ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަންތަނުގައި ވޯޓުލުމަށް ހުޅުވާލި ފުރުޞަތުގައި މޯލްޑިވްސް ކަރެކްޝަން ސަރވިސަސް އިން 1800 އަށްވުރެ ގިނަ ފޯމް ރީ-ރަޖިސްޓަރ ކުރުމަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުންގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް "ވަގުތު" އަށް ވިދާޅުވީ، ކަރެކްޝަންސްގެ ފަރާތުން 1800 އަށްވުރެ ގިނަ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، އެ ފޯމްތައް އަދި ޕްރޮސެސް ކޮށް ނިމިފައި ނުވި ނަމަވެސް، ބަލްކް ފޯމްތައް ރަޖިސްޓަރީ ވެގެންދާއިރު އެ ފޯމްތައްވެސް ރަޖިސްޓަރީ ވެގެންދާނެ ކަމަށެވެ.

"ކަރެކްޝަންސް އިން ވަނީ 1800 އަށްވުރެ ގިނަ ފޯމް ލިބިފައި، އެ ފޯމްތައްވެސް ބަލްކް ފޯމްތައް ރަޖިސްޓަރީ ވެގެންދާއިރު ރަޖިސްޓަރީ ވެގެންދާނެ" އަކްރަމް ވިދާޅުވިއެވެ.

ކަރެކްޝަންސް ސަރވިސް އިން ގިނަ އަދަދެއްގެ ފޯމް ލިބިފައިވާ ކަމަށާއި، އެ ފޯމްތައް ޕްރޮސެސް ކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި މިވަނީ ޖަލުތަކުގައި ތިބި ގައިދީން ވޯޓުލުމަށް ރަޖިސްޓަރީ ނުކުރާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު މެންދުރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ އިއްޔެގެ ނިޔަލަށް 86000 އަށްވުރެ ގިނަ ފޯމް ރީ-ރަޖިސްޓަރޭޝަނަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާއިރު، ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި 30000 އަށްވުރެ ގިނަ ފޯމް ގަނޑުކޮށް ލިބިފައިވާތީ އެ ފޯމްތައް ޕްރޮސެސް ކުރުމަށް ދެތިން ދުވަސް ނަގާނެ ކަމަށެވެ.

ރީ-ރަޖިސްޓަރީ ކުރުމުގެ ސުންގަޑީ މިއަދަށް ހަމަވާއިރު ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުގެ މާލޭގައި ހުންނަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި އެކަމަށްޓަކައި ހަދާފައިވާ ކިއުގައި ތިބި ފަރާތްތަކަށް ޚިދުމަތް ދީ ނިމުމާ ހަމައަށެވެ.

ރީ-ރަޖިސްޓަރޭޝަނަށް ގިނަ އަދަދެއްގެ ފޯމް ހުށަހެޅިފައިވާއިރު، އަދި މިހާރުވެސް ހުށަހެޅެމުންދާއިރު އެ ފޯމްތަކުގެ ތެރޭގައި ރިޕީޓް ފޯމްތަކާއި ޞައްޙަ ނޫން ފޯމްތައްވެސް ހިމެނޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމްތަކުގެ ޖުމްލަ އަދަދު މާދަމާ އަދި އެޕްރޫމް ކުރާ ފޯމްތަކުގެ އަދަދު ފަހުގެ ތާރީޚެއްގައި އިއުލާން ކުރައްވާނެ ކަމަށް އީސީ ވަނީ ވިދާޅުވެފައެވެ.

ރީ-ރަޖިސްޓަރޭޝަންގެ މަސައްކަތްތައް މިފަހަރުގެ އިންތިޚާބުގައި ވަނީ ވާދަވެރިކަން ބޮޑު، އަދި ކޯޅުންވެސް ބޮޑު މަސައްކަތަކަށް ވެފައެވެ. އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުއެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ ރައީސް ޔާމީން އަދި އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އެވެ.