ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގައި ފްލައިޓް ޖެއްސުމަށް ބޭނުން ކުރާ ބައެއް ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ނިމުމަކާއި ގާތްވެއްޖެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލް އިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލް އިން ވިދާޅުވީ އާ ރަންވޭގައި އިންސްޓްރޫމެންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) އާއި ލޯކަލައިޒާ އެންޓަނާ ހަރުކުރުމުގެ މަސައްކަތަކާއި ރަންވޭގައި ރޮނގުތައް އެޅުމުގެ މަސައްކަތް ވެސް މިހާރު ނިމެން ކައިރިވެފައިވާ ކަމަށެވެ.

އާރަންވޭ އަށް ދީފައިވާ ކޯޑް އަކުރަކީ "އެފް" އެވެ. ރަންވޭގެ ކޮޅުގައި ހަރުކުރާ އައިއެލްއެސް އަކީ ރައްކާތެރި ކަމާއި ފްލައިޓް ރަންވޭގައި ޖެއްސުމަށް ބޭނުންވާނެ މަގު ދައްކައި ދޭނެ ސިސްޓަމެކެވެ. އިތުރަށް ހަރުކުރާ ލޯކަލައިޒާ އެންޓަނާ އަކީ ވެސް އެސިސްޓަމާއި އެކު މަސައްކަތް ކުރާނެ އެންޓަނާއެކެވެ.

އެމްއޭސީއެލް އިން ދާދިފަހުން ވިދާޅުވެފައި ވަނީ އާ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތްތަކާއި ރަންވޭގެ ލައިޓް ހަރުކުރުމާއި އެ ނޫން ވެސް ހުރިހާ މަސައްކަތެއް މިމަހުގެ 30 ގެ ނިޔަލަށް ނިމޭނެ ކަމަށެވެ. އަދި އޭގެ ފަހުން އަންނަ މަހު ޓެސްޓް ފްލައިޓް ޖައްސަން ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.

ނަމަވެސް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު މިމަހުގެ 07 ވަނަ ދުވަހު ވިދާޅުވީ ދެހަފްތާ ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާރަންވޭގައި ފްލައިޓް ޖައްސަން ފެށޭނެ ކަމަށެވެ.

އެއާޕޯޓް ތަރައްޤީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު އެވެ. މި މަޝްރޫއުގެ ދަށުން އަޅާ ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ ރަންވޭ މިހާރު މިވަނީ ނިމެން ކައިރިވެފައެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.

މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

ރަންވޭގެ އިތުރުން ޕަސެންޖާ ޓާމިނަލެއް ވެސް ހަދާ، އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު އަހަރަކު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކޮށް ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރުވައިދާ

    ތަރައްޤިއަކީ މިއީއެވެ. ދިވެހިން ތިބީ ރާއްޖެ ތަރައްޤީކުރުުގައި އަތުކުރިއޮޅާލައިގެން ރައީސް ޔާމީނާ އެކުގައި ހެއްޔެވެ؟ ދިވެހިން ތިބީ ރާއްޖެ އަލުންވެސް ފަނާކޮށްލުމުގައި އަތުކުރިއޮޅާލައިގެން އެމްޑީޕީއާއެކުހެއްޔެވެ؟ މި ދެގޮތުންކުރެ ގޮތެއް 2019 އިންފެށިގެން ދިވެހިން ދެކޭނެއެވެ. ދެ ތަޖުރިބާ ދިވެހިންކޮށްފިއެވެ. ބިނާކުރަނިވި ތަޖްރިބާއާ ފަނާކުރުވަނިވި ތަޖްރިބާއެވެ.