މާލޭ ރިންގް ރޯޑް ޕްރޮޖެކްޓްގެ ދަށުން ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ބޮޑުތަކުރުފާނުމަގުގައި ތާރު އެޅުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ކެމިކަލް އެއް ބޭނުންކުރަމުންދާތީ، އެ ސަރަހައްދުތައް އާއްމުން ބޭނުން ނުކުރުމަށް ހައުސިންގ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމަށްޓަކައި އެގްރިގޭޓު ބޭސް ކޯސް (އޭބީސީ) ލެޔަރ ލުމުގެ މަސައްކަތް ކުރަމުންދާއިރު، އެލެޔަރ އާއި އެއްކޮށް އެ ލެޔަރ އަށް ކެމިކަލް ޖެހުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިހާރު ކެމިކަލް ޖެހުމުގެ މަސައްކަތް ކުރަމުންދަނީ ހުޅުމާލެ ފެރީ ޓާމިނަލް އިން ފެށިގެން އާޓިފިޝަލް ބީޗާ ދޭތެރޭގައެވެ.

މާލޭ ރިންގް ރޯޑް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: މީސްމީޑިޔާ

މިކަމާއި ގުޅިގެން "ވަގުތު"އަށް ދިން އިންޓަވިއުއެއްގައި ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ހުސެއިން ވިދާޅުވެފައިވަނީ އާންމު ބޭނުންތަކަށް އޭބީސީ ލޭޔާ އަޅާފައިވާ ހިސާބު ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި، އެ ސަރަހައްދުގައި ހިނގާ ބިނގާވެ ނޫޅުމަށާއި، ވެހިކަލް ނުދުއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ކެމިކަލް އަކީ ވަހެއް ހުންނާނެ އެއްޗެއް ކަމާއި ހުރިހާ ބޭފުޅުންވެސް އެކަމަށް ސަމާލު ވުމަށް މީގެ ކުރިންވެސް ދެންނެވިފަ ވާނެ. މިހާރު މިއޮތީ އެއްބައިގައި ކެމިކަލް ޖަހާވެސް ނިމިފައި. އެކަމަކު އަދިވެސް ބައެއް ބޭފުޅުން އެތަނުން ހިންގަވާ އަދި އެ ބޭފުޅުންނަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިވޭ. އެއީ ކެމިކަލް އަކީ ވަހެއް ހުންނަ އަދި ކޮންމެވެސް ވަރެއްގެ ތަތް ކަމެއްވެސް ހުންނަ އެއްޗެއް. އެހެންވެ އަޅުގަނޑުމެންގެ އިލްތިމާސަކީ އެތަންތަނުން ނުހިންގެވުން. ވެހިކަލް ނުދުއްވުން." ކެމިކަލް ޖަހާފައިވާ ސަރަހައްދު ބޭނުން ނުކުރުމަށް އިލްތިމާސް ކުރައްވާ ފަޒާލް ވިދާޅުވިއެވެ.

ފަޒާލް ވިދާޅުވީ، މަގު ތަރައްޤީ ކުރަމުންދަނީ ރައްޔިތުންނަށްޓަކައި ކަމަށާއި، މަގުގެ މަސައްކަތް ކުރާ ސަރަހައްދު ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާ ކަމަށެވެ. މިކަމުގެ ސަބަބުން އާންމުންނަށްވެސް ދަތިތަކާއި ކުރިމަތި ލާން ޖެހޭކަމަށް ހައުސިންގ މިނިސްޓްރީއިންވެސް ގަބޫލު ކުރާ ކަމަށާއި ނަމަވެސް މި މަސައްކަތް ނިމުމުން މަގުތަކުގެ ފަސޭހަކަންވެސް ލިބިގެންދާނީ ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަމަށްވެސް ފަޒާލް ވަނީ ވިދާޅުވެފައެވެ.

މާލޭ ރިންގް ރޯޑް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: މީސްމީޑިޔާ

"އަޅުގަނޑުމެން މިހާރު ވާނީ އޭބީސީ ލޭޔާރ ވެސް އަޅާފައި. އެޔަށްވެސް ބައެއް ބޭފުޅުން އަރާ ހައްދަވާ. ސައިޓް ސުޕާވައިޒާރސްއަށްވެސް ނަސޭހަތް ދީ އިރުޝާދުދެމުން މި ގެންދަނީ މިކަމާއި ގުޅިގެން. ފަހަރެއްގައިވެސް އަޅުގަނޑުމެންގެ މަޤްސަދަކީ އާންމުން ކޮންމެހެން ކުށްވެރިކޮށް އާންމުންނާއި ދޭތެރޭ ފިޔަވަޅެއް އެޅުމެއް ނޫން. އަޅުގަނޑުމެން އާންމު ރައްޔިތުންނަށްޓަކައި މިހުރިހާ ކަމެއްވެސް މި ކޮށްދެނީ." ފަޒާލް އިތުރަށް ވިދާޅުވެފައިވެއެވެ.

ހައުސިން މިނިސްޓްރީއިން ވިދާޅުވެފައިވަނީ، ސިނަމާލެ ބްރިޖް ނިމި، ބްރިޖް ހުޅުވެން ވާއިރަށް މަގުތައް ހަދާ ނިމޭނެ ކަމަށެވެ. މާލޭގެ އެންމެ ކާރޫބާރުބޮޑު ކަމަށްވާ ބޮޑުތަކުރުފާނު މަގު ބަންދުކޮށްގެން ކުރަމުންދާ ތަރައްޤީގެ މަސައްކަތްތަކަށް އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފަޒާލް ވަނީ އާންމު ރައްޔިތުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ އެއްބާރުލުމެއް އާންމުންގެ ފަރާތުން ދެއްވައި ވީހާވެސް އަވަހަކަށް މަގު ނިންމުމަށް އެހީތެރިވެދެއްވުމަށްވެސް ފަޒާލް ވަނީ އެދިލައްވާފައެވެ.

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ނިމުމުން ވެހިކަލްތަށް ދުއްވުމަށް ވަރަށް ބޮޑުތަން ފަސޭހަވެގެން ދާނެއެވެ. މި މަޝްރޫއުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގައި ހަތަރު ލޭން ހިމެނޭ ގޮތަށް 16 މީޓަރަށް ފުޅާކުރާނެ އެވެ. އަދި އެ މަގު ފުޅާ ކުރަނީ ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށް ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ، އަމާޒަކީ މިހިނގާ އޮގަސްޓް މަސް ނިމުގެ ކުރިން މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލް އާ ހަމައަށް ތާރުޅަޅައި ނިންމާލުން ކަމަށެވެ.