2015 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ލ.ގަމުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ބަންގުލަދޭސްގެ ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާ މަރާލި މައްސަލައިގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ލިބޭ ލ.ގަމު، ހެޑްފިޝް، ޢަލީ ހަމްޒާގެ ބަންދަށް ލުޔެއް ދެވެންނެތް ކަމަށާއި އަދި ބަންދުން ދޫކޮށްލެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޢަލީ ހަމްޒާ ދޫކޮށްލެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ، ހަމްޒާގެ ޞިއްޙީ ހާލަތު ހުރި ގޮތުންނާއި، ޖަލުގައި އެކަށީގެންވާ ފަރުވާ ދެމުން ނުދާކަމަށްބުނެ، ހަމްޒާގެ ގޭބަންދަށް ބަދަލުކޮށްދެއްވުމަށް މި މައްސަލައިގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަމްޒާގެ ދިފާއީ ވަކީލު އެދިވަޑައިގަތުމުންނެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ހަމްޒާގެ ވަކީލު ވިދާޅުވީ، މައްސަލައިގެ ޝަރީއަތް ނުނިމި ތިން އަހަރަށްވުރެ ގިނަ ދުވަހު ހަމްޒާ ޖަލު ބަންދުގައި ބަހައްޓާފައިވުމުގެ ސަބަބުން ޞިއްޙީ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެގޮތުން ގޭސްޓްރިކްގެ އުނދަގޫތައް އޭނާ ތަހައްމަލް ކުރަމުންދާ ކަމަށާއި، ބޭސްފަރުވާގެ ކަންކަން އެކަށީގެންވާ ގޮތަކަށް ކޮށްދެމުން ނުދާތީ އެކަންކަން ރަނގަޅު ކުރުމަށް 2018 އޭޕްރިލް 29 ވަނަ ދުވަހު ކަރެކްޝަންސް އަށް ކްރިމިނަލް ކޯޓުން އެންގެވި ނަމަވެސް، އެކަން ކުރަމުން ނުގެންދާ ކަމަށާއި، ގޭބަންދަށް ބަދަލު ކޮށްދެއްވައިފިނަމަ ހަމްޒާގެ ބޭސްފަރުވާގެ ކަންކަން އާއިލާއިން ކުރަމުން ގެންދާނެ ކަމަށެވެ.

ވަކީލު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ހުށަހެޅި އެންމެ ހެއްކެއް ފިޔަވައި އެހެން ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާ ކަމަށާއި، ބާކީ ނުނެގިވާ ހެއްކަކީވެސް ސިއްރު ހެއްކެއް ނޫންކަމަށް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން ހަމްޒާގެ ޞިއްޙީ ހާލަތަށް ބެލުމަށްފަހު މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކޮށްފައިވާ އަމުރު މުރާޖައާކޮށް، ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ހަމްޒާގެ ވަކީލު ޝަރީއަތުގައި އެދިލެއްވީ ވަރަށް އާދޭހާ އެކުގައެވެ.

ބަންދާމެދު ގޮތެއް ނިންމަވަމުން ގާޒީ ވިދާޅުވީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހަމްޒާ ހުރި އިރުވެސް އެކި ފަހަރުމަތިން ބޭސްފަރުވާގެ ކަންކަން ކޮށްދެއްވާފައިވާކަން އެނގެން އޮންނާތީވެ، ހަމްޒާގެ ބަންދަށް ލުޔެއް ދެވެން އަދި ގޭބަންދަށް ބަދަލު ކުރެވެންވެސް ނެތް ކަމަށެވެ. އަދި ދައުލަތުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ހަމްޒާގެ މެޑިކަލް އެގްޒަމިނޭޝަން ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދައުލަތުން ހަމްޒާގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ، 2015 ޖޫން 9 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ލ. ގަން، ރަންދާނުގެ ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަވަރުގެ ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ހަމްޒާ ޖެހުމުގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށް ބުނެއެވެ.

އިއްޔެ މެންދުރުފަހު ބޭއްވި މި އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން މިހާތަނަށް ހެކިބަސް ނެގިފައިނުވާ ހަމައެކަނި ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނަމަވެސް އިއްޔެވެސް ހެކިވެރިޔާގެ ހެކިބަސް ނެގޭގޮތެއް ނުވެއެވެ. ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ލ.ގަން، އަޙްމަދު ޖިނާހްގެ ހެކިބަސް ނެގިފައި ނުވަނީ އޭނާ އުޅޭ ވަކިތަނެއް ދައުލަތަށް ނޭނގުމުގެ ސަބަބުން ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވިފައި ނުވާތީކަމަށް ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅިވިއެވެ.

ޖިނާހުގެ ހެކިބަސް ނުނެގި މައްސަލަ ދިގުދެމިގެންދާތީ ގާޒީ ވިދާޅުވީ، ޖިނާހް ހާޒިރުކުރަން ދައުލަތަށް އިތުރު ފުރުޞަތެއް ދިން ނަމަވެސް، ހާޒިރު ކުރެވޭނެ މުއްދަތެއް ދެންނެވުމަށެވެ. މިކަމާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ، ޖިނާހް ހާޒިރު ކުރެވިފައި ނުވަނީ ތަފާތު ސަބަބުތަކާ ގުޅިގެން ކަމަށާއި، ކުރިން ހާޒިރުކުރަން ބެލިއިރު އޭނާ ހުރީ ހުކުމެއް ތަންފީޒުކުރަން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށާއި، މިހާރު އޭނާގެ ބެލެނިވެރިޔާގެ ގޮތުގައި ލިބިފައިވާ ނަންބަރަށް ނުގުޅޭ ކަމަށެވެ. ނަމަވެސް ލ.ގަމު ޕޮލިސް ސްޓޭޝަން މެދުވެރިކޮށް އޭނާ އުޅޭތަނެއް ސާފުކޮށް ވީ އެންމެ އަވަހަކަށް ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރު ކުރާނެކަމަށް ދައުލަތުގެ ވަކީލުން ވިދާޅިވިއެވެ.

ދައުލަތުން ވަކި މުއްދަތެއް ނުދެންނެވުމުން ގާޒީ ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ނިމުމެއް އަންނަން ޖެހޭ ކަމަށާއި، އޭނާ ހާޒިރު ކުރަން ދައުލަތުން މަސައްކަތް ކުރިކަން އެނގޭ ކަމަށާއި، ނަމަވެސް އޭނާ ހާޒިރު ކުރަން ބޭނުންވަނީ ކިހާ މުއްދަތެއްކަން ދެންނެވުމަށެވެ. ގާޒީގެ ސީދާ ސުވާލު ދައުލަތަށް ތަކުރާރުކޮށް އަމާޒު ކުރެއްވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިވެރިޔާ ހާޒިރު ކުރުމަށް 10 ދުވަހުގެ ފުރުޞަތެއް ދެއްވުމަށެވެ.

އިއްޔެގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ، ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އަޙްމަދު ޖިނާހަކީ މައްސަލައިގެ ހަޤީޤަތަށް ވާސިލުވުމަށް މުހިންމު ހެއްކެއް ކަމަށެވެ. ދައުލަތުން ވިދާޅުވީ، ބިދޭސީ މީހާ މަރާލުމަށްފަހު ބިދޭސީ މިހާގެ ފޯނު ހަމްޒާ ނަގައިގެން ސެލޫނަކަށް ގޮސް އެތަނުގައި ހުރި އެހެން ބިދޭސީއަކަށް އެ ފޯނު ވިއްކާލި ކަމާއި، އެ ފޯނު ވިއްކާލައިގެން ލިބުނު ފައިސާއަށް ހެދިގޮތް މި ހެކިވެރިޔާގެ ހެކިބަހުން ސާފުވެގެންދާނެ ކަމަށެވެ.

ދައުލަތުނެ ކުރިން ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހެޅި، އަދި ފަހުން ސިއްރު ހެއްކެއް ނޫންކަމަށް ގާޒީ ނިންމަވާފައިވާ، އަޙްމަދު ޖިނާހްގެ ހެކިބަސް ނުނެގިގެން މައްސަލަ ދެ އަހަރަށްވުރެ ގިނަ ދުވަހަށް ދިގު ދެމިގެންދާތީ ހަމްޒާގެ ވަކީލު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ދިފާއީ ވަކީލު ވިދާޅުވީ، ޖިނާހްގެ ހެކިބަސް ނުނެގި މިހާ ގިނަދުވަސް ވެގެންދިޔައިރުވެސް، އަވަސް ކުރަން ދައުލަތުން މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، އެގޮތުން އޭނާއާ ބެހޭ މަޢުލޫމާތު ހޯދުމަށް ރަސްމީކޮށް ފުލުސް އޮފީހުގައި އެދިފައި ނުވާއިރު، އެކަށީގެންވާ މަސައްކަތް ކޮށްފައިވާ ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން އަޙްމަދު ޖިނާހްގެ ހެކިބަސް ނަގަން އިތުރު ފުރުޞަތެއް ނުދެއްވުމަށް ހަމްޒާގެ ވަކީލު ޝަރީއަތުގައި އެދިލެއްވިއެވެ.

ދައުލަތާއި، ދައުވާލިބޭ ހަމްޒާގެ ވަކީލުންގެ ނުކުތާތަކަށް ރިއާޔަތް ކުރައްވަމުން ގާޒީ ޢަލީ އާދަމް ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާތަނަށް ނުނެގިވާ ހަމައެކަނި ހެއްކަކީ އަޙްމަދު ޖިނާހްގެ ހެކިބަހަށްވާއިރު، އޭނާގެ ހެކިބަހަކީ ސިއްރު ހެކިބަހެއް ނޫންކަމަށް ޝަރީއަތުން މީގެ ކުރިން ނިންމާފައިވުމާއި، މި ހެކިވެރިޔާގެ ހެކިބަހަކީ ކޮންމެހެން ނެގުން މުހިންމު ހެކިބަހަކަށްވާތީއާއި، ދައުލަތުން ހުށަހެޅި ލިޔުންތަކުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ހަމްޒާ ހުންނައިރު ބޭސްފަރުވާގެ ކަންކަން ކުރެވެމުންދާކަމަށް ފެންނާތީއާއި، ޢަލީ ހަމްޒާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ބޮޑު މައްސަލައަކަށްވާތީ އަދި ދައުވާލިބޭ ފަރާތާއި ދައުވާ އުފުލާ ފަރާތުގެ ހައްޤުގައި އެއްވެސް ހެއްކެއްގެ ހެކިބަސް ނުނަގާ ދޫކޮށްލެވެން ނެތަތީވެ ދައުލަތުގެ ހެކިވެރިޔާ ހާޒިރުކޮށް ހެކިބަސް ނެގުމަށް 10 ދުވަހުގެ މުއްދަތެއް އަރުވާ ކަމަށެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ގާޒީ ޢަލީ އާދަމް ވިދާޅުވީ، ދައުލަތުން ހުށަހެޅި 10 ހެކިވެރިންގެ ތެރެއިން ނުވަ ހެކިވެރިންގެ ހެކިބަސް ނަގާ ނިމިފައިވާ ކަމަށާއި، ދައުލަތުގެ ހެކިބަސް ނަގާ ނިމުމުން، ހަމްޒާގެ ދިފާއުގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމާމެދު ޝަރީއަތުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް މައްސަލަ ނިންމެވުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ފަހު ހެކިވެރިޔާގެ ހެކިބަސް ނެގުމާއި، ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 އޮކްޓޯބަރ 24 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތި ކިޔާ ދިފާޢީ ވަކީލުކައިރީގައި އަހާލަބަލަ!!!!!!! ކުށެއް ނެތް މީހަކު ރަހުމެއްނެތި މަރާލިއިރު ގޭސްޓްރިކް މައްސަލަ ނެތްއިރު މިހާރު ގޭސްޓްރިކް އެއީ ކޮންތަނަކުން އައި އެއްޗެއްތޯ!

    • އިންސައިޑް

      ވާނުވާ ނޭނގި ކޮމެންޓް ނުލިޔެބާ ދޯ! 4 އަހަރު ވަންދެން ހުސް ތެޔޮ/ކުޅި ކާއެއްޗެހި ދީފަ ތީނާ ވައި ނުސާފު، ނުތާހިރު ތަނެއްގަ ބޯން ކްލޮރީން ފެން ދީފަ ބެހެއްޓީމަ އެނގޭނެ ގޭސްޓްރައިޓްސް އަންނަ ތަން! ދެން ކުށެއް ނެތް މީހަކު މެރިތަން ކަލޭ ބަލަން ހުރީމަ ކަލެއަށް ތިހާ އެނގިފަ ހުރިއިރު ކޯޓްގެ ޝަރީއަތަށް ގޮސް ހުށަހަޅާބަލަ! ގައިމު އަވަހަށް މައްސަލަ ނިންމޭނެ!

    • މުބީ

      ކުށެއް ނެތް މީހަކު ރަހުމެއްނެތި މަރާލިއިރު ހުސޭނުބޭ އެތާގަ ހުރިން ދޯ؟ ނޫނީ އެ ހަމްޒާ ހުސޭނުބެ ކައިރީގަ ބުނީބާ؟ މަށަށް ފެންނަނީ ހުސޭނުބޭ 24 އޮކްޓޯބަރގައި ކްރިމިނަލް ކޯޓަށް ހާޟިރުވެ ހެކިބަސް ދީ މިކަން އަވަސް ކުރަން!

  2. އެ

    މަރަށް މަރު އޮންނަގޮތައް އިސްލާމީ ޝަރީއަތް ގާއިމް ކުރަންވެއްޖެނު