ރޭ އައްޑޫ ސިޓީ މަރަދޫގައި ހުރި އެމްޑީޕީ ހަރުގެއަށް ބަޔަކު ވަދެ ބޮޑެތި ގެއްލުންތައްދީފައިވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަރަދޫ ހަރުގެއަށް ދީފައިވާ މިހަމަލާއަކީވެސް 17 ޖުލައިގައި އެމްޑީޕީގެ މައި އޮފީހަށް ބަޔަކު ރާވައިގެން ގަސްތުގައި ދީފައިވާ ހަމަލާފަދަ ފިނޑި ޢަމަލެއް ކަމަށެވެ.

އަދި މިކަމަކީ އެ ޕާރޓީން ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތަކާއި ރިޔާސީ ކޭމްޕޭނުގެ ޙަރަކާތްތައް ފެނި، ސަރުކާރުން އެކަމާ ޖެހިލުންވުމުގެ ސަބަބުން އެކަންކަމަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ޢަމަލެއްކަމުގައި ދެކޭ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަނީ މަރަދޫ ހަރުގެއަށް ހަމަލާދިން މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ގޮވާލާފައެވެ. އަދި ރިޔާސީ ކޭމްޕޭނަށް ހުރަސްއެޅިގެންދާ މިފަދަ ކަންކަން ވިޔަނުދިނުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ވެސް އެމްޑީޕީން ގޮވާލާފައެވެ.

"ވަގުތަށް" މަޢުލޫމާތު ދެމުން މަންޒަރު ދުށް މީހުން ބުނެފައިވަނީ ޖަހަގަ ތެރެއަށްވަދެ ހަމަނުޖެހުން ހިންގާފައިވަނީ ފޭދޫއަށް ނިސްބަތްވާ ބައެއް ކަމަށެވެ. މިހަމަލާގައި ބޮޑަށް ޒަޚަމްވެފައިވަނީ ހަމަލާއަށް ހުރަސް އަޅަން އުޅުނު މީހާއަށެވެ. މިގޮތުން މިމީހާގެ އަތަށް ބޮޑަތި ޒަޚަމްތަކެއް ލިބިފައިވާއިރު ހަމަލާއަމާޒު ކުރަން އުޅުނު މީހާގެ އަތަށްވެސްވަނީ އަނިޔާތަކެއް ލިބިފައެވެ.

ޖަގަހަ ތެރެއަށްވަދެ ހަމަނުޖެހުން އުފެއްދި ކަމުގައި ވީނަމަވެސް، މިއީ ސިޔާސީ ގޮތުން ހިނގާފައިވާ ކަމެއް ނޫން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިއަހަރު ބޭއްވުނު ފުޓްސެލް މުބާރަތަކާއި ގުޅިގެން ހިނގަމުން އަންނަ ސިލްސިލާ މާރާމާރީގެ ތެރެއިން މާރާމާރީއެކެވެ.

"ވަގުތަށް" މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި މިހާރު ބަޔަކުވަނީ ހައްޔަރު ކުރެވިފައެވެ. ނަމަވެސް މިކަމުގައި ފުލުހުންގެ ބަހެއް އަދި މިހާތަނަށްވަނީ ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަތޮލް

    ފުރިހަމަ ތަހުޤީޤު ހިންގަން އިންޑިޔާ ސިފައިންނާ އިޒްރޭލު މޮސާޑު ގެންނަންވީނު. ދިވެހި ފުލުހުން ކުރާ ތަހުޤީޤަކުން ތިކަންތައް ކުރީ ރައީސް ޔާމީން ދަންވަރު ފުލައިޓެއް ޗާޓަރުކޮށްގެން ގޮސް އެތަނުގައި ހުރެ ގާއުކައިގެން ކަމަށް ނުބުނަންޏާ އެތަހުޤީޤެއް ކަލޭމެން ލާދީނީ މީހުންނަކަށް ކަމަކުނުދާނެއެއްނު.