އެޗްއާރުސީއެމްއިން ދޫނިދޫ ޖަލަށް ޒިޔާރަތް ކޮށްފިއެވެ.

އެޗްއާރްސީއެމްއިން މިއަދުކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެޗްއާރްސީއެމްއިން މިދިޔަ ބުދަ ދުވަހު އެޗްއާރސީއެމްއިން ދޫނުދޫގައި ހުންނަ ޖަލަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ޖަލުގެ ހާލަތާ ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ގައިދީންގެ ހާލަތު މިއަދު ބަލައި ދޫނިދޫ ޖަލުގައި އެކިއެކި ކުއްތަކުގައި ބަންދުކޮށްފައިވާ ސިޔާސީ ބޭފުޅުން ބަންދުކޮށްފައިވާ ތަނުގެ ހާލަތު ބަލާފައިވާ ކަމަށްވެސް އެޗްއާރުސީއެމްއިން ބުނެއެވެ.

ދޫނިދޫ ޖަލުގައި ސިޔާސީ ގިނަ އިސް ބޭފުޅުން ހައްޔަރުކޮށްފައި ތިބިއިރު އެ ބޭފުޅުންނާ ގުޅޭ ގިނަ މައްސަލަތަކެއް، މި ފަހަކުން އެޗްއާރުސީއެމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް، ސަރުކާރުން އިއްޔެ އިސްތިއުފާ ދެއްވި ދުންޔާ މައުމޫން ވަނީ އެ ކޮމިޝަނާ ހިއްސާ ކުރައްވާފަ އެވެ.

އަދި މި މަހު ފަހެއްގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހައްޔަރުކޮށްފައިވާ މަޖިލިސް މެމްބަރުންނާއި އެހެން ބޭފުޅުންގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް ވެސް އެ މުއައްސަސާއާ ހިއްސާކޮށްފައިވާ ކަމަށް ދުންޔާ ވިދާޅުވެފައި ވެ އެވެ.

އޭގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ގާނޫނީ ވަކީލުން ވަނީ މިދިޔަ މަހު ފަހުކޮޅު އެ ކޮމިޝަނުގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައިމަން

    ކުއްވެރިން ތިބޭތަނާއި ކުއްވެރިން ނޫންމީހުން ތިބޭތަނުގެ ތަފާތު ބޮޑުވާންޖެހޭ އެހެން ނުވާނަމަ އެފަދަމީހުން ވާނީ ގިނަ ކޮންމެ ދުވަހަކީވެސް ތަފާތު އަދަބުތަކެއް ދޭންޖެހޭނެ.
    ކުރިކުށާއި އެއްވަރުގެ އަދަބެއް ދޭންވާނެ..