ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަންތަނުގައި ވޯޓުލުމަށް އިއްޔެގެ ނިޔަލަށް 86000 އަށްވުރެ ގިނަ ފޯމް ހުށަހެޅިފައިވާއިރު، ވޭތުވެދިޔަ ތިން ދުވަހު 30000 އަށްވުރެ ގިނަ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށާއި، އެ ފޯމްތައް ޕްރޮސެސް ކުރަން ވަގުތު ނަގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވުވެއްޖެއެވެ.

މިއަދުގެ ނިޔަލަށް ރީ-ރަޖިސްޓަރ ކުރުމުގެ މުއްދަތު ހަމަވާއިރު، ސިޔާސީ ޕާޓީތައް މެދުވެރިކޮށް ރަޖިސްޓަރީ ކުރަން ހުށަހެޅި ގިނަ ބަޔަކު އަދިވެސް ރަޖިސްޓަރީ ވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދަނިކޮށް އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ގިނަ އަދަދެއްގެ ފޯމްތައް ވޭތުވެދިޔަ ދެތިން ދުވަހު ގަނޑުކޮށް އެ ކޮމިޝަނަށް ލިބިފައިވާތީ، އެ ފޯމްތައް އަދި ޕްރޮސެސްކޮށް ނުނިމޭ ކަމަށާއި، އެކަމަށް ތިނެއް ނުވަތަ ހަތަރު ދުވަހުގެ މުއްދަތެއް ނަގާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

"ރެޔާ ހަމައަށް 86000 ފޯމް ކޮމިޝަނަށް ހުށަހެޅިފައިވޭ، އެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކޮމިޝަނުގެ މުވައްޒަފުން މިހާރު ދަނީ ކުރަމުން، އަޅުގަނޑުމެންނަށް ވަކިވަކިން ލިބޭ ފޯމްތައް ހަމަ ވަގުތުން ރަޖިސްޓަރ ކޮށްދެވޭނެ، އެހެންނަމަވެސް ބަލްކްކޮށް ލިބޭ ފޯމްތައް ރަޖިސްޓަރ ކުރުމަށް ފަހަރެއްގައި ތިކެއް ނުވަތަ ހަތަރު ދުވަހުގެ މުއްދަތެއް ހޭދަވެގެން ހިނގައިދާނެ." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ރީ-ރަޖިސްޓަރ ކުރަން އިލެކްޝަންސް ކޮމިޝަނަށް ފޯމެއް ހުށަހެޅިއްޖެނަމަ، އެ ފޯމެއް ރަޖިސްޓަރ ވެގެންދާނެ ކަމަށާއި، ނަމަވެސް ފާއިތުވި ތިން ދުވަހަކީ ހާއްޞަކޮށް ސިޔާސީ ޕާޓީތަކުން ބަލްކްކޮށް ވަރަށް ގިނަ ފޯމްތަކެއް ލިބެމުންދިޔަ ދުވަސްތަކަކަށްވާތީ، ބަލްކްކޮށް ހުށަހެޅޭ ފޯމްތައް ރެޖިސްޓަރ ވުމަށް ވަގުތު ހޭދަވާނެ ކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، އެންމެ ފަހުން ބޭއްވި އިންތިޚާބުގައި 60000 އާއި 70000 ދެމެދުގެ އަދަދެއްގެ ފޯމް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު ކަމަށާއި، އެފަހަރު ރީ-ރަޖިސްޓަރ ކުރެވުނީ ޞައްޙަ 58000 ފޯމް ކަމަށެވެ. މިފަހަރު މިހާތަނަށް 860000 ފޯމް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ޞައްޙަ ނޫން ފޯމާއި، ރިޕީޓް ފޯމްތައް ހުރުންވެސް އެކަށީގެންވޭ، އެކަށީގެންވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު މިއަދަށް ހަމަވާއިރު، ޖުމްލަ ހުށަހެޅުނު އަދަދު މާދަމާގެ ވަގުތެއްގައި ހާމަ ކުރައްވާނެ ކަމަށް އަދި ރެޖިސްޓަރ ވާ އަދަދުވެސް ހުރިހާ ފޯމެއް ޕްރޮސެސްކޮށް ނިމުމުން ހާމަކުރައްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދދދދދދދދ

    ރީނދޫ ބާގައި މީހުން އެކެއްގެ ފިންގަރޕްރިންޓް ޖަހައިގެން އެކި ނަންނަމުގަ ފޯމު ފުރާފަ ވެއްޖެ. ވަރަށް ރަނގަޅަށް މިކަން ބަލާތި އީސީން. ޔަގީންކަމާއެކު މަށަށް އެނގޭތީ މިބުނީ ހެޔޮ ރީނދޫތަކުން ކިތަންމެ ރުޅިއެއް އަޔަސް.