ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވަނިކޮށް ސަސްޕެންޑް ކޮށްފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކުއުޓާ ޖެނެރަލް ހުސެއިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ޝަމީމަށް ކޯޓަށް ހާޒިރުކުރަނީ ސްޕްރީމް ކޯޓުގެ ބޭނުމަކަށެވެ. އޭނާއަށް ސުޕްރީމް ކޯޓުން ފޮނުވި ޗިޓްގައި ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:30 ގައި އޭނާ އެ ކޯޓަށް ހާސިރުވުމަށެވެ.

ސުޕްރީމް ކޯޓަށް ޝަމީމް ހާޒިރުވާން އަންގާވައިވާއިރު މޯލްޑިވްސް ފޮލިސް ސާވިސް އިން ދަނީ އޭނާ ރައީސް މައުމޫންއާއި ގުޅޭ ހެއްކަކާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ފެތުރި ކަމުގެ މައްސަލައެއް ބަލަމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑް ކޮށްފައި ހުރި ޝަމީމްގެ ސަސްޕެންޝަން އުވާލީ ޖަނަވަރީ 16 ވަނަ ދުވަހުއެވެ.

ކޯޓުތަކުގައި ވަކާލާތު ކުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޝަމީމަށް މަނާކުރީ ނޮވެމްބަރު 5، 2015 ގަ އެވެ.

ޝަމީމްގެ ސަސްޕެންޝަން އުވާލާ ޑީޖޭއޭ އިން ނެރުނު އިއުލާނެއްގައި ވިދާޅުވީ ޝަމީމްގެ މައްސަލަ ބެލުމަށް ފަހު، ރާއްޖޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުން އޭނާއަށް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.