ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓު ލުމަށް ރީ-ރަޖިސްޓްރީ ކުރުމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭގޮތަށް މަޢުލޫމާތު ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ރީ-ރެޖިސްޓްރޭޝަނުގެ މަޢުލޫމާތު އޮޅޭގޮތަށް އަދި އިންތިޚާބުގެ ކްރެޑިބިލިޓީ ގެއްލޭނެ ފަދަ ގޮތްގޮތަށް ބައެއް ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި، އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

"ރީ-ރެޖިސްޓްރޭޝަނުގެ މަޢުލޫމާތު އޮޅޭގޮތަށް، އިންތިޚާބުގެ ކްރެޑިބިލިޓީ ގެއްލޭނެ ފަދަ ގޮތްގޮތަށް ބައެއް ކެންޑިޑޭޓުންނާއި، ބައެއް ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކާތީ އެގޮތަށް އެކަން ނުކުރަން ގޮވާލަން، ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ދޮގު މަޢުލޫމާތުތައް ނުފެތުރުން އެދެން" އަކްރަމް ވިދާޅުވިއެވެ.

ރީ-ރަޖިސްޓަރ ކުރުމުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވިއިރު ރީ-ރެޖިސްޓްރޭޝަނަށް ގާތްގަނޑަކަށް 95000 އެއްހާ ފޯމް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރީ-ރަޖިސްޓްރީ ކުރުމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭގޮތަށް މަޢުލޫމާތު ނުފެތުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރެއްވިއިރު، ވޭތުވެދިޔަ ދެ ދުވަހަކު އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުންނާއި، ރިޔާސީ ކެންޑިޑޭޓް ވަނީ ރީ-ރަޖިސްޓަރޭޝަނަށް ފޯމް ހުށަހެޅުނު ގޮތާއި، އަދަދު ތަކާމެދު ސުވާލު އުފައްދައި އާއްމުކޮށް ވާހަކަ ދައްކާފައެވެ.

ރީ-ރަޖިސްޓަރޭޝަނަށް ގިނަ އަދަދެއްގެ ފޯމް ހުށަހެޅުނު ނަމަވެސް، އޭގެ ތެރެއިން ޞައްޙަ ފޯމްގެ އަދަދު އަދި ރީ-ރަޖިސްޓަރީ ކުރެވުނު އަދަދު އަދި އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ. އީސީން ވިދާޅުވެފައިވަނީ ފަހު ވަގުތު ގިނަ އަދަދެއްގެ ފޯމް ގަނޑުކޮށް ހުށަހެޅިފައިވާއިރު، އެ ފޯމްތައް ޕްރޮސެސް ކުރުމަށް ދެތިން ދުވަސް ނަގާނެ ކަމަށާއި، ޕްރޮސެސް ކޮށް ނިމުމުން ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

ރީ-ރަޖިސްޓަރ ކުރެވުނު އަދަދު ހާމަކުރެއްވުމަށްފަހު، ރީ-ރަޖިސްޓަރ ކުރުމާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ޔާމީން އަދި އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އެވެ. އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމާ

    ރީރަޖިސްޓްރީ ކުރުމަށް އޮފީސްތައް މެދުވެރިކޮށް ފުރި ފޯމުތައް ރަޖިސްޓްރީ ނުވެ 3 ވަނަ ހަފްތާ ގުނެމުންދާއިރު ސުވާލު އުފެދޭނެ ދެއްތޯ؟ ދެން ގިނަމީހުން އަމިއްލައަށް އަލުން ފޯމު ހުށަހެޅީމަ ޢަދަދު އިތުރުވާނެ ދެއްތޯ؟