އަނިޔާވެރިކޮށް މަރާލާފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ހަ މީހުންނާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފިއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ ހަ މީހުންނާ ދެކޮޅަށް ދައުލަތުން މި ހެކިތައް ހާމަކޮށްފައިވަނީ މި މައްސަލައިގައި ބޭއްވި އަށްވަނަ އިބްތިދާއީ އަޑުއެހުމުގައި މިއަދު ހަވީރުއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހަތް މީހެއްގެ މައްޗަށް ނަމަވެސް މިއަދުވެސް ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ހ. އަންނާރުމާގޭ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން ނ. ކުދެހިގޭ، ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްސަލަ އެވެ.

މީގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުންތަކުގައި ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުއާއި، އަހުމަދު ޒިހާން އިސްމާއިލް އަދި މުހައްމަދު ދިފްރާންގެ އިތުރުން ހަސަން ޝިފާޒް ވަނީ މި ދައުވާއަށް އިންކާރު ކޮށްފައެވެ. އަދި ދައުވާލިބޭ އިސްމާއިލް ރަޝީދުއާއި، ހުސައިން ޒިޔާދުގެ ވަކީލުން ވިދާޅުވެފައިވަނީ ދައުވާ ސާފުނުވާ ކަމަށެވެ. އެހެންކަމުން މިއަދުގެ ޝަރީއަތުގައި ގާޒީ ވިދާޅުވީ، މި ދައުވާލިބޭ ހަތަރު މީހުން ދައުވާއަށް އިންކާރު ކޮށްފައިވާތީއާއި، ދެ މީހަކު ދައުވާއަށް ޖަވާބުދާރީވެފައި ނުވާތީ ދައުވާލިބޭ ހަ މީހުންވެސް ދައުވާއަށް އިންކާރު ކުރާ ކަމަށް ބަލައި މައްސަލަ ކުރިއަށް ގެންދަވާ ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުމަކީ ދައުލަތުން މި ދައުވާލިބޭ ހަމީހުންނާ ދެކޮޅަށް ހެކި ހާމަ ކުރުމަށް އަދި ދައުލަތުން ހެކި ހާމަ ކުރުމުން ދިފާއުގައި ދައުވާ ލިބޭ ފަރާތްތަކުން ހެކި ހާމަކުރުމަށް ބޭއްވި އަޑުއެހުމެއް ނަމަވެސް، އަޑުއެހުން ފެށުމާއެކު ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ އިޖުރާއީ ނުކުތާ ނަންގަވާ އިބްތިދާއީ މަރުހަލާ ގެންދަވަނީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށް ވިދާޅުވެފައެވެ. ދިފާއީ ވަކީލުން މައިގަނޑު ގޮތެއްގައި ވިދާޅުވަމުން ގެންދެވީ ހެކި ހާމަކުރައްވަން ޖެހޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދެފަރާތަށްވެސް ފުރުޞަތު އެރުވި، އެ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށެވެ.

ދައުވާލިބޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، ގާޒީ ނިންމެވީ މި މައްސަލައިގެ އިބްތިދާއީ މަރުޚަލާގެ ކަންކަން ކުރިއަށް ގެންދަވަނީ ޝަރީއަތާއި، ޤާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި ދައުލަތާއި ދައުވާލިބޭ ފަރާތްތަކަށް ހެކި ހާމަކުރުމަށް ފުރުޞަތު އެރުވިއެވެ.

ދައުވާލިބޭ ފަރާތަތަކާ ދެކޮޅަށް ހެކި ހާމަކުރުމަށް ޝަރީއަތުން ދިން ފުރުޞަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، ދައުވާ ފޯމުގެ ޖަދުވަލު ދެއެއްގައި ހުށަހަޅާފައިވާ ހުރިހާ ހެއްކަކީ ދައުވާލިބޭ ހަ ފަރާތާއިވެސް ދެކޮޅަށް ހުށަހަޅާފައިވާ ހެކިތައް ކަމަށާއި، ހެކި ހުށަހެޅި ސަބަބު ދައުވާ ފޯމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށް އަދި ޝަރީއަތުގެ ވަގުތު ސަލާމަތްކުރުމުގެ ގޮތުން ވަކިވަކިން ހެކިތައް ހާމަކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ، މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކާ ދެކޮޅަށް ގިނަ ޢަދަދެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ޝަފަހީ ހެކީގެ ގޮތުގައި، 8 ސިއްރު ހެކިވެރިންނާއި، ސިއްރު ލިޔުންތަކުގެ ގޮތުގައި 16 ލިޔުމެއް އަދި އެ ލިޔުންތަކުގެ ޞައްޙަކަން ސާބިތުކޮށްދިނުމަށް ހެކިވެރިން ހުށަހަޅާފައިވާނެކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. ދައުލަތުން ހުށަހެޅި ކިތާބީ ހެކީގެ ތެރޭގައި 7 އިންޓެލިޖެންސް ރިޕޯޓާއި، 7 ވީޑިއޯ އެނަލައިސިސް ރިޕޯޓާއި، ތަހްޤީގު ބަޔާންތަކާއި، ސައިބަރ ކްރައިމް ރިޕޯޓްތައް އަދި ސީން އޮފް ކްރައިމް ރިޕޯޓްތައް ހިމެނޭ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ދައުވާލިބޭ ކޮންމެ މީހަކަށް ވަކިވަކިން ހެކި ހުށަހެޅުމުގެ ބަދަލުގައި ދައުލަތުން ޖުމްލަ ގޮތެއްގައި ހެކި ހުށަހެޅުމުން އެކަމާވެސް ދައުވާލިބޭ ބައެއް ފަރާތްތަކުގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޖުމްލަ ގޮތެއްގައި ހެކި ހުށަހެޅޭނެ ކަމަށެވެ.

ދިފާއީ ހެކި ހުށަހެޅުމަށް ދިން ފުރުޞަތުގައި އިސްމާއިލް ހައިޝަމް ރަޝީދުއާއި، އަހުމަދު ޒިހާން އިސްމާއިލްގެ ދިފާއީ ވަކީލު ވިދާޅުވީ، ދިފާއުގައި ހެކި ހުށަހެޅޭނީ ބަންދުގައި ހުރި މުވައްކިލުންނާ ބައްދަލުކުރެވިގެން ކަމަށާއި، ލިޔުމުން ހެކި ހުށަހެޅުމަށް އެކަށީގެންވާ ފުރުޞަތެއް ދެއްވުން އެދޭ ކަމަށެވެ.

މުހައްމަދު ދިފްރާންގެ ވަކީލު ވިދާޅުވީ، ދައުވާ ފޯމުގެ ޖަދުވަލު ދެއެއްގައި ދައުލަތުން 60 ހެކި ހުށަހެޅިކަމަށް ބުނާއިރު، އޭގެ ތެރެއިން 30 ހެކި ލޮލަށް ނުފެންނަ ކަމަށާއި، ނަމަވެސް ދިފާއުގައި ޝަފައީ ހެއްކެއް ހުށަހަޅަން ބޭނުންވާ ކަމަށެވެ. ދިފްރާން ދިފާއުގައި ހެއްކެއްގެ ގޮތުގައި މ.ބެރުގެ، ޝިމާޒް ޢަބަދުﷲ ހުށަހަޅާފައިވަނީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި ވީޑިއޯ ރިޕޯޓްތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް (ހަބީރެއްގެ ގޮތުގައި) ކަމަށެވެ.

އިސްމާއިލް ރަޝީދުގެ ވަކީލުން ވިދާޅުވީ، މިވަގުތު ޤާނޫނާ ޚިލާފަށް ހެކި ހުށަހެޅުމަށް ނުކުޅެދޭ ކަމަށާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުން ހެކި ހާމަކުރަންޖެހޭ ކަމަށެވެ. އަދި ލިޔުމުން ހެކި ހުށަހަޅުއްވާނެ ކަމަށް މިއަދުގެ އަޑުއެހުމުގައި ފަހުން އޭނާގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ހުސައިން ޒިޔާދުގެ ވަކީލު ވިދާޅުވީ، ދައުލަތުން ދައުވާ ސާފުކޮށްދީފައި ނުވާތީ ސީދާ ކުށުން ދިފާއުވުމަށް ދަތި ކަމަށާއި، ނަމަވެސް ހާދިސާ ހިނގިކަމަށް ދައުލަތުން ބުނާ ރޭ އަދި ހާދިސާ ހިނގުމުގެ ކުރިން ފެށިގެންވެސް ޒިޔާދު ގެއިން ނިނުމެފައި ނުވާކަމާއި، ހާދިސާ ހިނގިރޭ ގޭގައި އޮތްކަން ސާބިތު ކުރުމަށް ހެކިންގެ ގޮތުގައި ތިން މީހަކު ހުށަހަޅާ ކަމަށެވެ.

ދައުވާ ލިބޭ ހަސަން ޝިފާޒްގެ ދިފާއީ ވަކީލު ވިދާޅުވީ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވުމުގައި ޝިފާޒު ކޮށްފައިވަނީ ސީދާ ކޮން އަމަލެއްކަން ދައުލަތުން ސާފުކޮށްދީފައި ނުވާތީ، މިވަގުތު ހުށަހަޅާނެ ހެއްކެ ނެތް ކަމަށެވެ. ނަމަވެސް ޝަރިއަތުގެ އެއްވެސް މަރުހަލާއެއްގައި ދައުލަތުން ޝިފާޒު ކުރީ ސީދާ މިވެނި ކަމެކޭ ބުނާނަމަ އެކަމަކުން ދިފާއުވުމަށް ހެކި ހުށަހަޅަން ބޭނުން ކަމަށް ވަކީލު ވިދާޅުވިއެވެ.

ޔާމީން ރަޝީދު މަރާލާފައިވަނީ، ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތުގައި އޭނާ މަސައްކަތް ކުރި އޮފީހުން ގެއަށް ދާން ނުކުތުމުން، މަގުމަތިން ބަޔަކު ފާރަލަމުން ގޮސް، އޭނާ ގެ އަށް ވަން ވަގުތު އެވެ. ޔާމީން މަރައިލި މައްސަލައިގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. މި މީހުން ޔާމީން މަރާލީ "ދީނީ ހިޔާލުތަފާތުވުންތަކާ" ހެދި ކަމަށް ފުލުހުން ވަނީ މީގެ ކުރިން މީޑިއާގައި ވިދާޅުވެފައެވެ.

މި މައްސަލައިގައި މީޑިއާއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ދުރަތަމަ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، 2018 އޮގަސްޓް 14 ވާ އަންގާރު ދުވަހުގެ ނިޔަލަށް ދިފާއީ ހެކި ހާމަ ކުރުމަށާއި، ދައުލަތާއި ދައުވާލިބޭ ފަރާތްތަކުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުޞަތު އަރުވާ ކަމަށެވެ. އަދި މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ 2018 އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހު ކަމަށާއި، އެއަށްފަހު ކޮންމެ ހަފްތާއަކުވެސް ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަވާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.