ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އާއްމު ސިޓީއެއްގައި ވިދާޅުވެފައި ވަނީ މާދަމާއިން ފެށިގެން ޝަރުޢީ ދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން މެންދުރުފަހު 14:00 ކަމަށެވެ.

މިގޮތަށް ހަމަޖެހުމާއި ގުޅިގެން ހުސްވަގުތުގެ ގޮތުގައި މިހާރު ދެމުންދާ 1 ގަޑިއިރުގެ ބަދަލުގައި ވަޒީފާއާއިބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ މުވައްޒަފަކަށް ވެސް މެންދުރުފަހު 12:00 އިން 13:00 އާއިދެމެދު 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދޭންވާނެކަމަށް ސިޓީގައި ވެއެވެ.

މުވައްޒަފުންނަށް ދެވޭ ހުސްވަގުތުގައި ވެސް ކޯޓު ނުވަތަ އިދާރާގެ މަސައްކަތް މެދުނުކެނޑި ހިނގާނެ ގޮތެއްގެ މަތިން އިންތިޒާމް ހަމަޖެއްސުމަށް ޑީޖޭއޭ ސިޓީގައި އަންގާފައި ވެއެވެ.

ޝަރުޢީދާއިރާގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެވުނު ނަމަވެސް، ޝަރުޢީދާއިރާގައި ޑިއުޓީ އުޞޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ އެމުވައްޒަފަކު ޑިއުޓީކުރުމަށް ހަމަޖެހިފައިވާ ގަޑިކަމަށްވެސް ސިޓީގައި ވެއެވެ.