ރާއްޖޭގެ އެންމެ ގިނަ ޝަރީޢަތްތައް ކޮންމެ ދުވަހު ވެސް ހިނގާ ކޯޓު ކަމަށްވާ ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލް ކުރި ހުރިހާ ޝަރީޢަތެއް ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވެސް ވަނީ 34 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ 30 މައްސަލައެއްގެ ޝަރީޢަތް ތާވަލް ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް މިއަދު ކެންސަލް ކުރި ސަބަބެއް އެކޯޓުން ހާމަ ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީޢަތްތައް ކެންސަލް ކުރީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ބެހޭ ގަވާއިދަށް އަމަލު ކުރަން ފެށުމުން، އެ ގަވާއިދަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެޤަވައިދަށް އަމަލު ކުރަން ފެށީ އިއްޔެ އެވެ.

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދަކީ ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި ބަލައިގަތުމާއި ޝަރީއަތް ހިންގަން ޖެހޭ އިޖްރާއާތުތައް ބަޔާންކުރާ ގަވާއިދެވެ. އަދި ކޯޓު އަމުރު ދޫކުރުމާއި ބަންދާ މެދު ގޮތެއް ނިންމުމާއި ކަފާލާތުގެ އުސޫލުތަކާއި ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ވެސް އެ ގަވާއިދުގައި ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ ބައެއް ޝަރީޢަތްތައް ކޮންމެ ދުވަހު ވެސް ކެންސަލް ވެއެވެ. ނަމަވެސް މިއީ ފަހަކަށް އައިސް ތާވަލް ކުރި ހުރިހާ މައްސަލައެއްގެ ޝަރީޢަތް ކެންސަލް ކުރި ފުރަތަމަ ފަހަރެވެ.

މިއަދު ކްރިމިނަލް ކޯޓުން ހުރިހާ ޝަރީޢަތެއް ކެންސަލް ކުރިއިރު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީޢަތް ވެސް ތާވަލް ކޮށްފައި އޮތެވެ.

ޝަރީޢަތްތައް ކެންސަލް ކުރި ސަބަބު ވަކީލުންނަށް ވެސް އެންގި ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު