ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ނުވަތަ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، އެ ޖަމިއްޔާގެ ވޯލްޑް ހެލްތު އެސެމްބްލީގައި ދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ޖަމިއްޔާގެ މެންބަރު ޤައުމުތަކަށް ވާދަކުރެވޭ މި އެވޯޑަށް، ރާއްޖޭގެ ފަރާތުން ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުންނެވެ.

މިކަމަށް ފުރުޞަތު ހުޅުވާލާ، މިއަދު ހެލްތު މިނިސްޓްރީން ވަނީ އިޢުލާނެއް ކޮށްފައެވެ. އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ވޯލްޑް ހެލްތު އެސެމްބްލީގައި ދިނުމަށް ހަމަޖެހިފައިވަނީ ޖުމުލަ ހަތަރު ކެޓަގަރީ އަކުންނެވެ. އަދި، ކޮންމެ ކެޓަގަރީއަކުންވެސް، ކޮންމެ ޤައުމަކުންވެސް ވާދަކުރެވޭނީ އެއް ފަރާތަށްކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން، މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ސަސަކަވާ ހެލްތު ޕުރައިޒް، ޔުނައިޓެޑް އަރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން، ސްޓޭޓް އޮފް ކުވައިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން އަދި ޑރ. ލީ ޖޮންކު ވޫ މެމޯރިއަލް ޕްރައިޒް އޮފް ޕަބްލިކް ހެލްތު ދާއިރާ އިންނެވެ.

މި އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމެއް ފުރަން ޖެހޭއިރު، އެކަމުގެ ސުން ގަޑިއަކީ އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހެވެ.