ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ވޯޓް ލާ ދުވަސް ބަންދުވަހަކަ ހަދަން ސްޕްރީމު ކޯޓަށް ހުށައެޅީ ކުރީގެ ބަނޑާރަ ނައިބު ހުސްނުއްސުއޫދުއެވެ.

ހުސްނު ސުއޫދު ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދައަކަށް އެދި މިއަދު އެކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވަނީ ވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް ރައީސް ޔާމީންގެ މައްޗަށް އަމުރުކޮށް ދެއްވުމަށެވެ.

https://twitter.com/hsuood/status/1026701639632089088?s=19

ސުއޫދު ހުށައެޅި މައްސަލާގައި ވަނީ ފެށުނީއްސުރެ ރާއްޖޭގައި އިންތިހާބުތައް ބަންދު ދުވަސްތަކުގައި ބާއްވަމުން ގެންގޮސްފައިވަނީ ވީހާ ގިނަ ރައްޔިތުންނަކަށް ފަސޭހައިން ވޯޓުލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް އެދިފައެވެ.

ސުއޫދު މިފަދަ އަމުރަކަށް އެދި ސުޕްރީމް ކޯޓަށް ދިޔަ ނަމަވެސް ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި ދައުލަތުގެ ބަންދު ދުވަސްތަކާއި ރަސްމީ ދުވަސްތައް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރެކެވެ.

އަދި އެ އިންތިޒާމު ހަމަޖައްސާ ދިނުމަކީ ދައުލަތުން ކުރަން ޖެހޭނެ ކަމެއް ކަމަށް ސުއޫދު ހުށައެޅި މައްސަލާގައިވެއެވެ.މި ދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދެވަނަ ބުރެއް ބޭއްވި އިރު އެ ދުވަސް ވެސް ދިމާވީ އާދީއްތަ ދުވަހަކަށެވެ. ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހެއް ނޫން ކަމަށް ސަރުކާރުން ހަމަޖެއްސިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނަ ތާރީހު އިއުލާން ކުރުުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ އިންތިހާބު އޮންނަ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހަކީ އާދީއްތަ ދުވަހަކަށް ވާތީ އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.