އިމާމްވެ ހުކުރު ކުރަން ދެކޮޅު ހެދި ލ. މާމެންދޫ އިމާމުގެ މައްސަލަ ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މީޑިޔާއަކާ ވާހަކަ ދައްކަމުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން ވިދާޅުވީ، ޚުތުބާ ކިޔަން ދެކޮޅު ހަދައި ހުކުރު ނުކުރުމުން އެ މައްސަލާގައި މިދިޔަ އާދީއްތަ ދުވަހު އެ އިމާމުގެ ބަޔާން ނަގާފައިވާ ކަމަށެވެ.

ނަމަވެސް އިމާމާމެދު އަޅާނެ ފިޔަވަޅެއް އެކަމާ ގުޅުންހުރި ކޮމެޓީން އަދި ނިންމާފައިވާ ނުވާ ކަމަށް އަހުސަން ވިދާޅުވިއެވެ.

މިމަހުގެ 16 ވީ ހުކުރު ދުވަހު އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް ފޮނުވި ޚުތުބާ ބިނާ ކޮށްފައި އޮތީ ވެރިމީހާއަށް ކިޔަވަންވުމުގެ މައްޗަށެވެ. އެ ޚުތުބާގައި ދީނާ ޚިލާފު މައުލޫމާތުތަކެއް ހިމެނޭކަމަށް އިމާމް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އިސްލާމީ ޝަރީއަތާ ޚިލާފުު އެއްވެސް ކަމެއް ހުކުރު ޚުތުބާގައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރުު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.