ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް، އުތުރު ކޮރެޔާގެ އުޅަނދަކާ މުދާ ބަދަލުކޮށްފައިވަނީ ރާއްޖޭގެ އުޅަނދެއް ނޫންކަމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ މިއަދު ނެރުއްވި ނޫސް ބަޔާނެއްގައެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުން، ރާއްޖޭގެ ދިދަ ނަގައިގެން ދަތުރުކުރި އުޅަނދަކުން، އުތުރު ކޮރެޔާގެ އުޅަނދަކާ، ޤަވާއިދުތަކާ ޚިލާފަށް މުދާ ބަދަލުކުރިކަން، ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމަކުންވަނީ އަންގާފައެވެ. އަދި، ބެލި ބެލުންތަކުން އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫންކަމަށްވެސް، މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މީގެއިތުރުންވެސް، މިނިސްޓްރީން ވިދާޅުވެފައިވަނީ ރާއްޖެއަކީ އެހެން ޤައުމުތަކުގެ އުޅަނދުތައް ރަޖިސްޓްރީ ކުރެވޭ ޤައުމަކަށް ނުވާތީ، އެއުޅަނދަށް ރާއްޖޭގެ ދިދަ ނަގައިގެން ދުއްވޭނެ އެއްވެސް ހަމައެއްވެސް ނޯންނާނެކަމަށެވެ.

ރާއްޖޭގެ ދިދަ ނަގައިގެން ދުއްވާފައިވާކަމަށް ބުނާ އުޅަނދަށް ކިޔަނީ "ޝިން ޔުއާން 18" އެވެ. އެއުޅަނދުން މުދާ ބަދަލުކުރި އުތުރު ކޮރެޔާގެ އުޅަނދަށް ކިޔަނީ "ޗޮން މަ ސަން" އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެއުޅު

    ހަހެ.. ޑިފެންސް މިނިސްޓްރީން ތަ މިކަން ސާފްކޮށްދޭން ވެސް މިޖެހުނީ؟ ކަމާއި ގުޅޭ އެހެން މީހުން ކޮބާބާ؟ ހަމަޖެހޭ ވާހަކަ ދައްކާ ޑިފެންސުން ވެސް...