ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަންތަނުގައި ވޯޓުލުމަށް ރީރަޖެސްޓްރީ ކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ރީޖަރެސްޓްރީ ކުރުމަށް ހުޅުވާލި ފުރުޞަތު މިރޭ 00:00 ޖެހުމާއިއެކު ބަންދު ކުރިއިރު، މިހާތަނަށް ގާތްގަނޑަކަށް ލައްކައަކާއި ގާތް ކުރާ ވަރަށް މީހުން ރީ ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާ ފައިވާ ކަމަށް އިލެކްޝަނުން ބުނެއެވެ.

"ލަފާ ކުރެވޭ ގޮތުގައި މިރޭ 00:00 އާ ހަމައަށް ގާތް ގަނޑަކަށް ލައްކަ އަކާ ގާތް ކުރާ އަދަދަކަށް ފޯމް ހުށަހެޅިފައިވާނެ. ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީވި ބޭފުޅުންގެ އަދަދުގެ ތަފްސީލް ހާމަ ކުރާންނަ." އިލެކްޝަން ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އަކްރަމް އިތުރަށް ވިދާޅުވީ 12 ޖެހުމާއިކު ފޯމް ބަލައިގަންނަ މަރުކަޒުގެ ގޭޓް ބަންދު ކުރި ނަމަވެސް، 12 ޖެހި އިރު ކިއޫގައި ތިއްބެވި ބޭފުޅުންގެ ފޯމް ބަލައިގަންނާނެ ކަމަށެވެ.

"12 ޖެހުމާއި އެކު އިންތިޚާބީ މަރުކަޒުގެ ގޭޓް ބަންދުކޮށްފައިވާއިރު، އިންތިޚާބީ މަރުކަޒުގެ ތެރޭގައި ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް ރީ-ރަޖެސްޓްރީ ވުމުގެ ފުރުސަތު ލިބިގެން ދާނެ." އަކްރަމް ވިދާޅުވިއެވެ.

ރީ-ރަޖެސްޓްރީ ކުރަން އިލެކްޝަން ސެންޓަރއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު، ރީ-ރަޖެސްޓްރޭޝަން އާއި ގުޅިގެން އެއްވެސް ހަމަ ނުޖެހުމެއް ހިނގާފައިއެއް ނުވެއެވެ،

ރީ-ރަޖެސްޓްރޭޝަންގެ މުއްދަތު ހަމަވެގެން އައިއިރު ކަން ހިނގާ ދިޔަ ގޮތް ކަވަރ ކުރުމަށް ހަރަކާތްތެރިވި އެއްވެސް މީޑިޔާއަކަށް ހުރަސް އަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ރީ-ރަޖިސްޓްރޭޝަން އާ ގުޅުވައިގެން މީޑިޔާތަކުން ފަތުރަމުންދާ ވާހަކަތައް މިއަދު އިލެކްޝަން ކޮމިޝަނުން ދޮގުކޮށްފައިވާއިރު، އިލެކްޝަނުން ވިދާޅުވީ ވޭތުވެދިޔަ ދެތިން ދުވަހު ބަލްކް ކޮށް ހުށަހެޅުނު ފޯމްތައް ޕްރޮސެސް ކުރަން ދެތިން ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

މިރޭގެ ނިޔަލަށް އިލެކްޝަން ކޮމިޝަންއަށް ހުށަހެޅިފައިވާ ފޯމްތައް ޕްރޮސެސްކޮށް ނިމުމުން، ރީ-ރަޖިސްޓްރޭޝަން އާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 3 ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

ގިނަ އަދަދެއްގެ ބަޔަކު ރީ-ރަޖިސްޓަރ ކުރުމަށް ފޯމް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ސައްޙަ ނޫން ފޯމް ތަކާއި، ރިޕީޓް ފޯމްތައްވެސް ހުރުން އެކަށީގެންވާއިރު، ރީ ރަޖެސްޓްރީ ކުރި ސީދާ އަދަދު އިނގޭނީ އިލެކްޝަންއިން އެކަން ހާމަ ކުރުމުންނެވެ.