ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއެކު ސިއްހީ ދާއިރާގެ އެވިޑެންސް ބޭސްޑް ޕްރެކްޓިސް ނުވަތަ އީ.ބީ.ޕީ ވޯކްޝޮޕެއް ބާއްވައިފިއެވެ.

ފެބްރުއަރީ 28 އިން މާޗް އެކެއްގެ ނިޔަލަށް ކްލިކް ކޮލެޖުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ސިއްހީ ދާއިރާގައި އީ.ބީ.ޕީ އަށްދޭ އަހަންމިއްޔަތުކަން އިތުރު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ހިލޭ ސާބަހާ ކުރާ ޖަމިއްޔާއެއް ކަމަށްވާ "އީ.ބީ.ޕީ ޗެމްޕިއަންސް މޯލްޑިވްސް" އިން އިންތިޒާމު ކުރި ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގައި 20 ދަރިވަރުން ބައިވެރިވިއިރު އޭގެ ތެރެއިން ގިނައީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ނަރުހުންނެވެ. ނަމަވެސް އެއް ޑޮކްޓަރަކުވެސް ވޯކްޝޮޕުުގައި ބައިވެރިވެފައި ވެއެވެ. މި ވޯކްޝޮޕްގައި ދަރިވަރުންނަށް އުގަންނައި ދިނީ އެމްސްޓަޑޭމް މެޑިކަލް ސެންޓާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޑާކް އުބިންކް އެވެ.

މިއަދު ވޯކްޝޮޕް ނިންމުމުގެ ގޮތުން ކްލިކް ކޮލެޖުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ހޯމް އެފެއާޒް ވަނީ ބައިވެރިންނަށް ސެޓިފިކެޓު ހަވާލު ކުރައްވާފައެވެ. މިނިސްޓަރ އަޒްލީންގެ އިތުރުން އެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރަފީގު ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވޯކްޝޮޕްގެ ބައިވެރިންނަށް މިނިސްޓަރ އަޒްލީން ސެޓިފިކެޓު ހަވާލުކޮށްދެއްވަނީ

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ދިވެހި ސިއްހީ ދާއިރާއަށް އެވިޑެންސް ބޭސްޑް ޕްރެކްޓިސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ. އެ ވޯކްޝޮޕަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެފަދަ ފުރަތަމަ ވޯކްޝޮޕުކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ވޯކްޝޮޕުން ދަސްވި ކަންކަން މަސައްކަތުގެ މާހައުލުގައި ބޭނުން ކުރުން ވަރަށްވެސް މުހިންމު ކަމަށެވެ. އަދި އެއްޗެއް ދަސްވިކަމަށްވާނީ ދަސްވި އެއްޗަކަށް އަމަލު ކުރުމުން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޖަމިއްޔާތަކަށް ސަރުކާރުގެ ފަރާތުން ހިލޭ އެހީދިނުމާ ބެހޭ ގޮތުންވެސް މިނިސްޓަރ ވަަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ މިހާރުވެސް މުޖްތަމައުއަށް ގިނަ ގުނަ ފައިދާހުރި ކަންކަން ކޮށްދޭ ޖަމިއްޔާތައް ފާހަގަކޮށް އެ ޖަމިއްޔާާތަކަށް ސަރުކާރުން ހިލޭ އެހީދޭކަމަށެވެ. އެގޮތުން 2016 ވަނަ އަހަރު އެކަނިވެސް 2.3 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ޖަމިއްޔާތަކަށް ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެވިޑެންސް ބޭސްޑް ޕްރެކްޓިސް އަކީ ދިރާސަތަކާއި އެހެނިހެން ފަހުގެ މައުލޫމާތުތަކުގެ އަލީގައި ހެކި ހޯދައި ސިއްހީ ދާއިރާގައި ބަލި މީހަކަށް ފަރުވާ ދިނުމުގައި އެންމެ ރަނގަޅުގޮތް ދެނެގަނެ އެގޮތަކަށް ފަރުވާ ދިނުމެވެ.

"އީ.ބީ.ޕީ ޗެމްޕިއަންސް މޯލްޑިވްސް" އިން ކާމިޔާބު ކަމާއެކު މި ވޯކްޝޮޕް ބާއްވާފައިވަނީ ލައިފްސަޕޯޓް އަދި ކްލިކް ކޮލެޖުގެ އެހީތެރިކަމާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު