މާލެ އާއި ވިލިމާލޭގެ މަގުތަކާއި އާއްމު އިޖްތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ކުރަމުން ގެންދިޔަ މިމަސައްކަތް ވެމްކޯއާ ހަވާލު ކުރަން ނިންމީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އެގޮތަށް ކަނޑައެޅުއްވުމުންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ނާއިބު އަލީ އާމިރެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމެވެ. އަދި ވެމްކޯ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު އެވެ.

ތަންތަން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯ އިން ކުރަމުންދާނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ މިންގަޑު ތަކާއި އެއްގޮތަށް ކަމަށާއި އެމަސައްކަތް ކުރާ ފެންވަރު އެމިނިސްޓްރީ އިން ބަލަހައްޓަވަމުން ގެންދާނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުންނެވެ.

މިއަދު ވެވުނު އެއްބަސް ވުމުގެ ދަށުން މިއަދުން ފެށިގެން މިކަމުގެ އަމަލީ މަސައްކަތް ވެމްކޯއިން ފަށާނެއެވެ.

މާލެ ސިޓީ މާލެ އާއި ވިލިނގިލީގެ މަގުތަކާއި ޢާއްމު ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް މިގެނެވުނު ބަދަލާއި ގުޅިގެން މާލެ ސިޓީގެ ޢާންމު ސާފުތާހިރުކަން ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި ދިވެހި ޒުވާނުންނަށާއި ޙާއްޞަކޮށް އަންހެނުންނަށް އާމްދަނީއެއް ހޯދުމަށް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށްވެސް މިނިސްޓްރީންއިން ބުންޏެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރީތި މޫސަ

    ތީވަރަށް ރަނގަޅުކަމެއް ތިކަންކުރަންފެށުމުން އެންމެންވެސް ޖެހޭނެ މަގުތަކަށް ކުނިއެޅުން ހުއްޓާލަން ސާފުތާހިރުކަމަކީ އެންމެންވެގެންނޫނީ ކުރެވޭނެކަމެއްނޫން ސާބަސްވެމްކޯ

  2. ބާރީ

    މަގުތަށް ސާފުކޮށްދެއްވާ. ދުވާރުމަތީގަ ބަހައްޓާފަހުންނަ ތަކެތިވެސް ނަންގަވާ ދެއްވާ. އޭރުން ދުވާރު މަތިން ހިނގޭނީ. ދުވާރު މަތިން ހިނގާށޭ ކިޔާފަ އިސްޓިކާ ތަތްކުރިޔަކަސް ދުވާރު މައްޗަކުން ނުހިނގޭނެ. ދެއްތޯ. ހިނނގާނެތަން ދުވާރުމަތިން ލިބުނީމަ ހިނގޭނީ.