ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނު ކުރާނެ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް އިލެކްޝަންސް ކޮމިޝަނުގައި ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމް ފައްޓަވައިވެއްވީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ނައިބު ރައީސް މުހައްމަދު ޒާހިރެވެ. ރަސްމިއްޔާތުގައި މުޙައްމަދު ޒާހިރުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި މެންބަރުން އަދި އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޒާހިރު ވިދާޅުވީ، ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ ދިވެހި ރައްޔިތުންނަށް ލިބިގެންވާ ވަރަށް މުހިންމު ފުރުޞަތެއް ކަމަށެވެ. އަދި މިނިވަންކަމާއެކު ވޯޓުލައި ޤައުމުގެ ވެރިކަމުގައި ބަހައްޓާނީ ކޮން ބޭފުޅެއްކަން އެދުވަހު ނިންމަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އެ ނިންމުމުގައި ދިވެހިރާއްޖޭގެ ދުސްތޫރުގަޔާއި، އެކަން ކުރިއަށް ގެންދިއުމަށްޓަކާ އިދާރީ ގޮތުން އިންތިޒާމްކުރެވިފައިހުރި އިންތިޒާމްތައް އެންމެ ހަމަހަމަ ގޮތެއްގައި، އެންމެ ފުރިހަމައަށް، އެންމެ އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ޒިންމާ އާއި، އެ މަސްއޫލިއްޔަތު އަދާކުރަން ކޮންމެ ފޮށްޓެއްގެ ދޮށުގައި ތިބޭ މީހުނަށް އެކަމާބެހޭ މަޢުލޫމާތު ޙިއްޞާކުރުމުގެ މުހިންމު މަސްޢޫލިއްޔަތު އަދާކުރަން ތިއްބެވީ ތިބޭފުޅުން" ޓްރެއިނަރުންގެ މުހިންމު މަސްޢޫލިއްޔަތުގެ މަތިން ހަނދުމަފުޅުކޮށް އަރުވަމުން މުޙައްމަދު ޒާހިރު ވިދާޅުވިއެވެ.

އަދި ޓްރެއިނަރުންގެ މުހިންމު މަސްޢޫލިއްޔަރު ޒިންމާދާރުކަމާއެކު އަދާކުރެއްވުމަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ޓްރެއިނަރުން ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ މަސައްކަތަކީ، އިންތިޚާބުގައި ކުރެވޭ ކަންތައްތަކަކީ އާއްމުންނަށް ހާމަކަންބޮޑު، މަކަރެއް ނުހެދޭނެކަން ޔަޤީންވާ މިންވަރަށް ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުން ތަމްރީނު ކޮށްދެއްވުން ކަމަށާއި، އެކަމަށްޓަކައި އެ ޓްރެއިނިންގައި މާސްޓަރ ޓްރެއިނަރުން ދެއްވާ މަޢުލޫމާތަކީ ވަރަށް މުހިންމު މަޢުލޫމާތަކަށް ވާނެކަމަށެވެ.

"ވޯޓުލާން އަންނަ މީހުންނަށާއި ވޯޓް އޮބަޒާވް ކުރައްވަން ތިއްބަވާ ބޭފުޅުންނަށް އިހްސާސް ވާންވީ ވަރަށް ހާމަޔޭ މިކަންތައްތައް، އަދި ވޯޓުލުމުގެ ކަންތައްތައް ހިނގަމުންދާއިރުގައި އެއްވެސް ވަރަކަށް އެއްވެސް ފަރާތަކުން އިންތިޚާބުގައި އޮޅުވާލުމާއި މަކަރެއް ހެދުމުގެ ފުރުޞަތު ނެތްކަން އެބޭފުޅުންނަށް ހާމަވާ ވަރަށް ހާމަކޮށްދެއްވާ" ޓްރެއިނަރުންނަށް އިލްތިމާސް ކުރައްވާ ޝަރީފް ވިދާޅުވިއެވެ.

އަދި ދާއިމީ ގޮތެއްގައި ޓްރެއިނަރުންނާ ކޮންޓްރެކްޓް ހެދުމުގެ ވިސްނުން އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭކަން ފާހަގަކުރައްވާ ޝަރީފް ވަނީ އެކަމަށް ޓްރެއިނަރުން ސަމާލުވުމަށް އެދިވަޑއިގެންފައެވެ.

މިއަދު ފެށި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 70 އަށްވުރެ ޓްރެއިނަރުން ބައިވެރިވެފައިވާއިރު، ޕްރޮގްރާމްގެ ފުރަތަމަ ދެ ދުވަސް ހާއްޞަ ކުރެވިފައިވަނީ ޤާނޫނާއި ގަވާއިދާއި އެ ގަވާއިދުތަކުން ބާރުލިބިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުންތަކަށް ބައިވެރިން ހޭލުންތެރި ކުރުމަށެވެ. ޓްރެއިނިންގައި އެއަށްފަހު ވޯޓުލާ މަރުކަޒުގައި ވޯޓުލުމަށްޓަކާ ބޭނުންކުރާ ތަކެއްޗާއި އެތަކެތި ބޭނުންކުރާނެ އުސޫލުތަކަށް ބައިވެރިން ހޭލުންތެރި ކުރުވައި، ވޯޓުލާ ދުވަހު ދިމާވެދާނެ ހާލަތްތަކަށް ބައިވެރިން ތައްޔާރު ކުރުވާނެ އެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ރޭވިފައިވާގޮތަށް ބަލާއިރު، ޓްރެއިނަރުން ތަމްރީނުކޮށް ނިމުމުން އަތޮޅުތަކަށް ޓްރެއިނަރުން ގޮސް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަށް ތަމްރީނު ޕްރޮގްރާމްތައް ނަގައިދޭނެއެވެ.

ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކުރުމުގެ މުއްދަތު މިރޭ ހަމަވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ރައީސް ޔާމީންގެ އިތުރުން ސަރުކާރާ އިދިކޮޅޫ ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙް (ޢިބޫ) އެވެ.