ކޮންމެ ގައުމެއްގައި ވެސް ނުވަތަ ކޮންމެ މުޖުތަމައެއްގައި ވެސް އެމުޖުތަމަޢެއް ނުވަތަ ގައުމެއް ބަލައިގެންފައިވާ "ކުށްތަކެއް" ހުރެއެވެ. އެއިން ކުށެއް ކޮށްފިނަމަ އަދަބު ވެސް ދެއެވެ. ފޮތުގައި ލިޔެވިފައި އޮންނަ ޤާނޫނު އަސާސީ އަކާއި ޤާނޫނުތައް ދުނިޔެއަށް އައުމުގެ ކުރިން ވެސް މިއުސޫލު ހިނގައެވެ. އެކަމަށް ތާރީޚް ހެކިވެއެވެ. މިއަދު ޤާނޫނު އަސާސީތަކާއި ޤާނޫނުތައް ލިޔެވި އެއަށް އަމަލު ކުރަން ފެށުމުން އަދި ވަކިން ހާއްސަކޮށް ކުށަށް އަދަބު ދެވެއެވެ. އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި އަދަބު ދެވެއެވެ. އެފަދަ ނިޒާމްތައް ހަމަ ކޮންމެ ގައުމެއްގައިމެ އެބަހުއްޓެވެ.

އިއްޔެ އަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ޖަލު ބަންދެއްގައި ހުންނަވާތާ 180 ދުވަސް ފުރިހަމަވި ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައިވާ ފަދައިން "މައުމޫނަކީ ޖަލުގައި ހުންނަވަން ޖެހޭ ބޭފުޅެއް ނޫނެވެ." ނަމަވެސް ކުށެއް ކުރުމުން މައުމޫން ވެސް ޖަލަށް ލާން ޖެހެއެވެ. އެނޫން ގޮތެއް ނޯންނާނެއެވެ.

ދެން އިދިކޮޅު މީހުން ބުނާ ވާހަކައަކީ މައުމޫން ކުށެއް ނުކުރެއެވެ. މައުމޫން ޖަލަށްލީ ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅު ވުމުންނެވެ.

ނޫނެކެވެ. ރައީސް މައުމޫނަކީ ކުށްވެރިއެއް ކަމަށް ކްރިމިނަލް ކޯޓުން އެވަނީ ޙުކުމް ކޮށްފައެވެ. ދެން ބުނާނެއެވެ. ރައީސް ޔާމީން ކޯޓްތަކަށް ނުފޫޒު ފޯރުވީއެވެ. އެހެންވިއްޔާ ބުއްދީގެ ހަމަތަކުން ބަލަމާ ހިންގަވާށެވެ.

ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ފުލުހުން ހިންގި ތަޙްޤީޤުގެ ބައެއް ބަޔާންތަކާއި ތަޙްޤީޤު ރިޕޯޓްތައް ލީކްވި ހަނދާން އަދި ތީގެ ތެރެއިން ގިނަ ބޭފުޅުން ހުންނާނެއެވެ. އޭގެތެރެއިން ލީކްވި އެއް ރިޕޯޓަކީ ފުލުހުންގެ ތަޙްޤީޤަށް ހޯދަން ބޭނުންވާ ހެކިތަކެއް މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފޮރުވި ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ފުލުހުން ތައްޔާރުކުރި ރިޕޯޓެވެ. އެރިޕޯޓް މިލިންކުން ފެނިވަޑައިގަންނަވާނެއެވެ.

އެރިޕޯޓްގައި ބުނެފައިވާ ގޮތުގައި 2018 ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ސަރުކާރުން ނެރުއްވި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ހިންގުނު އޮޕަރޭޝަންގައި މިމައްސަލައިގައި ތުހުމަތު ކުރެވުނު ފަރާތެއް ކަމަށްވާ މައުމޫން ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުކަމުގައިވާ މ.އެންދެރިމާގެ ބަލާފާސްކުރުމަށް ގޮސް މައުމޫން އާއި ބައްދަލުކުރުމަށް ފަހު، އެމަނިކުފާނުގެ މޯބައިލް ފޯން ކޮބައިތޯ އެހުމުން މޮބައިލް ފޯން ވީތަން ނޭނގޭކަމަށް ބުނެ މޯބައިލް ފޯން ފުލުހުންނާއި ހަވާލުކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ރިޕޯޓްގައި އިތުރަށް ލިޔެފައި އޮންނަ ގޮތުގައި މިމައްސަލައިގައި ފެބްރުއަރީ 17 ވަނަ ދުވަހު މައުމޫނާއި ސުވާލު ކުރިއެވެ. އެދުވަހު މައުމޫން ވިދާޅުވީ ފުލުހުންގެ ތަޙްޤީޤަކީ ޤާނޫނާއި ހިލާފު ތަޙްޤީޤެއް ކަމަށާއި ފުލުހުންގެ ސުވާލުތަކަށް ޖަވާބު ނުދެއްވާނެ ކަމަށެވެ. މައުމޫންގެ ފޯން ނަމްބަރު އެދުވަހު ވިދާޅުވެ ދެއްވި ނަމަވެސް ފޯން ވީތަނެއް ވިދާޅެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މައުމޫން މައްޗަށް ދައުލަތުން ދައުވާ ކުރީ އަދުލް އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ. މައުމޫން ފުލުހުންނަށް ފޯނުން ނުދެއްވާ ކަން އިސްވެ ދެންނެވި ރިޕޯޓުން ވެސް އެއޮތީ އެނގޭށެވެ. ފޯނު ފުލުހުންނަށް ދެއްވުމަށް މައުމޫނަށް އެންގިކަމާއި ފޯން މައުމޫން ނުދެއްވާކަން ކޯޓުގައި ހެކިބަސް ދިން މީހުންގެ ބަހުން އެއޮތީ ސާބިތުވާށެވެ.

މިހައި ސާފު މައްސަލައެއްގައި މައުމޫންގެ ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތައް ބެލުމަށް ފަހު އެމަނިކުފާނަކީ ކުށެއް ނެތް މީހެއް ކަމަށް ކަނޑައެޅިދާނެ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ލިބިގެންވާ ހަމަހަމަކަން ކޮބައިހެއްޔެވެ؟

ކޮންމެ މީހަކު ވެސް ހައްޔަރު ކުރުމުން ތިހައްޔަރު ކުރީ ޤާނޫނާއި ހިލާފަށް ކަމަށް ވިދާޅުވެ ފުލުހުންނަށް މައުލޫމާތެއް ދޭން ދެކޮޅު ހެދުމުން އޭނާގެ މައްޗަށް ދެން ޙުކުމެއް ނުކުރެވޭނެ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ ޤާނޫނުތަކެއް ހަދައިގެން އެޤާނޫނުތަކަށް ބޯލަނބަން ޖެހޭނެ ކަމަށް ކިޔައިދިނުމުގެ މާނައެއް ކޮބައި ހެއްޔެވެ؟

ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެއްކާއި ޤާރީނާ ހުއްޓާ ފެނުމުން ދެން އޭނާ އަށް އަދަބެއް އައުން ހުއްޓުވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލަށް ނުވަތަ ފުލުހުންނަށް ނުވަތަ ފަނޑިޔާރުންނަށް އޮންނަނަމަ ޤާނޫނުތަކުގައި ކުށާއި އެކުށުގެ އަދަބު ލިޔެގެން ތިބުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

މަގާމާއި ޝަރަފާއި ކޮށްދީފައިވާ ޚިދުމަތަކީ ކުށުން ބަރީޢަ ވެވޭނެ ސަބަބެއް ކަމަށް ވާނަމަ މިގައުމު ވާނީ އިންސާފެއް ހަމަހަމަކަމެއް ނެތް ގައުމެއް ކަމަށް އެހެން މީހުން ނުބުނާނެ ހެއްޔެވެ؟

ޖަލަކީ އެއްވެސް މީހަކު ބަންދުވާން ބޭނުންވާ ތަނެއް ނޫނެވެ. އެފަދަ އެކަހެރި ދިރިއުޅުމެއް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އަދި ހާއްސަކޮށް އާއިލާ މީހަކު، ގާތް އެކުވެރިޔަކު ޖަލަށް ލުމުން ދެން ތިބި މީހުން ކުރަން ޖެހޭ ހިތާމަ މާބޮޑެވެ. އެހެންކަމުން ޖަލުގައި އޮންނަ މީހެއްގެ ދިފާޢުގައި ވާހަކަ ދެއްކޭނެއެވެ. އެއީ ޠަބީއީ ކަމެކެވެ. ނަމަވެސް އޭގެ މާނައަކީ ހަޤީޤީގަތް އޮޅުވާލުމުގެ ޙައްޤު އަހަރެމެންނަށް ލިބިގެންވެއޭ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަހުމަދު

    ރައީސް މައުމޫނަކީ ކުށްވެރިއެއް ކަމަށް ކްރިމިނަލް ކޯޓުން އެވަނީ ޙުކުމް ކޮށްފައެވެ.ނޫނޫ މައުމޫނަކީ ކުށްވެރިއެއް..

  2. Anonymous

    ގާނޫން ދޯ ވަކިބަޔަކަށްދޯ އާ

  3. ނުޢައިމު

    އިޙްތިރާމް ލިބިގެންވަާ މި ބޭފުޅާވެސް އަންނިގެ ގުއިރޯނުގައި ޖެހި އަމިއްލަ ޝަޚްޞް އަމިއްލަ އަތުން ޤަތުލުކޮށްފިއެވެ. އަންނިގެ ވެރިކަމުގައި މިބޭފުޅާއަށް ލަނޑެއްދިނުމަށް މިބޭފުޅާގެ މައްސަލަތައްބަލަން އެކި ނަންނަމުގައި ކޮމިޝަންތައްހަދާ ބޮޑަތި ޚަރަދުތައްކޮށް އެންމެފަހުން ގަދަކަމުން ގެންގޮސް ބަންދުކޮށް އެތަކެއް މަލާމާތާ ޖެއްސުންތައްކޮށްވެސް ބޮނޑިއެއް ނުދެވިގެން އުޅެނިކޮށް އަންނިގެ ޚުދުމުޚްތާރު ވެރިކަން ވެއްޓުމުން ދެން މަސައްކަތްފެށީ މިބޭފުޅާލައްވާ ގޯސްހައްދުވައިގެން ބޮނޑިއެއްދިނުމަށެވެ. މިހާރު މިބޭފުޅާ އެ ދެކެމުންދަނީ އަމިއްލަ އަތުން ހެދި ގޯސްތަކުގެ ނަތީޖާއެވެ.

  4. ޔާމިން

    މައުމޫންވަނީއަމަލީގޮތުންޔިކަމުގާބައިވެރިވެފާ
    އެހެންވީމާ އެހެންނޫތޯ

  5. ށަރާ

    އްމެ ލޯބިވާ މީހާއަށްވެސް އަދހަބު ލިބެންޖެހޭ!
    ޢާންމު ރައްޔިތުމީހާ ޢމުރު ދހުވަހު އޮތަސް އޯކޭ .ސިޔާސީ މީހުން ބަލިވާނެ އަނެއްކަމެއްވާނެ .
    ޅަދހުގަނެ ބަލަ ހުރިހާ މޫނުތައްވެސް ހުރީ އެއް ގޮތަކަށޭ. ޥީއޮރ ހަމަހަމަ ކުރަން ވީ

  6. ނިހާނު

    ރައީސް ޔާމީން ބަރާބަރު! މަޢުމޫނަކީ ޖަލުގަ އޮންނަންޖެހޭ ބޮޑު ކުއްވެރިއެއް! ރައީސް ޔާމީން 2018

  7. ވިސްނާ

    ގާނޫނުގެކުރިމަތީގައި މޮޅެއް،ދެރައެއްނެތި އެންމެންހަމަހަމަވާންޖެހޭ ނަމަވެސް މިކަމަކީ
    ވަރަށްމަުދުންނޫނީ ނުފެންނަމަންޒަރެއް އަދި މިހާރުވެސް ބައެއްފަރާތްތަކަށް ހަޖަމުނުވާ
    ކަމެއް ނަމަވެސް ޤަވާއިދާއި ޚިލާފަށް ބޭފުޅެއްގެ ނުބައިކަންއަންގާލަން ޢަބްދުﷲގާޒީ
    ހައްޔަރުކުރުމުން އެކަން ރަގަޅުކޮށް އަތްޖަހާ ބޭފުޅުންތިއްބެވި ރ. ޔާމީނަށްސާބަސް
    ރަށްދުކުރަން ބޭބޭފުޅުވެސް ކުށެއްކުރައްވައިފިއްޔާ އެކަންގަބޫލްފުޅުކުރައްވާ ކޯޓުން
    ކުރައްވާހުކުމަކީ ޔާމީންކުރައްވާ ހުކުމެއްނޫން ބޭބޭފުޅުވެސް ޖަލަށްލެއްވުމުން އެކަން
    އެގޮތަށް ނިންމަވަންޖެހޭފަރާތުން ނިންމެވީ ބޭބޭފުޅުނަމަވެސް ކުށެއްކުރައްވައިފިނަމަ
    އަދަބުލިބެންޖެހޭނެކަން ގަބޫލްކުރައްވާތީކަމުގައިދެކެން އެއީ ޔާމީނުގެބޭބޭފުޅުކަމުގައިވާތީ
    މައްސަލަނިންމެވިކޯޓަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ނުފޫޒްފޯރުވުމަށް ރ.ޔާމީން އުޅުއްވާފަވާކަންއެގިފައިނުވޭ މިކަމުންއެގެނީ އެއީ އިންސާފުވެރިބޭފުޅެއްކަން

  8. ސުމްބާ ގޭންގް

    ހަދާންވާގޮތުން ފުލުހުން މައުމޫނު ހައްޔަރު ކުރަން ދިޔަވަގުތު މައުމޫނު އިންނެވީ ފޯނުން ޓްވީޓް ކުރައްވަން! އެހެންވީމާ ފޯނު ގަސްތުގަ ނުދެއްވީކަމަށް ބެލެވެނީ!

  9. ކިނބޫ ބުނި ފައިސަލޭ

    މަހުމޫނު ޖަލައްލީމަ ދެރަވޭ. އެކަމު ޖަލައްދާން ޖެހުނީ މިދުނިޔެވެސް ކުޑަވެގެން ބޮޑު ދުނިޔެއެއް ހޯދަން އުޅުމުން. 2018 ރައީސް ޔާމީން އިންޝާﷲ

  10. ފަޤީރު ކަލޯ!

    30 އަހަރުގެ ވެރިކަމެއްގައި ޤައުމަށް ހޯއްދަވައި ދެއްވި ތަރައްޤީގެ ކުލަވަރަށްވުރެ، އެކި ގޮތްގޮތުން ޤައުމަށް ގެނުވައިދިން ހަލާކާއި މުޞީބާތް މާބޮޑެވެ. 90 އަހަރުގެ ރާސްތާ އަށް ޤައުމުވަނީ ފަހަތައް ޖެހިފައެވެ. ޤައުމުގެ އަޚްލާޤާއި ސުލޫކު، ދީނާއި ވަތަނިއްޔަތު، ވަނީ އާޚްރަތް ފިޔަވައި ހަމައެކަނި ދުނިޔޭގެ އެދުމަށް ވިއްކައިލާފައެވެ. ޤައުމު ނަންމުސްލިމު ޤައުމަކަށް ހަދާލައިފައެވެ. ދިވެހި ޤައުމިއްޔަތު
    މުލުން ލުހެލާފައެވެ. އުޅޭކަށް ވަކިގޮތެއް ނެތް ހަޔާތެއް އަގަލެއްނެތް ބަކަރި ކޮށްޓަކަށް ދިވެހިން ހައްދުވާފައެވެ. ދުނިޔޭގައިވެސް ކޮންމެވެސް ހިސާބަކުން އަދަބު ލިބެންޖެހޭނެކަން އޭރުގައިވެސް އަހުރެން ޤަބޫލުކުރީމެވެ. މޮޅަށް ދެނެވޮޑިގެންވާނީ ކީރިތި ވަންތަﷲ އެވެ. މައުމޫނަށް އަނިޔާ ކުރުން އެއީ އަހުރެން އެދޭކަމެއް ނޫނެވެ. އެކަމަކު ކޮންމެ މީހަކަށްވެސް ކުށުގެ ޙައްޤު އަދަބު ލިބެންޖެހޭނެއެވެ.

  11. ހަރިކާން

    އަންނި މައުމޫނު ޖައްސަން ޖެހި ގުއިރޯނުގަ ތިއޮތީ ޖެހިފަ ދެން ޖަލުގަ އޮވެގެން ވަކިބަޔަކު ސަލާމަތްވާ ވާހަކަ ދެއްކީމަ އަންނިވެސް ހީހީ ކަލާކުވާނެތާދޯ.

  12. އަލީ

    ކަލޯ ކިހާ ވަރެއް ދީގެން މިރިޕޯޓް ތަށް ތިޔަ ލިޔެނީ ، ފާޑުފާޑަށް މައުމޫނާއި ބެހޭގޮތުން މިދުވަސްވަރު ތިކަހަލަ ލިއުންތައް ލިއެގެން ޔާމީނުގެ ސަޕޯޓް ގެއްލޭނީކަން ތިސޮރަށް ނޭގުނަސް އަހަރަމެނނަށް އެގޭ

  13. ހާލިދު ބުން ވަލީދު

    ބަލަގަ ޔާމީން އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާވުމުންވެސް އެކަން ބެލޭނެ ގޮތެއް ނެތް ބަޔަކަށް ދެން ކޮން ގާނޫނެތް ގެ ވާހަކަ އެއް ދޯ..

  14. އަބްދުއްލާ

    ގާނޫނުއަސާސީގެ 17 ވަނަ މާއްދާގަ އޮތީކީކޭތޯ ބަލާބަލަ. އެމީހަކު ވަކި އާއިލާއަކަށް ނިސްބަތް ވީތީ ވަކިފެންވަރުގެ މަގާމެއް ފުރާފަވާތީ ތަފާތު ނުކުރަން ވަނީ ގާނޫނުގަ ކަނޑައަޅާފަ. ކުށެއް ކޮށްފިނަމަ ގާނޫނުގައިވާއަދަބާ ކުރިމަތިލާންޖެހޭނެ

  15. ައަމާ

    ވަކި އަތަކަށް ޖެހިފައިވާ ރިޕޯޓެއްކަމަށް ފާހަގަ ކުރެވޭ.

  16. ައާބި

    ރައީސް ޔާމީނުގެ ވެރިކަމުގައި ޢަދުލު އިންސާފު ލިބެނީ ޔާމީނަށް ތާއީދުކުރާމީހުންނަށް އެކަނި، އަދި އެބައެއްގެ މައްޗަށް ޤާނޫނު ހިނގަނީވެސް ހަމައެކަނި ޔާމީނު ބޭނުންވާ ބައެއްގެމައްޗަށް ، މިކަމުގެ ދިރިހުރި އެއް މިސާލު ދަންނަވާލާނަން، މީހަކު ތިމަންނާއަތަށް ބަހަންދިން ރިޝްވަތު ފައިސާ ގޯންޏަކަށް އަޅައިގެން އެގޯނި ކޮނޑަށް ލައިގެން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ބަހަމުން ހިނގީ ތިމަންނާއޭ ބުނެ ފަޚުރުވެރިކަމާއެކު އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ އަދި ރާއްޖޭގެ ޤާނޫނުތަކުގައި ބޮޑުކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެމުޑުދާރު ޢަމަލަށް އިޢުތިރާފުވެ ވާހަކަ ދެއްކި މެމްބަރަށް އެއްވެސް އަދަބެއް ނުދީ އަދި އޭނައަކީ ޔާމީނަށް ތާއީދުކުރާ މީހެއްވީމަ ޢިއްޒަތުގަ އެވަނީ ބަހައްޓާފަ، މީ މިއަދު ފެންނަން އޮތް ޙަޤީޤަތަކީ،