ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅާފައެވެ. މި މައްސަލައިގައި ދައުލަތުން ވަނީ ސިނާންއާ ދެކޮޅަށް 32 ހެއްކެއް ހުށަހަޅާފައެވެ.

ސިނާންގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މަޖިލީހުގެ މެމްބަރެއް ގޮތުގައި ހުރެ ރިޝްވަތު ހިފައި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ސިނާން ހައްޔަރުކުރީ ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުންނެވެ.

ސިނާން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އޭނާ ވަނީ މި ދައުވާ އަށް އިންކާރު ކުރައްވާފައެވެ.