މޯލްޑިވްސް މީޑިއާ ކައުންސިލުން މަސައްކަތް ކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ އަންހެން ނޫސްވެރިން އަޅުންނަށް ހަދަން ކަމަށް "ވަގުތު" އިން ބުނެފިއެވެ.

"ވަގުތު" އިން މިހެން ބުނީ މީޑިއާ ކައުންސިލްގެ މެންބަރު އަހްމަދު ޝާފިއު "ވަގުތު" ގައި މަސައްކަތް ކުރަމުން އަންނަ އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ހުތުރު އަމަލު ތަކުރާރުކޮށްފައި ވާއިރުވެސް އޭނާ ދިފާއު ކުރަން މީޑިއާ ކައުންސިލްގެ ބައެއް މެންބަރުންނާއި ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން ކުރަމުން އަންނަ މަސައްކަތް ކުށްވެރިކޮށް ދެންމެ ނެރުނު ބަޔާނެއްގައެވެ.

ޖިންސީ ފުރައްސާރަ ކުރި އަހްމަދު ޝާފިއު ސަސްޕެންޑް ކުރަން މީޑިއާ ކައުންސިލުން ނިންމި ނިންމުން ބަދަލުކޮށް، އަނެއްކާވެސް އޭނާ އާއި މަސްއޫލިއްޔަތުތައް ހަވާލުކުރަން ކައުންސިލްގެ ރައީސް ރައީސް މުހައްމަދު ޝަފާއު ހަސަން އާއި ކައުންސިލްގެ ބައެއް މެންބަރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ ދިވެހިރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް ހާއްސަކޮށް އަންހެން ނޫސްވެރިންނަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް "ވަގުތު" އިން ބުންޏެވެ.

"ޖިންސީ ފުރައްސާރައިގެ ހުތުރު އަމަލު ހިންގާފައިވާ މެންބަރު މީޑިއާ ކައުންސިލްގައި އިނުމަކީ އަދި އޭނާގެ ދިފާއުގައި މީޑިއާ ކައުންސިލުން މަސައްކަތް ކުރުމަކީ އަންހެން ނޫސްވެރިން "އަޅުންނަށް ހެދުމަށް" ކުރަމުން އަންނަ މަސައްކަތެއް ކަމަށް "ވަގުތު" އިން ގަބޫލު ކުރަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

"ވަގުތު" އިން މިއަދުވެސް ތަކުރާރުކޮށް ގޮވާލަނީ ޖިންސީ ފުރައްސާރައިގެ ހުތުރު އަމަލު ހިންގާފައިވާ އަހްމަދު ޝާފިއު މިހާރުން މިހާރަށް މީޑިއާ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދިނުމަށް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އަހްމަދު ޝާފިއު އާއި ގުޅޭގޮތުން "ވަގުތު" އިން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އަވަހަށް ތަހްގީގުކޮށް، މިމައްސަލައިގައި އިންސާފު ގާއިމުކޮށްދިނުމަށް "ވަގުތު" އިން ވަނީ އެދިފައެވެ.

"ވަގުތު" އިން ބުނީ ޖިންސީ ފުރައްސާރައިގެ ހުތުރު އަމަލު ހިންގި އަހްމަދު ޝާފިއުގެ މައްސަލަ ބަލައި އިންސާފު ގާއިމު ކުރުމަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ހުރިހާ އަންހެނުން އަދި ހާއްސަކޮށް ހުރިހާ އަންހެން ނޫސްވެރިންގެ ހައްގުގައި ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އަހްމަދު ޝާފިއު އަންހެން ނޫސްވެރިޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ މިދިޔަ އާދީއްތަ ދުވަހު "ވަގުތު" އިން ވާނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުބާރިކު

    ވަގުތު އިން ތިކުރާމަސައްކަތަށް ﷲ ތައާލާ ބަރަކާތް ލަށްވާށިއެވެ .

    7
    1
  2. އަން ރިޒޯލްވްޑް

    ޝަފާއު ކާކުކަން އަހަރެން ރަނގަޅަށް ދަންނަން،