ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހުޅުވާލައިފި އެވެ.

ވަކީލު ކަމުގެ ހުއްދަ ދެނީ ގާނޫނީ ދާއިރާ އިން ނުވަތަ ޝަރީއާ އިން ޑިގްރީއެއް ހާސިލް ކުރުމުންނެވެ. ޑީޖީއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ފޯމާއި ތަކެތި ފުރިހަމަ ކުރުމަށް ފަހު އެ ޑިޕާޓްމެންޓަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ނުލިބި ގިނަދުވަސްވާތީ ޝަކުވާ ލިބޭ ކަމަށާއި އެކަންތައްތައް ހައްލު ކޮށްދޭނެ ކަމައް ސަރުކާރުން ވަނީ ދާދި ފަހުން ބުނެފަ އެވެ. ޑީޖީއޭ އިން ކުރި އިއުލާނުގައި ހުޅުވާލި ފުރުސަތު ވަކި ދުވަހެއްގައި ބަންދުވާނެ ކަމަކަށް ބުނެފައެއް ނުވެ އެވެ.

ވަކީލުކަމުގެ ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލި އިރު، މިިދިޔަ ހޯމަ ދުވަހު ވެސް 180 އަށް ވުރެ ގިނަ މީހުންނަށް ވަކީލު ކަމުގެ ހުއްދަ ވަނީ ދީފައެވެ.