ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ހިންގައި ދިނުމަށް މައުމޫންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

މިކަމާ ގުޅިގެން ރައީސް މައުމޫން ކްރިމިނަލް ކޯޓަށް ސިޓީފުޅެއް ފޮނުއްވާފައިވާއިރު، މިކަމަށް ރައީސް މައުމޫން އެދިވަޑައިގަތީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ކޯޓަށް ހާޒިރުވުމަށް ކަނޑު ދަތުރުތައް ކުރެއްވުމަށް ދަތިފުޅުވާތީ ކަމަށް މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ. މި ދައުވާ ސާބިތުވެއްޖެނަމަ އެމަނިކުފާނުގެ މައްޗަށް 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ރައީސް މައުމޫންގެ މައްޗަށް ކުރާ ޓެރަަރިޒަމްގެ ދައުވާގެ ޝަރީއަތް ޣައިރު ހާޒިރުގައި ގެންގޮސްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާއިރު، ފުލުހުންނަށް ފޯނު ދޭން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ރައީސް މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އައިސްފަ އެވެ. ރައީސް މައުމޫން މިހާރު ގެންދަވަނީ އެޙުކުމް ތަންފީޒު ކުރައްވަމުންނެވެ.

ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރައީސް މައުމޫންގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދަށް ވެސް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކުރެ އެވެ.