މާލެ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ސިނަމާލެ ބްރިޖްގެ ކެމެރާ ސިސްޓަމްއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ހައުސިން މިނިސްޓްރީ އިން އިއުލާން ކޮށްފިއެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 27 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއަދު ހެނދުނު 10:00 އިން ފެށިގެން އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުއްވަން ޖެހޭނެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުމަށާއި އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 އޯގަސްޓް 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދޭކަމަށް އިއުލާނުގައި ވެއެވެ.

ބްރިޖު ހުޅުވަން ވާން ޖެހޭ ތައްޔާރީތައް ފަށާފައިވާއިރު، ދެން އޮތީ ތާރު އެޅުމާއި ލައިޓުތައް ހަރުކުރުމެވެ. އެ މަސައްކަތް ނިންމައި މިމަހުގެ ފަހުކޮޅު ބްރިޖު ހުޅުވޭނެ ކަމުގެ ޔަގީންކަން، ބްރިޖު އަޅާ ޗައިނާގެ ސީސީސީސީން ވަނީ ދީފަ އެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެއެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.