އިލެކްޝަންސް ކޮމިޝަންގެ މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅުއްވި ހުސައިން ނަސީރުގެ ފޯމްގެ މައުލޫމާތު ސައްހަ ނުވާތީ އޭނާ ރައީސް ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލި ހުސައިން ނަސީރުގެ ފޯމްގެ މައުލޫމާތު ސައްހަ ނުވުމުގެ ސަބަބުން އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ހުސައިން ނަސީރުގެ ފޯމް ބާތިލް ކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަމަ ހުށަހަޅަން ޖެހޭ 1500 މީހުން ސޮއިގައި މައްސަލަތަކެއް އުޅޭތީ އާއި އޭނާގެ ރަނިން މޭޓެއްގެ ގޮތުގައި ހުށަހެޅި ޝައިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ. މީގެ އިތުރުން ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުސައިން ނަސީރުގެ ރަނިން މޭޓެއްގެ ގޮތުގައި ހުށަހެޅި ޝައިޚް ނަސްރުﷲ މުސްތަފާގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ މައްސަލަތަކެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށް އެބަދެއެވެ.

ހުސައިން ނަސީރު އިންތިޚާބަށް ކުރިމަތިލެއްވީ މި މަހުގެ   8 ވަނަ ދުވަހުގެ ހެނދުނު 30:11 ގައެވެ. އޭނާގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން ފޯމް އިސްލާހް ކުރުމަށް ފަހު މިއަދު 16:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު އޭނާ އަށް އޮންނާނެއެވެ.

ހުސައިން ނަސީރަކީ ހޮސްޕިޓަލިޓީ މެނޭޖުމަންޓާއި ގްލޯބަލް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ މިހާރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފައިނޭންޝަލް ސްޓްރެޓެޖީސްގެ ސީއީއޯ އެވެ. އޭނާ މައިގަނޑު ގޮތެއްގައި ވަޒީފާ އަދާކުރައްވާފައި ވަނީ ހިއުމަން ރިސޯސަސްގެ ދާއިރާގަ އެވެ. ހުސައިން ނަސީރަކީ މީގެ ކުރިން ސިޔާސީ ދާއިރާ އިން ފެނުނު ބޭފުޅެއް ނޫނެވެ.

ހުސައިން ނަސީރުގެ ފޯމް ބާތިލް ކޮށްފައި ވާއިރު އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެންޑިޑެސީ އެކަންޏެވެ. ރައީސް ޔާމީން އިއްޔެ އިންތިޚާބަށް ކުރިމަތިލައްވާ ފޯމް ހުށަހަޅުއްވާފައި ވީނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަދި އެމަނިކުފާނުގެ ކެންޑިޑެސީ އާއި މެދު ގޮތެއް ނުނިންމަވައެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު މިއަދު ހަމަވާއިރު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ފޯމް ހުށަހަޅުއްވާނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 30:11 ރިއަލީ؟

  2. މިއަދު މިއީ ހުކުރު ދުވަސް. ބަދަލުކުރަން ވަގުތުދެންޏާ އެކަމަށް ފުދޭ ވަގުތެއްދޭން ވާނެ

  3. ޢުމަރު މަޑުކުރަނީ ކޮންމެވެސް ދޮރެއް ހުޅުވެންދެން އެދޮރަކީ ކޮބައިކަމެއް ނޭނގޭ އެއީ ޕޮލިޓިކަލް ސައިންސް ކިޔަވައިގެން ހުރި މާހިރެކޯ ފަނު ފުލުން ދިޔަޔްސް..

  4. އަސްލު ޔާމީންގެ ފޯމްވެސް ބަލައިނުގަނެވޭނެ.. އޭނަގެ ޝަރުތު ފުރިހަމައެއްނުވޭ...

  5. ދިވެހި ދަރިއެއް

    އިސްލާޙްކޮއް ހުށައަޅަން އަޅުން ފުރުސަތު ދިނުމަކީ މައްސަލަ ހުރި ކަންކަން ރަނގަޅުކޮށް ހުށަހެޅުމަށް ވަގުތު ދިނުން، މުޅި ހުރިހާ އެއްޗެއް އަދި ޑިޕޮސިޓް އަލުން ހުށަހަޅަން ބުނުމަކީ ބޭއިންސާފެއް.

  6. ޢަސްލު ރައީސް ޔާމީން ފޯމުލާ ކަށް ނުޖެހޭނެހެން ހީ ވަނީ ރައީސް ދޯ