އަޅުގަނޑު މިހެން ދެންނެވުމުން ބައެއް ބޭފުޅުން ވިދާޅުވާނީ، ތިޔައީދެން ވަކި ފިކުރެއްގައި ހުރެގެން ބުނާ އެއްޗެއް ކަމަށެވެ. އަނެއް ބަޔަކު ގަބޫލުކުރާނީ ވަކިފަޅިއެއްގައި އަޅުގަނޑު ހުރެގެން ދައްކާ ވާހަކައެއް ކަމަށެވެ. ހަމަގައިމުވެސް "ބަސް ނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް އެރުމޭ" ބުނާ ބަހުގެ މާނަ އަކީ ދިވެހީންގެ މެދުގައި އާ ވާހަކައެއް ނޫނެވެ. މިއީ ދުވަސްވީ މީހުންގެ ހަރުބަހެކެވެ. ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ ހަޔާތާއި އެހާމެ ގުޅުން ހުރި މާނަތިލަ ވަރަށް ސާދާ ނަސޭހަތުގެ ބަސްކޮޅެކެވެ.

މި ބަސްކޮޅުގައި ފޮރުވިފައިވާ މާބޮޑު މާނައެއް ނެތެވެ. ދެފޮޅުވަތް ދޭތެރެއިން ދަމައި ނެރެވޭނެ އެހެން މާނައެއްވެސް ނެތެވެ. އެ ބުނާ އެއްޗެސް ވަރަށް ސާފެވެ. ވަރަށް ސާދާވެފައި ވަރަށް ފަސޭހައިން އޮޅުން ފިލައެވެ. ދެން މިހާހިސާބުން އުފެދޭނެ ސުވާލަކީ މި ބަސްކޮޅާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހީމް މުހަންމަދު ސޯލިހު ނުވަތަ އިބޫއާއި ގުޅުވީމާ އުފެދޭނެ ސުވާލު ތަކެވެ. އެސުވާލު ތަކުގެ ޖަވާބު ކުރިއަށް ވަޑައިގެން ވަރަކަށް އޮޅުންފިލާވަޑައިގަންނަވާނެއެވެ. އަޅުގަނޑާއިއެކު ކުރިއަށް ވަޑައިގަންނަވާށެވެ.

އެމްޑީޕީގެ އިސް ސަފުގައި ހިމެނިވަޑައިގަންނަވާ ބޭބޭފުޅުންގެ ތެރެއިން އިބޫ އަކީ ވަރަށް ލޮނުމަޑު މަޑުމައިތިރި ބޭފުޅެއް ކަމަކު، އެލޮނުމަޑުކަމާއި މަޑުމައިތިރި ކަމަކީ އެމީހަކު ޒިންމާނަގަން ޖެހޭ ތަނެއްގައި ޒިންމާ ނެގުމަށް ބަހަނާއަކަށް ނުވާނެއެވެ. އަދި އެއީ އެމީހަކު އެއްވެސް ޒިންމާއަކުން މަހުރޫމު ވުމަށް ދެއްކޭނެވެސް ބަހަނާއެއް ނޫނެވެ. އެހެން މިދެންނެވީ އެމްޑީޕީގެ އިސް ސަފުގައި، ޒިންމާ ނަގަންޖެހިވަޑައިގަންނަވާ މަގާމެއްގައި އިބޫ ހުންވަނިކޮށް އެމްޑީޕީން ގޯސްކަމެއް ކުރިޔަސް ރަނގަޅު ކަމެއް ކުރިޔަސް އެކަމުގެ ޒިންމާ އިބޫ ނަންގަވަން ޖެހިވަޑައިގަންނަވާނެ ވާހަކައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް، އެމްޑީޕީގެ މެންބަރުން ކޮންމެ ގޮތަކަށް ނިންމައިގެން ވިޔަސް ދިނީ އެޕާޓީގެ ލީޑަރު ކަމަށް އެމީހުން އަބަދުވެސް ދެކިގެން ތިބި ކުރީގެ ރައީސް މުހަންމަދު ނަޝީދަށެވެ. އެޓިކެޓް އިބޫއަށް ލިބިވަޑައިގެންނެވީ ނަޝީދު ހިތާއި ދެކޮޅަށް ނަމަވެސް އެޓިކެޓް ދޫކޮށްލެއްވުމުންނެވެ. ބޮޑެތި މާސިންގާ ޝަރުތު ތަކަކާއި އެކުގައެވެ. އެންމެ ފުރަތަމަ ޝަރުތަކީ ކޮންމެ ހިސާބަކުން ވިޔަސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ހަނި ފުރުސަތެއް ލިބިވަޑައިގެންނެވިޔަސް ޓިކެޓް ނަޝީދަށް އަނބުރާ ދެއްވުމެވެ. ނުވަތަ އަނބުރާ އަތުލެއްވުމެވެ. ދެވަނަ ޝަރުތަކީ ދޮޅު އަހަރުގެ ތެރޭގައި އަލުން ރިޔާސީ އިންތިޚާބެއް ފޯރުކޮށްދެއްވުމެވެ. އަނެއް ޝަރުތަކީ އެމީހުން ގަބޫލުކުރާ ހުރިހާ ސިޔާސީ ކުށްވެރިން ވަގުތުން މިނިވަން ކުރުމެވެ.

"ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް އެރުމާއި" މިކަންކަމާއި އޮތީ ކޮން ގުޅުމެއް ބާވައޭ ބައެއް ބޭފުޅުން މިހާހިސާބުން ސުވާލުކޮށްފާނެއެވެ. އަދިވެސް ކުރިއަށް ވަޑައިގަންނަވާށެވެ. އޭރުން އެސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބު ލިބިވަޑައިގަންނަވާނެއެވެ.

ހަތެއް ފެބްރުއަރީގައި އެމްޑީޕީގެ ނުވަތަ ނަޝީދުގެ ވެރިކަން ވެއްޓުނުފަހުން ނުވަތަ އިސްތިއުފާ ދެއްވިފަހުން އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު އިބޫ އާއި ބައްދަލުކުރެއްވިއެވެ. އޭނާ އިބޫއާއި ބައްދަލު ކުރެއްވީ އަޅުގަނޑުމެން ކުރިއަށް ގެންދާ ކުޑަ މަސައްކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްބާރުލުމެއް ދެއްވުމުގައި ގެންގުޅުއްވާ ވިސްނުންފުޅަކާއި ބެހޭގޮތުން ފިކުރު ގެންގުޅުއްވާ ގޮތެއް އޮޅުންފިލުއްވައި ލައްވައި މަޝްވަރާކޮށްލެއްވުމަށެވެ. މި ބައްދަލުކޮށްލެއްވުމުގައި އިބޫ ދެއްކެވި ވާހަކަފުޅުގައި ހަތެއް ފެބްރުއަރީގެ ކަންތައްގަނޑާއި ގުޅޭ ގޮތުން ހަވާސާގައި ދެއްކެވި ވާހަކަ ތަކެއްގައި އިބޫ ވިދާޅުވެފައިވަނީ ހަތެއް ފެބްރައަރީ އައި އިރުވެސް ނަޝީދުގެ ވެރިކަން ނިމުކަށް އައިސްފައިވާ ކަމަށެވެ. އެ ތާރީޚު އައިއިރު، ނަޝީދުގެ ކޮންމެވެސް ސިޔާސަތަކާއި އިބޫ ދެކޮޅު ހައްދަވައިގެން "ގުޅުން" ކެނޑިފައިވާތާ މަހަކަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އިބޫ އޭނާގާތު ވިދާޅުވިއެވެ. އިބޫ ދެކޮޅު ހެއްދެވި ކަންކަމުގެ ތެރޭގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެން ނުވަތަ ނަޝީދުގެ ވެރިކަން ވެއްޓެން ދިމާވި ގިނަ ކަންކަން ހިމެނެއެވެ. އެކަމަކު އެފަހަރުވެސް އިބޫގެ ބަސް ނުވިކުނީ އަޅުގަނޑު މިދެންނެވިހެން "ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅުގައި" ހުންނެވުމުންނެވެ.

މިއަދު އިބޫއާއި ކުރިމަތިކުރުވަމުން ގެންދާ މިފަދަ ސުވާލުތަކަށް ޖަވާބު ދެއްވަން އުނދަގޫވެގެން އެއުޅުއްވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ. މިފަހަކުން އިބޫއާއި ކުރިމަތި ކުރުވި އެފަދަ އެއްސުވާލަކީ މިހާރު އެމްޑީޕީން ދެކޮޅު ހަދާ ކަމަށް ބުނެ އެއިސްލާހެއްގެ ދަށުން ސަރުކާރުން ކުރާ ކަންކަމަށް ހުރަސްއަޅައި ފާޑުކިޔަމުން ގެންދާ ޤާނޫނު އަސާސީއަށް ގެނައި މިދެންނެވި އިސްލާހަށް އެމްޑީޕީން ނުވަތަ އިބޫގެ އާރުކާޓީ ކަމުގައި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ތާއީދުކޮށް އެއިސްލާހު ފާސްކުރި ކުރުމާއި ގުޅުވައިގެން ކުރެވެމުންދާ ސުވާލެވެ.

ވަކި ޝަރުތުތަކަކާއި ކަނޑައެޅޭ ވަކި އަދަދެއްގެ ބޮޑެތި އިންވެސްޓްމެންޓް ތަކާއިއެކު ރާއްޖޭގެ ސަރަހައްދުން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސްކުރީ އިބޫގެ އާރްކާޓީ ކަމުގައި ހިނގަމުންދާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު މެންބަރުން ތާއީދުކޮށްގެންނެވެ. އެއިސްލާހު ފާސްކުރި މައްސަލައިގައި އެމްޑީޕީގެ މެންބަރުން ނުވަތަ އެޕާޓީގެ ފިކުރަށް ތާއީދުކުރާ މީހުން ކުރިމަތިކުރަމުންދާ ސުވާލު ތަކުގެ ޖަވާބުގައި އިބޫ ހަނުހުންނެވިޔަސް، އެޕާޓީން އެކަން އެގޮތަށް ކުރުމަށް ތާއީދު ކުރި ސަބަބެއް ވިދާޅުވެ ނުދެއްވުނަސް އަދި "އެއީ ގޯހަސް ރަނގަޅަސް" އެކަމުގެ ޒިންމާއިން އިބޫއަށް ރެކިވަޑައެއް ނުގެންނެވޭނެވެ.

މިފަދަ ސުވާލު ތަކުގެ ތެރެއިން ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމަށް މެދުވެރިވި ނުވަތަ އެޅުއްވި އެންމެ "ޅަ އެއްޗަކީ" އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ކަމުގައި ގިނަބަޔަކު ގަބޫލުކުރާއިރު "އެކަމާ ތިމަންނާ ދެކޮޅު ހެއްދެވީމޭ" ވިދާޅުވުމުން އިބޫ އަރާވަޑައިގެން ހުންނެވީ ހަގީގަތުގައިވެސް "ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް" ކަން ޔަގީންވެއެވެ. ނަޝީދު އިސްލާމްދީނާއި ދެކޮޅަށް ވާހަކަ ދައްކަވައި، ނުވަތަ ކީރިތި ރަސޫލާއާއި ދީނީ ޢިލްމު ވެރިންނަށް ހަޖޫޖައްސަވައި ދީނުގެ ހުކުމްތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވިއިރުވެސް އެކަން ކުށްވެރިކޮށް އެވާހަކަތަކާއި އިބޫ ދެކޮޅުކަން ހާމަ ނުކުރައްވައި ހުންނަވާފައި މިއަދު އެސުވާލު ކުރިމަތި ކުރުމުން ޖަވާބު ނުދެއްވުމަކީ ޒިންމާއިން ރެކިވަޑައިގެންނެވޭނެ ކަމަކަށް ނުވާނެއެވެ. ތިމަންނާ ލާދީނީ ސިޔާސަތު ތަކާއި ދެކޮޅޭ މިއަދު ވިދާޅުވިޔަސް އިބޫ މިހާތަނަށްވެސް އެކަމާއި ދެކޮޅު ނުހައްދަވައި ހުންނެވީ "ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުންނެވުމުން" ކަން ކަށަވަރުވެއެވެ.

ނަޝީދު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި "ސޫލާ ޝިރާޒު" ކިޔާ މަސްތުވާ އެއްޗެއް ބެއްލެވި ކަމަށް އިންޑިޔާގެ ނޫހެއްގައި ފޮޓޯއަކާއެކު ޖަހާފައިވާ ވާހަކައަށް އިބޫއަށް ޖަވާބު ނުދެއްވުނު ނަމަވެސް މިއަދު ރިޔާސީ ޓިކެޓް ހިއްޕަވައިގެން މުޅި ޤައުމުގެ ރައްޔިތުންގެ ގާތަށް ވޯޓު ހޯއްދަވަން ވަޑައިގަންނަވާއިރު އެކަމާއި ދެކޮޅަށް ވިޔަސް ނުވަތަ އެކަން ދިފާޢުކުރައްވައި ނަމަވެސް ބަސްވިދާޅު ނުވެވުނީ ބަސް ނުވިކޭ އޮޑިއެއްގައި ހުންނެވުމުން ކަމާއިމެދަކު އެއްވެސް ޝައްކެއްނެތެވެ. ނަޝީދު ދެއްވި ރޭޑިއޯ ޚިޠާބެއްގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، ރާއްޖޭގައި އަތް ކެނޑުމާއި މަރަށް މަރު ހިފުން ފަދަ ދީނީ ހުކުމްތަކާއި ތިމަން މަނިކުފާނު ދެކޮޅޭ، އެހުކުމްތައް ޤާނޫނުލް އުގޫބާތުގައި ލިޔާކަން ފެނިވަޑައެއް ނުގަންނަވައޭ ވިދާޅުވެ ވާހަކަ ދެއްކެވިއިރު އެކަމާއި ބަސްފުޅެއް ވިދާޅުވެ ހަނު ހުންނެވުމުންވެސް އިބޫގެ ބަސް، އެއޮޑީގައި ނުވިކޭކަން ވަރަށް ރީތިކޮށް ހާމަވެއެވެ. ޑްރަގާއި ދުރުކުރާން ހަކުރުނޫން އެހެން މަސްތުވާ އެއްޗެއް ބޯން ޖެހެއޭ ނުވަތަ ބޮވެން ޖެހޭނެއޭ ވިދާޅުވެ ވާހަކަ ދެއްކެވިއިރު އެ ބައްދަލުވުމުގައިވެސް އިބޫ "އަތްޖަހާން" އިންނަވާނެއެވެ. ވެރިކަން ލިބިވަޑައިގެންފިއްޔާ ގެންގުޅުއްވާނީ ނަޝީދު ގެންގުޅުއްވާ، ސައްވީސް ގަޑިއިރު އެންމެން ހަމައިގައި ތިބޭނެ ކަމަށް އަޅުގަނޑުމެން ހަމައިގައި ތިބޭ މީހުން ގަބޫކޮށްގެން ނުވާނެ" ސިޔާސަތު ތޯ ސުވާލު ކުރުމުން އިބޫ އަށް ދެއްވާނެ ޖަވާބެއް ނެތީ ނުވަތަ އޭރު އެވާހަކަތަކާއި އެސިޔާސަތުތަކާއި ދެކޮޅު ނުހެއްދެވީ ކީއްވެގެންތޯ ސުވާލު ކުރައްވައިފި ނަމަ ދެއްވާނެ ޖަވާބެއް ނެތީ އޭރު ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅުގައި ހުންނަވައިގެން ދަތުރު ކުރެއްވީމައެވެ.

މިހެންގޮސް މިފަދަ ވާހަކަތައް ދިގު ކުރާން މިތާނގައި ނުލިޔުނަސް އެހަރަ ކަންކަމަކީ ހަމަ އެސިޔާސީ ފިކުރުގައި ހަމަ އެ ސިޔާސީ ޓިކެޓް ހިއްޕަވައިގެން ނުކުންނެވިޔަސް ޒިންމާއިން ރެކިވަޑައިގެން ޖަވާބު ނުދެއްވައި ފަރުޖެއްސޭނެ ކަންތައްތަކަށްވުރެ މާ ހައްސާސް، ޤައުމުގެ މަސްލަހަތާއި އަޅުގަނޑުމެން ބަލައިގަނެ ތަބަޢަވެގެން، ނަސްރުދޭން ވަޢުދުވެ އަހުދުވެގެން މިތިބަ އިސްލާމް ދީނުގެ ފިކުރާއި ވިސްނުމާއި ގުޅުންއޮތް ކަމަކަށްވާތީ މިއަދުވެސް މާދަމާ، އެކަލާނގެ ހަޟުރަތަށް ހުއްޓި ހުރެވެސް ޖަވާބުދާރީ ވާން ޖެހޭނެ ކަންކަމެވެ.

ދެން އޮތީ މިއަދާއި މިދެންނެވި ބަސްނުވިކޭ އޮޑީގެ ވާހަކައާއި އިބޫއާއި ގުޅުވައިލެވޭ ހިސާބެވެ. ވަރަށް ކުރުކޮށް ދަންނަވާލެވޭތޯ ބަލާނަމެވެ. އިބޫ އަތްޕުޅުގައި އޮތީ ނަޝީދުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓެކެވެ. އިބޫއަށް ޓިކެޓް ދިނީ ދޮޅު އަހަރު ދުވަހުގެ މުއްދަތަށެވެ. އިބޫއަށް ވެރިކަން ލިބިވަޑައިގަންނަވާއިރަށް ނަޝީދު މިނިވަންވެއެވެ. އެއަށްފަހު އެއޮޑީގައި ހަމައެކަނި ވިކޭނީ ނަޝީދުގެ ބަހެވެ. ކޯލިޝަނުން ބައިއަޅައިގެން އެބުނާ ޖޭޕީގެ ނުވަތަ ޤާސިމު އިބްރާހީމަށް ވީ ބަޔަށް ނެގި ރަނިން މޭޓް އެހާ ހިސާބަށް ދާއިރު ހުންނާނެ ހިސާބެއް ނުވެސް އެނގެއެވެ. ހަމަ ގައިމުވެސް އެއޮޑިއަކު އޭނާއެއް ނުހުންނާނެއެވެ. ހުއްޓަސް ހުންނާނީ އެމީހުން ބޭނުންވާ ހިސާބެއްގައި އެމީހުން ދޭ ދިދައެއް ހިފައިގެންނެވެ.

މިހާހިސާބުން 2008 ވަނަ އަހަރު ނަޝީދާއެކީގައި ނުކުމެވަޑައިގެން ނާއިބު ރައީސް ކަމުގައި ހުންނެވި ޑރ. މުހަންމަދު ވަހީދު ހަސަންއަށް ވީވަރު ވެއްޖެއްޔާވެސް ރަނގަޅެވެ. މިދެންނެވީ އެބޭފުޅުން ގެންގުޅުއްވާ ބޭފުޅުން އެބޯ އެއްޗެއްގެ އަޅިކަނޑާ އަޅިކެނޑިއަކަށް އިބޫގެ އިސްތަށިފުޅު ނުވެ، ރައީސް އޮފީހުގެ ހަތަރުފާރު ތެރޭގައިވެސް ބެހެއްޓިއްޔާވާ ރަނގަޅެވެ. ހަމަގައިމުވެސް އެއޮޑީގެ ދިރުނބާ ކޮޅުގައި ހުންނަވައިގެން އޮޑި ދަތުރު ކުރަމުންދާއިރު މާލެއާއި ހުޅުލެއާއި ދެމެދު ބްރިޖެއް ނޭޅެނެޔޭ، ރައީސް ޔާމީން އެހައްދަވަނީ އިތުރުފުޅޭ، އެތާނގައި ބުރިޖެއް ނެތޭ ވިދާޅުވެ، ހުޅުލެއާއި މާލެއާއި ދޭތެރެއިން އޮޑި ދިމާކުރާށޭ ވިދާޅުވީމާ، "ނޫނޭ އެ ބްރިޖު އެއޮތީ ދިމާއަށް ފެންނާށޭ"، އިބޫ ވިދާޅުވީމާވެސް އެކަން ގަބޫލުނުކުރައްވައި ބްރިޖުމެދާ ދިމާއަށް އޮޑިދުއްވާލުމުން ބްރިޖުގެ ބިޔަ ތަނބެއްގައި އޮޑިޖެހި ދެފަޅިވެ ކަނޑުވިޔަސް އިބޫގެ ބަހެއް އެއޮޑިއަކު ނުވިކޭނެކަން މިއީ މެންދުރުގެ އިރުފަދައިން ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޣާދިރު

    ވަރައްސަޅި ރިޕޯޓެއް..

  2. އަޙުމަދު

    އޭ މިހާރު ތ.މަޑިފުށީގައިވަނީ ނަރުދަމާއާޅާފައި ދެން އޭގެމަތިން އަނެއް ނަރުދަމާއަޅަނީތަ ހާދަހާ ރަގަޅޭ އެމްޑީޕީ ސަރުކާރަކީ މަތިމަތިން ތަންތަންހަދާ ސަރުކާރެއްދޯ . ކޮއްދޭނެ ކަމެއް ނެތިއްޔާ ދެން ސަލާމް ބުނޭ

  3. ނަފީސް

    ގައްޑާ ރިޕޯޓެއް! މުޅިންވެސް މިހުރީ ހިގާފައިހުރި ޙަޤީޤީ ކަންތައްތައް! ދިވެހިން އިބޫއަށް ބޮޑުތަނުން ނޫނެކޭ ބުނަމާ!

  4. ހައްޕުޑު

    މިހާރުވެސް ތިހުރީ ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅުގަ 2 އަހަރު ވެރިކަން ކޮށްފަ ބާލުވާނެ ކަލެއަކަށް މިކަން އެނގި ނުލައްވަނީތާ އުތަ!

  5. ހެވޭ

    އެންޓި ކެމްޕެއިން...

  6. މާދުރު

    އަހަރެމެންގެ ކެތްތެރިކަން އެބަހުރި ސިޔާސަތު ޕްރޮގްރާމް ގައި އިބޫ ދެފަޅިވާތަން ބަލާލާ ހިތުން ތިބެލަން. ލިޔުންތެރިޔާ ފާހަގަ ކުރެއްވި އެއްވެސް މައްސަލަ އަކަށް ޖަވާބު ނުދެވިގެން ޑެސްކްގަ ބޯއަޅައިގެން ރޯން އިބޫ އޮންނައިރު ލޮލުން އޮހޮރޭ ކަރުނަ ފޮހެލަން ޓިޝޫ ހިފައިގެން ދާންޖެހޭނީ މަށަށް ހެން މިހާރު އެބަހީވޭ..

  7. ހަސަންކޮ

    ވަރަށް ރަގަޅު ، ވަރަށް ފުރިހަމަ ލިޔުމެއް....!!!

  8. ޔާނު

    މޮޅު ލިޔުމެއް...ވަރަށް ބޮޑު ތެދެއް..

  9. އަލްޤަމާރު

    އަންނި ގެ ނުފޫޒު ވެސް ނެތޭނެ. ވަގުތު ބޭނުންވާނެ. އަންނި ނުފޫޒު ގަދަ މީހަކަށްވީ އޯވަރ ނައިޓަކުން ނޫން. އެހެންވީމާ އަދި އިބޫ އަށް ޓިކެޓް ލިބުމަކުން އެކަމެއް ނުދާނެ. ވެރިކަމަށް އިިބޫ އައުމަށްފަހު އަންނި ގެ ނުފޫޒު ނުހިނގާ ގޮތަށް ކަންތައް ރޭވޭނެ. އެމް ޑީ ޕީ މީހުން ބޭނުމެއް ނުވޭ ދައުރުގެ މެދުތެރެއިން ވެރިކަން ބީވާ ކަށް.

  10. ފިރުޓޭ

    އިބޫ އަށް ބުނެލަން އޮތީ އަހަރުމެން އިބޫ އަށް ވޯޓު ދެންޏާ ދޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށޭ! އެއީ އޭ ޤާނޫނު އަސާސީގަވެސް އޮތް ގޮތަަކީ! ރަައީސް ނަޝީދު ބަހައްޓަހަށޭ އެހުރި ތަނެއްގަ! އެމީހާ އަނގަ ފޮކެއް ހަދައިގެނޭ ހުރިހާ ކަމެއް ގޯހުން ގޯހަށް ދަނީ!

  11. ޢަލިތަކުރު

    ރިޔާސީ ބަހުސްގައި އިބޫ އާއި ކުރަން ވަރަށްގިނަ ސުވާލު އެބަހުރި ކަމަށް ދެކެމެވެ. ސަރުކާރުގަ މަޤާމްތައް އަނެއްކާވެސް އެއްކަލަ ފުޅިގެންގުޅޭ ގްރޫޕަށްތޯ ދޭނީ.. މިސާލަކަށް އަނބިކަބުލޭގެ ގޯތި ކުދިން. އާދިލްސަލީމް، ރާނުބޯ ޒަކީ، ޖާބިރު، އަމީންފައިސަލް، ހޯރަ އިއްބެ، ކެރަފާ ނަސީމް، ސިއްކަގޭ ކުދިން، ޖަނާޒާ ކުޑޭ، ސައްޕެ. ހަމަ ޔަޤީނުންވެސް ކިރިޔާވެސް ތަނެތް ދޮރެއް އެނގޭ މީހަކު ވިއްޔާ ތިޔަ ބައިގަނޑަކަށް ވޯޓެއްނުދޭނެ. އެއީ ކަށަވަރު ކަމެއް. ކިޔަން މި އެނގެނީ ވައްކަމޭ ކަރަޕްޝަނޭ.. ނަސީދު 3 އަހަރުގަ ކުރެވުނު ކޮންމެ ކަމެއްގައި ކަހަލަ ގޮތަކަށް ވައްކަން ހުރި. މިސާލު: ކޮންވެންސަން ސެންޓަރ 900މިލިއަން ޚަރަދުވިގޮތެއް ބުނެދެއްވާ.އަދި އަދި ގެއްލުނު ފައިސާ މި ފަސް އަހަރަށްވުރެ މާގިނަ.. ހިސާބު ޖައްސަވާ.. މިސަރުކާރުގަ އަދީބު ބެހި ފައިސާ އެމްޑީޕީ މަޖިލިސް މެމްބަރުން ގެ ތެރެއިން %90 މެމްބަރުން ބޭނުންކުރި. އެނގޭމީހުންނަށް މިކަން އެނގޭނެ. ދެން ކޮން އެއްޗެއް މިކިޔަނީ..

  12. ހެޔޮބަސް

    އިބޫ މާޒީއަށްރަގަޅަށްވިސްނަވާ ބަސްނުވިކޭއޮޑިއެއްގެދިރުނބާކޮޅުގައިހުންނެވިކަން ހަނދުމަފުޅު ބަހައްޓަވާ ޓިކެޓްލިބިލެއްވީޝަރުތުތަކަކާއެކުވަކިމުއްދަތަކަށްކަންންމިހެންއޮތް
    ކިަމުގައިވިޔަސް މިހާރު ކުރިމަތިވާސުވާލުތަކަށްފުރިހަމަޖަވާބުނުދެއްވާހަނުހުންނެވުމަކީވެސް
    ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުންނެވިކަމުގެހެއްކަކަށްވޭ ދީނީ ޢިލްމުވެރިން
    ފަހަތުގައި ތިއްބަވައިގެން ރައްޔިތުންނަށްޓަކައި ގުރުބާންވާކަމަށް ވިދާޅުވެލައްވާބޭފުޅުން
    ތިއްބަވައިގެން ތިފަދަޝަރުތުތަކާއެކު ރިޔާސީޓިކެޓްއިބޫއަށް ދެއްވީތީ ވަރަށްގިނަސުވާލް
    އުފެދޭ އަދިހިތާމަކުރަން އިބޫވަކިބޭފުޅެއްގެޕަޕެޓަކަށްނުވައްޗޭ މިއއިބާއަށްދެވޭނަސޭހަތެއް
    އެމް.ޑީ.ޕީ އަކީ ވަކިބޭފުޅެއް ހިސޯރުކޮށްފައިވާ ޕާރޓީއެއްކަމަށް ވަރަށްގިނައިން ދެކެވޭ
    މިކަމުގެ ހެއްކަކަށްވޭ މޫސައާ، ދެންވެސް ޕާރޓީގެ އެހެންބޭފުޅުންނަށް ދިމާވިގޮތުން

  13. އަލީ

    އަދީބު ސަރުކާރު ދަވާލާ ފުލުހުންނާއި ސިފައިންގެ ކޮންޓްރޯލް އަތުލާގެން އުޅުނީ ޔާމީނު ބަސްނުވިކޭ ސަރުކާރެއްގެ ރައީސަކަށް ހުރީމާތާ އެވެ. ހައްތާވެސް އެއްކަހަލަ ކަންތައްތަކެއް ،

  14. ލި ޔަނޯ

    ވަރަ ދެރަވެފަދޯ ތިހުރީ. ދެނޯ....ހަހަހަ..ހެހެ..ހާ