ކ-ވ: ނަދީމް އިބްރާހިމް، އަޙްމަދު އަޝްރަފް، މުޙައްމަދު ޔާމީން، އަޙްމަދު ނާޞިރު، އިބްރާހިމް ސާމިޢު އަދި ޢަބްދުﷲ ސަޢީދު - ފޮޓޯ: ޕޮލިސް
ކ-ވ: ނަދީމް އިބްރާހިމް، އަޙްމަދު އަޝްރަފް، މުޙައްމަދު ޔާމީން، އަޙްމަދު ނާޞިރު، އިބްރާހިމް ސާމިޢު އަދި ޢަބްދުﷲ ސަޢީދު - ފޮޓޯ: ޕޮލިސް

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ތަފާތު މައްސަލަތަކުގައި އެކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ 6 މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކުރުމާއި ގުޅިގެން މި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ހޯދަމުންދަނީ ޏ. ފުވައްމުލައް، މޯޝަން، ނަދީމް އިބްރާހިމް (25އ) އާއި ތ. ތިމަރަފުށި، ވާރޭވިލާ، އަޙްމަދު އަޝްރަފް (24އ) އާއި ސ. ފޭދޫ، ނީލްވިލާ، މުޙައްމަދު ޔާމީން (24އ) އާއި ނ. މިލަދޫ، ސިނަމާވިލާ، އަޙްމަދު ނާޞިރު (27އ) އާއި ސ. މަރަދޫ، މާޖެހިގެ، އިބްރާހިމް ސާމިޢު (44އ) ގެ އިތުރުން ޏ. ފުވައްމުލައް، އަންނާރުމާގެ، ޢަބްދުﷲ ސަޢީދު (31އ) ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި މީހުންގެ ތެރެއިން ނަދީމް އިބްރާހިމްއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެކެވެ.

އަދި އަޙްމަދު އަޝްރަފްއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެކެވެ.

މުޙައްމަދު ޔާމީންއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރަކާއި ހަވާލުވެ ކޯޓަށް ހާޒިރުވެފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެފައިވާ މީހެއް ކަމަށާއި އަޙްމަދު ނާޞިރުއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން އިބްރާހިމް ސާމިޢު އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވެގެން ހާޒިރުކުރެވިފައިނުވާ މީހަކަށްވާއިރު ޢަބްދުﷲ ސަޢީދު އަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ADS BY SHEESHA

މިމީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށާއި ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް އެންގުމަށް ފުލުހުން އެދެ އެވެ.

Comments are closed.