މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ނޫސް މަޖައްލާ އަދި ސޯޝަލް މީޑިޔާގެ ވެބްސައިޓް ފަދަ ތަންތަނުގައި ދިވެހި ބަހުން ލިޔާ ބައެއް ލިޔުންތަކުގައި ﷲގެ އިސްމުފުޅު ތާނައިން ތާނަ އަކުރު ބޭނުންކޮށްގެން ލިޔަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މިގޮތައް ތާނައަކުރުން ﷲގެ އިސްމުފުޅު ލިޔުމަކީ އެކި ޒަމާންތަކުގައި ދިވެހިންގެ ތެރެއިން ދީނީ އިލްމުވެރިންނާއި އަދި ސަރުކާރުތަކުން ވެސް މަނާ ކުރަމުން އަންނަ ކަމެކެވެ.

"ﷲގެ އިސްމުފުޅު ލިޔަންވާނީ ﷲ މިގޮތަށް (ނުވަތަ ޢަރަބި ފޮންޓަކުން) އަރަބި އަކުރުންނެވެ. އަދި ހަމަ މިފަދައިން ކީރިތި ޤުރުއާންގެ އާޔަތްތަކުގެ ނައްޞުތަކާއި އަދި ކީރިތި ރަސޫލާ ހަދީސްފުޅުތަކުގެ ނައްސުތައް ވެސް ލިޔަންވާނީ ވާރިދުވެފައިވާ ގޮތަށް އަރަބި އަކުރުންނެވެ." އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވީ "عبد الله، عبد الرحمان ފަދަ ﷲގެ އިސްމުފުޅެއް ހިމަނައިގެން ކިޔާ ނަންކިޔުމުގައި ނަން ކުރުކޮށްލުމުގެ ގޮތުން ވެސް އެއްވެސް މާނައެއް ދޭހަނުވާގޮތަށް ކިޔާ އުޅެއެވެ. މިއީވެސް ﷲގެ އިސްމުފުޅަށް ނަމެއް ނިސްބަތް ކުރުމުގައި ކިޔުން ވެސް އަދި ލިޔުން ވެސް ހުއްދަވާނެ ގޮތެއް ނޫނެވެ."

މިކަންކަމަކީ އިސްލާމްދީނަށް އިޙްތިރާމާއި ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ނުވާތީ އެއްވެސް މީހަކު ލިޔާ ލިޔުމެއްގައި ﷲގެ އިސްމުފުޅު ތާނައިން ނުލިޔުމަށާއި އިތުރަށް ބަޔާންކުރި ކަންކަމަށް ސަމާލުކަން ދިނުމަށް އަންގާ އިއުލާން ކުރާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. .މަލަކުރި

    ﷲ ގެ މި މަތިވެރި އިސްމު ފުޅު އަރަބި ބަހުން ނޫން ގޮތަށް ތާނައިން އަދި އެނޫން ބަސް މަގު، އަދި އަރަބި ނޫން އަކުރު ތަކުން ލިޔެފައި ހުއްޓާ ފެނޭ، ﷲ މި މަތިވެރި އިސްމުފުޅު ލިޔަންވާނީ "ހަމައެކަނި" އަރަބި ބަހުން ﷲ މިގޮތަށް.