ދިވެހި ރާއްޖޭގެ އަމާންކަން ނަގާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފު އުމަރު ވިދާޅުވުމުން، އެމައްސަލަ ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މިނިސްޓަރު ހާޟިރުކުރުމަށް ހުށަހަޅައިފިއެވެ.

މިނިސްޓަރ އާދަމް ޝަރީފު އުމަރު، މަޖިލީހުގެ ކޮމިޓީ އަށް ހާޟިރުކުރުމަށް ހުށަހަޅާފައިވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕާޓީތަކުގެ މެންބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ މައްޗަންގޯޅި އުތުރު ދައިރާގެ މެންބަރު މާރިޔާ އަޙުމަދު ދީދީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު، އިބްރާހީމް މުޙައްމަދު ދީދީ އެވެ.

މިކަމަށް އެދި މި މެންބަރުންވަނީ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، ކެނދިކުޅިދޫ ދާއިރާގެ މެންބަރު އަލީ މައުރޫފަށް އެޑްރެސްކޮށް ސިޓީއެއް ހުށަހަޅުއްވާފައެވެ.

އިދިކޮޅު މެންބަރުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގެ އަމަންކަމާއި ސަލާމަތާ ގުޅުންހުރި ކަމެއްގެ މައުލޫމާތު، އަމިއްލަފުޅު ފޭސްބުކު ޕޭޖުގައި ހާމަކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްކަމުގައެވެ. ހަމައެހެންމެ، ރާއްޖޭގައި، ދިވެހި ރައްޔިތުން އަމަންކަމާއި ސަލާމަތްތެރިކަމާއެކު އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ، ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާއެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު، ފޭސްބުކު ޕޭޖުގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގެ ޤައުމު ހަލަބޮލިކޮށް، ޤައުމުގެ އަމާންކަން ނަގާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ، އަދި، އެކަންކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން، ވަރަށް ގާތުން ބަލަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަތޮލް

    މިއުޅެނީ އިންޑިޔާއިން ބޭނުންވެގެން އުޅޭ މައުލޫމާތެއް ހޯދަން. ކިހާ ވަރަކަށްތޯ އެމީހުންގެ ރޭވުންތައް ދިވެހި އަސްކަރިއްޔާއަށް ފަޅާއަރާފައި އޮތްވަރެއް ބަލަންވެގެން މިއުޅެނީ.