގައި ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒެއް ކޮމިޝަންގެ މައްޗަށް ނެތް ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ދެފުއް ފެންނަ އިންތިޚާބަށް ވާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިދިކޮޅު ފަރާތް ތަކުން އިލެކްޝަން ކޮމިޝަނަށް ތަފާތުގިނަ އިންޒާރު ދެމުންދާއިރު ސެޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަށް އިންތިހާބަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުނެވެ. އަދި އިންތިހާބު މިނިވަންކަމާއި އަމާން ކަމާއެކު ކެންޕެން ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.