ޕާކިސްތާންގެ ވާނާގައި ހިނގަމުންދިޔަ ހަނގުރާމައިގައި ބައިވެރިވި ކަމަށްބުނެ، ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ރ.ކަނދޮޅުދޫ، ފީރޯޒްގެ، މުޙައްމަދު އަބްދުއްރަޙްމާންގެ އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ދާދި ދެންމެ ބާތިލުކޮށްފިއެވެ.

މި ދައުވާ ބާތިލުކޮށްފައިވަނީ މައްސަލައިގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މުޙައްމަދު އަބްދުއްރަޙްމާން ޝަރީއަތުގެ ކުރިން ހުށަހެޅުއްވި ހުށަހެޅުމަކާމެދު ޝަރީއަތުން ގޮތް ނިންމަވަމުންނެވެ. ދިފާޢުން ހުށަހެޅީ، ދައުވާ ކުރާ ޤާނޫނު، (ޓެރަރިޒަމް މަނާކުރާ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިންގާފައިވާ ކަމަކަށް، އެޤާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެކަމަށް ބުނެއެވެ.

ދައުވާ ލިބޭ ފަރާތުގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، މި ދައުވާގެ ޞީޣާގައި ބުނެފައިވަނީ 2007 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ދައުވާލިބޭ ފަރާތް، ޕާކިސްތާނުގެ ވާނާގައި ދިރިއުޅެމުންދިޔަ ކަމަށާއި، ޕާކިސްތާނުގައި ހިނގާ ހަނގުރާމައިގައި ބައިވެރިވެފައިވާ ކަމަށް ކަމަށެވެ. އަދި ދައުވާ ކުރާ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ކަމަށާއި، ޤާނޫނަށް އަމަލުކުރަން ފެށިފަހުން ދައުވާ ލިބޭ ފަރާތް ވާނާގައި އުޅުނުކަން އަދި ހަނގުރާމައިގައި ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
މި ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނަމުން ދިޔައީ މުޙައްމަދު ޢަބްދުއްރަހްމާން ރާއްޖެ އައިސްފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު ކަމަށާއި، ޤާނޫނަށް އަމަލުކުރަން ފެށިފަހުންވެސް ހނަގުރާމައިގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް ސީދާ އެކަން އެނގެނީ ކޮން ކަމަކުން ކަމެއް ދައުލަތުން ވިދާޅެއް ނުވެއެވެ.

އެހެންކަމުން ދިފާއުގެ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ ގޮތުން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަޙްމަދު ހައިލަމް ވަނީ ދައުލަތާ ސުވާލު ކުރައްވާފައެވެ. ޤާނޫނަށް އަމަލުކުރަން ފެށިފަހުން ދައުވާގައި ބުނާ އަމަލު ކޮށްފައިވާކަން އެއްވެސް ހެއްކަކުން އެނގެން އޮންނާނެތޯ އެއްސެވުމުންވެސް ދައުލަތުން ވިދާޅުވީ އެނގެން އޮންނާނެ ކަމަށެވެ.

އެކަން ސީދާ އެނގެން އޮންނާނެ ހެއްކާއި، ސަޕްހާ ނަންބަރުތައް ސާފުކޮށްދެއްވުމަށް ގާޒީ ދައުލަތުގެ ވަކީލުންނަށް އެންގެވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ، ހުށަހެޅިފައިވާ ސިއްރު ހަތަރު އިންޓެލް ރިޕޯޓްތުން އެނގެން އޮންނަ ގޮތުގައި ދައުވާ ލިބޭ ފަރާތް ރާއްޖެ އައިސްފައިވަނީ 2016 ވަނަ އަހަރުގެ އެޕްރިލް މަހުގެ 28 ވަނަ ދުވަހު ކަމަށާއި، އޭރުވެސް ވާނާގައި ހަނގުރާމަ ހިނގަމުންދާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުން ތަކުރާރުކޮށް ބުނަމުންދިޔައީ، އިންޓެލް ރިޕޯޓްތަކުން އެނގޭ ގޮތުގައި ދައުވާލިބޭ މުޙައްމަދު އަބްދުއްރަހީމް ވާނާގައި ދިރިއުޅުނު ކަމަށާއި، އެތަނުގައި ހަނގުރާމަތައް ހިނގަމުންދިޔަ ކަމަށެވެ. ނަމަވެސް ގާޒީ ވަނީ އެވާހަތަކައް އިތުރަށް އައްސަވަން ބޭނުންފުޅުނުވެ، ދައުލަތުގެ ވަކީލުން އިށީންނެވުމަށް ދަންނަވާފައެވެ.

ގާޒީ މި ހުށަހެޅުމާމެދު ގޮތެއް ނިންމަވަމުން ވިދާޅުވީ، ދައުލަތުން އުފުލި މި ދައުވާގައި ބަޔާންކޮށްފައިވާ ފަދައިން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށި ތާރީޚުކަމުގައިވާ، 28 އޮކްޓޯބަރ 2015ގެ ފަހުން ދައުވާ ލިބޭ މުޙައްމަދު އަބްދުއް ރަޙުމާން، ޕާކިސްތާނުގެ ވާނާގައި ހިންގި ހަނގުރާމައިގައި ބައިވެރިވިކަން ދައުލަތުން ހުށަހެޅި އެއްވެސް ހެއްކެއް އަދި ސިއްރު އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށްވެސް ދައުލަތުގެ ވަކީލުންނަށް ބުނެދެވިފައި ނުވާތީ، ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ދައުވާއަކީ ބާތިލު ދައުވާއެއްކަމަށް ކަނޑައަޅުއްވާ ކަމަށެވެ.

ގާޒީ މިގޮތަށް ނިންމެވުމަށްފަހު އިތުރު އެއްވެސް ބަސްފުޅެއް ވިދާޅުވެފައި ނުވާއިރު، ބަންދުން ދޫކޮށްލުމަށް އަމުރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ދައުވާޅިބޭ މުޙައްމަދު ޢަބްދުއްރަހްމާންގެ މައްޗަށް އިތުރު ދައުވާއެއް އުފުލާފައި ނުވުމުން އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުން އޭނާ ބަންދުން މިނިވަންވާނެ ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ.

މި މައްސަލައިގައި ދިފާއުން ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، މި ދައުވާއަކީ މީހަކާ މެދުގައި ތުހުމަތު ކުރެވޭނެ މިންވަރަށްވެސް ހެކި ލިބިފައި ނުވާ މައްސަލައެއް ކަމަށް ބުނެ ހުށަހެޅި ހުށަހެޅުމެވެ. މި ހުށަހެޅުމުގައި ދިފާއުން ބުނެފައިވަނީ، މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތަހްޤީގު ބަޔާންތަކަށް ބަލާއިރު، ދައުވާ ލިބޭ ފަރާތް ވާނާގައި އުޅެނީ ހނަގުރާމަ ކުރަންކަމަށް އެއްވެސް ވަރަކަށް ބުނެފައި ނުވާ ކަމަށެވެ.

ދިފާއުން ބުނެފައިވަނީ މި ހާދިސާއަށްފަހު ދައުވާ ލުބޭ ފަރާތުން ތަހްޤީޤަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި، ވާނާގައި ދިރިއުޅުނު ކަމަށް އެއްވެސް ހާލަތެއްގައި އިންކާރު ކޮށްފައި ނުވާނެ ކަމަށެވެ. އަދި ހަށިގަނޑުގައި ޒަހަމްތަކެއްގެ އަސަރު ހުރިކަމަށް އިންޓެލް ރިޕޯޓްގައި ބުނުމަކީ މީހަކު ހަނގުރާމައިގައި ބައިވެރިވިކަމުގެ ހެއްކެއް ނޫން ކަމަށާއި، ދައުލަތުން މިގޮތަށް ދައުވާ އުފުލާނަމަ ހަމަލާއެއް ނުވަތަ އަނިޔާއެއް ލިބޭ ކޮންމެ މީހަކީ މާރާމާރީ ހިންގާ މީހެއްގެ ގޮތުގައި ދައުވާ އުފުލިގެންދާނެ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

ދިފާއުން ހުށަހެޅި ފުރަތަމަ ހުށަހެޅުމާއެކު، ދައުވާ ބާތިލު ކުރުމުން މި ހުށަހެޅުމަށް ޝަރީއަތުން ގޮތެއް ނުނިންމަވައެވެ. ނަމަވެސް، ދިފާއުގެ ހުށަހެޅުމުގެ ކުރިން ދައުލަތުން ހުށަހެޅި ދެ ހުށަހެޅުމަށް ގާޒީ ހައިލަމް ވަނީ ބަލައިގެންފައެވެ.

ދައުލަތުން ހުށަހެޅީ، މި މައްސަލައިގައި ދައުލަތުން ހުށަހަޅާ ތިން ސިއްރު ހެކިވެރިންގެ ހެކިބަސް ދައުވާ ލިބޭ ފަރާތާއި އެއްހާރު ނުވާނެ ގޮތަށް، އަޑު ބަދަލުކޮށްގެން ސިއްރުން ނަގައިދިނުމަށާއި، ސިއްރު ހެކިންގެ ބަޔާންތަކާއި، އިންޓެލިޖެންސް ރިޕޯޓްތައް ސިއްރު ކޮށްދިނުމަށެވެ. މި ހުށަހެޅުންތަކާ އެއްގޮތަށް ސިއްރުން ހެކިބަސް ނެގުމަށާއި، ހެކި ރައްކާތެރި ކުރުމުގެ އަމުރު ގާޒީ ވަނީ ނެރެދެއްވާފައެވެ.

މިއަދުގެ އަޑު އެހުމުގައި ދައުވާ ލިބޭ ފަރާތުގެ ވަކީލު އިތުރު ކަމެއްވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން ދައުވާ ލިބޭ މުޙައްމަދު ޢަބްދުއްރަހްމާންގެ ފައިގެ އޮޕަރޭޝަނެއް 2016 ވަނަ އަހަރުގެ އއޮކްޓޯބަރ މަހު ކޮށްފައިވާއިރު، އޮޕަރޭޝަނަށް އެއްމަސް ފަހުން އެކްސްރޭ ނަގައި ޑޮކްޓަރަށް ދެއްކުމަށް އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދެއްވާފައިވާ ލިޔުމުގައި ބުނެފައިވާއިރު، މިއަދާ ހަމައަށްވެސް އެކަނަ ކޮށްދީފައި ނުވުމާއި، މިހާރު ފައި އޮޕަރޭޝަން ކުރި ފައި އައްސިވުމުގެ މައްސަލަތައް ދިމާވާތީ އެކަމަށްވެސް ބޭސްފަރުވާ ކޮށްދީފައި ނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުވާ ލިބޭ ފަރާތުގެ މި ވާހަކަތަކަށް ޖަވާބުދާރީވުމަށް ގާޒީ ދައުލަތަށް އެންގެވުމުން، ދައުލަތުގެ ވަކީލުން ވިދާޅުވީ، "އަދި ޞިއްޙީ ހާލަތު ބެލިފައި ނެތް" ކަމަށެވެ.
މި މައްސަލަގައި ދައުލަތުން އުފުލި ރާއްޖޭން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ދައުވާ މިއަދު ބާތިލުކުރިއިރު، 2016 ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ދައުވާ ލިބޭ މުޙައްމަދު ޢަބްދުއްރަޙްމާން ހުންނެވީ ޖަލު ބަންދުގައެވެ.