ނ.އަތޮޅު ރައްޔަތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނާއި، ހުނަރު އާލާކޮށްދިރުވުމާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ވާދަކުރެވޭފަދަ ދަރިވަރުން އުފެއްދުމުގެ މަޤުޞަދުގައި ނ.އަތޮޅުގެ ހުރިހާ ސްކޫލްތަކަށާއި، ޤުރުއާން ކްލާސްތަކަށް ހުޅުވާލައިގެން އޮގަސްޓްމަހުގެ 2 ން 4 އަށް ނ.މަނަދޫގައި ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ.

މިމުބާރާތުގައި 9 ރަށަކުން 8 އުމުރުފުރައިން 114 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މިމުބާރާތުގެ ހާއްޞަ މެހްމާނުންގެ ގޮތުގައި ދިވެހިރާއްޖޭގެ އެންމެއަލިގަދަތަރި ޖޫނިއަރގެ ފަޚުރުވެރި 1 ވަނަ 2 ވަނަ ހޯދާފައިވާ ނ.އަތޮޅުގެ ދެ ދަރިންކަމުގައިވާ އަލްހާފިޡު ނާދިޙް ޢަބުދުލްހަމީދު ނ.މާފަރު އާއި، މުޙައްމަދު ޝާޢީ މުބާރިކް ނ.ހޮޅުދޫ ބައިވެރިވެފައިވެއެވެ.

ނ.އަތޮޅު ކައުންސިލުން ބުނީ އެދެދަރިވަރުން އަތޮޅަށް ރީތިނަން ހޯދައިދީފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ނ.އަތޮޅު ކައުންސިލުން ވަނީ ހަނދާނީ އަށްޑަނައެއް އެރުވިކަމަށެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ލޯއެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފްއެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފީގެ 1 ވަނަ އަށް އަސްކޮއި އިންވެސްޓްމަންޓްގެ ފަރާތުން އުމުރާ ދަތުރެއް އަދި ނުބަލާކިޔެވުމުގެ ގޮފީގެ 1 ވަނައަށް ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ ފަރާތުން އުމުރާދަތުރެއް ވަނީ ދެއްވާފައެވެ.

ނ.އަތޮޅުގައި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު
ނ.އަތޮޅުގައި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު

މުބާރާތުގެ ބަލައިގެން ކިޔެމުގެ ގޮފީގެ 1 ވަނަ ހޯދާފައި ވަނީ ފާތިމަތު ރަހާ ޒުހުރީ ނ.ހޮޅުދޫ، 2 ވަނަ އާމިނަތު ޝިބާ އަހުމަދު މޯނިންގވާދީ ހޮޅުދޫ، 3 ވަނަ ފާތިމަތު ލުބާނާ ޢަބުދުއްރަހުމާން ނ.މަނަދޫ އެވެ.

މުބާރާތުގެ ނުބަލާ ކިޔެމުގެ ގޮފީގެ 1 ވަނައަށް އައިސްފައިވަނީ ސައިމް ބިންތު އައްބާސް ނ.ހޮޅުދޫ ، 2 ވަނަ ލަމްސާ މުޙައްމަދު ނ.މާފަރު ، 3 ވަނަ މުހައްމަދު ޒީކް ސިރާޖް ނ.ހޮޅުދޫއެވެ.

މުބާރާތުގެ 1 ވަނަ ރަށަކަށް ހޮވިފައިވަނީ ނ.ހޮޅުދޫއެވެ. 2 ވަނަރަށަކަށް ހޮވިފައިވަނީ ނ.މާފަރެވެ. 3 ވަނަރަށަކަށް ހޮވިފައިވަނީ ނ.ހެނބަދޫއެވެ. މީގެ އިތުރުން އުމުރުފުރާތަކުގެ ވަނަތައްވެސްވަނީ ހޮވިފައެވެ. މުބާރާތުގެ 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވުނު ރަށްރަށަށް އެވޯރޑް ދެއްވާފައި ވެއެވެ.

މިއީ ނ.އަތޮޅުކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.