ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ބަންދަށް މިވަގުތު ލުޔެއް ދެވެން ނެތް ކަމަށާއި، މައްސަލައިގައި ޝަރީއަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

ސިނާން ޖަލުބަންދުގައި ހުންނެވީ އޭނާގެ މައްޗަށް އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މީގެ ކުރިން ކުރި އަމުރެއްގެ ދަށުންނެވެ.

ސިނާންގެ މައްޗަށް ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ދައުވާ އުފުލާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޝްވަތު ހިފައި، ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކެއް ފެބުރުވަނީގައި ނެރުނު 2018 ވަނަ އަހަރުގެ އެއް ނަންބަރު އަމުރު ނެރުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބުނެއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ސިނާންގެ ދިފާއީ ވަކީލުން ވަނީ ސިނާން ޖަލު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމްއަށް ދަންނަވާފައެވެ.

ސިނާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، މި މައްސަލައިގެ ބަންދުގައި ސިނާން ހުންނަވާތާ 122 ދުވަސް ވެފައިވާ ކަމަށާއި، ސިނާން ބަންދުގައި ބަހައްޓާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޚިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ، މިހާތަނަށް މި މައްސަލައިގެ ޝަރީއަތް ފެށިފައި ޖުވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 140 ވަނަ މާއްދާގައި ވާގޮތުންނަމަ، މައްސަލައިގެ ލިޔުންތައް ލިބޭތާ 70 ދުވަހުގެ ތެރޭގައި މައްސަލައިގެ ޝަރީއަތް ފަށަން ޖެހޭ ކަމަށާއި، މައްސަލައިގެ ލިޔުންތައް ލިބުނުތާ 70 އަށްވުރެ އެތަށް ދުވަހެއް އިތުރަށް ހިނގާފައިވާ ކަމަށެވެ.

މީގެ އިތުރުން 70 ދުވަހަށްވުރެ އިތުރަށް ޝަރީއަތް ނުފަށާ ބަންދުގައި ބެހެއްޓޭނީ، ހަމަ އެޤާނޫނުގެ 141 ވަނަ މާއްދާގެ (ހ) ގައި ވާގޮތަށް، ބަންދު މުއްދަތު އިތުރުކޮށްދޭން ދައުވާ ލިބޭ މީހާ އެދޭ ހާލަތެއްގައި އަދުލުއިންސާފު ގާއިމުކުރުމަށް އެކަމުގައި މަސްލަހަތު އޮތް ކަމަށް ކޯޓަށް ފެންނަ ހާލަތުގަ ކަމަށާއި، އެފަދަ އެދުމެއް ސިނާންގެ ފަރާތުން ކޯޓުގައި އެދިފައި ނުވާކަމަށްވެސް ނޫރުއްސަލާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިނާން ބަންދުގައި ބަހައްޓާފައިވަނީ ބަލިކަށި ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، ބަންދުގައި ބަހައްޓާފައި ހުރިއިރު ސިނާންގެ ފަރާތުން އެއްވެސް ސުލޫކީ މައްސަލައެއް މެދުވެރިވެފައި ނުވާއިރު، އޭނާގެ ބަންދަށް ލުޔެއް ދެއްވުމަށް އޭނާގެ ވަކީލުން ޝަރީއަތުގައި އެދިލެއްވިއެވެ.

ސިނާންގެ ބަންދަށް ލުޔެއްދޭން މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވަނީ އިންކާރު ކުރައްވާފައެވެ. ސިނާންގެ ވަކީލުންގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލުން ވިދާޅުވީ، ދިފާއުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 141 ވަނަ މާނަ ކުރައްވަނީ ރަނގަޅަށް ނޫން ކަމަށެވެ. އެގޮތުން އެ މާއްދާގެ (ށ) ފާހަގަ ކުރައްވާއިރު، އެ މާއްދާގެ (ހ) ފާހަގަ ނުކުރައްވާ ކަމަށާއި، އެ މާއްދާގައި ބުނަނީ 70 ދުވަހުގެ މުއްދަތު ގުނުމުގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ހޭދަވާ ވަގުތު ނުހިމެނޭނެ ކަމަށެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވީ 70 ދުވަހުގެ މުއްދަތު ގުނަން ފަށާނީ މިއަދު (ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް މިއަދު ނިންމާފައިވޭ) ކަމަށާއި، މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކަކީ ބަލިކަށި ހެކިތަކެއްގެ ގޮތުގައި ދިފާއުން ފާހަގަ ކުރެއްވި ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިތަށް ހުށަހަޅާ ސަބަބު ދައުވާ ފޯމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 141 ވަނަ މާއްދާގެ (ހ)
މި ޤާނޫނުގެ 140 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތުތައް ގުނުމުގައި، ޝަރީއަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށްޓަކައި ހޭދަވާ ވަގުތެއް ނުހިމެނޭނެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 141 ވަނަ މާއްދާގެ (ށ)
މި ޤާނޫނުގެ 140 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އެންމެ ލަސްވެގެން ޝަރީއަތް ފެށެންވާނެ ކަމަށް އެ މާއްދާގައި ބަޔާންވެގެންވާ މުއްދަތު އިތުރުކޮށްދިނުމަށް ދައުވާ ލިބޭ ފަރާތުން އެދިއްޖެނަމަ، އެއީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ މަޞްލަޙަތު އޮތްކަމެއް ކަމަށް ކޯޓަށް ފެންނަ ޙާލަތެއްގައި، އެ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.

މިއަދުގެ ޝަރީއަތުގައި މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވީ، މުއްދަތު ގުނުމުގައި ބަލާނީ ދައުލަތުންވެސް ފާހަގަކުރެއްވި ގޮތަށްކަމަށް ޝަރީއަތުންވެސް ދެކޭ ކަމަށާއި، އެހެންކަމުން ސިނާންގެ ބަންދަށް ލުޔެއް ދޭންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަށް ޝަރީއަތުން ނުދެކޭ ކަމަށެވެ. ނަމަވެސް ސިނާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ ދައުވާގެ ޝަރީއަތް އަވަސް ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ހައިލަމް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަކީ މި މައްސަލައިގައި ސިނާންގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ބާރަ ހުށަހެޅުމަށް ޝަރީއަތުން ގޮތެއް ނިންމެވުމަށް ބެއްވި އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ ހައިލަމް ނިންމަވާފައިވަނީ ސިނާންގެ ފަރާތުން ހުށަހެޅި އެއްވެސް ހުށަހެޅުމަށް ބަލައިނުގަތުމަށެވެ.

އެކެއް ފެބުރުވަރީގެ އަމުރާ ގުޅިގެން ސިނާންގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ސީޕީ އަރީފުގެ މައްޗަށްވެސް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވާއިރު، ނިރުބަވެރިކަމުގެ ދައުވާ ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.