ހަތަރު މީހުންނާއި އެކު ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ކާށިދޫ ކަނޑައަށް އަޑިއަށް ހިނގައްޖެއެވެ.

މިހާދިސާ ހިނގީ މިއަދު އިރުއޮއްސެން އުޅެނިކޮށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ "ގިޓާނާ-1" ކިޔާ މުދާ އުފުލާ ދޯންނެއް ކާށިދޫގެ އިރުދެކުނުން ހަތަރު މޭލު ބޭރުން އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް އެންއެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު 17:55 ހާއިރު ކަމަށެވެ.

ދޯނި އަޑިއަށް ދިޔައިރު ދޯނީގައި ތިބީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.

މިހަތަރު މީހުން ވަނީ އެސަރަހައްދުން ދަތުރު ކުރި ދޯންޏަކަށް ނަގައިގެން ކާށިދޫ އަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

"ދޯނި އަޑިއަށް ދިޔައީ ދިޔަވެގެން ކަމަށް ދޯނީގެ ކެޕްތަން ކޯސްޓްގާޑަށް މައުލޫމާތު ދިން." އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވިއެވެ.

ދޯނީގައި ހުރީ ހިލައާއި ހިލަވެއްޔެވެ. ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހާދިސާ ހިނގި އިރު ދޯނި ދަތުރު ކުރަމުން ދިޔައީ މުދާ ބަރުކޮށްގެން މާލެ އިން ޅ.ކުރެންދޫ އަށް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު