ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ފަރާތުން "ޓިވީއެމް ޖޫނިއާރ" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ އައު ޗެނަލެއް ލޯންޗް ކޮށްފިއެވެ.

މިއީ ކުޑަކުދިންނަށް އަމާޒުކޮށްގެން ދިވެހި ބަހުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޗެނަލެކެވެ.

މިއަދު ޓީވީއެމްގައި އޮތް ހާއްސަ ހަފްލާއެއްގައި މި ޗެނަލް އިފްތިތާހު ކޮށްދެއްވައިފައިވަނީ ޓީވީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ.

ޗެނަލް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

މިއަދު ބޭއްވުނު މި ހަފްލާގައި ވާހަކަފުޅު ދައްކަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިބްރާހިމް އަކްރަމް ލަތީފް ބުނެފައިވަނީ އަންނަ މަހުގެ ތެރޭގައި މި ޗެނަލް ރަސްމީކޮށް އިފްތިތާހު ކުރާނެ ކަމަށާއި މިއަދު ލޯންޗު ކުރެވިގެން މިދިޔައީ ޗެނަލްގެ ބްރޭންޑް ކަމަށެވެ.

މިއަދު ލޯންޗު ކުރެވުނު މި ޗެނަލްގެ އެންމެ ބޮޑު އެއް ބޭނުމަކީ ދިވެހިބަހާއި ދިވެހިބަހުގެ ސަގާފަތާއި ތަރިއަކައާއި މެދު ކުދިންގެ ހިތުގައި ލޯބި ޖައްސާ، ދިވެހި ވަންތަކަންތައްތައް ދިވެހި ބަހުން ކުދިންނަށް އަންގައިދިނުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ޓީވީއެމް ޖޫނިއާ" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޗެނަލް މެދުވެރިކޮށް ކުޑަކުދިންނަށް ދިވެހި ބަހާއި، އަކުރު ދަސްކޮށްދިނުމަށް ޚާއްސަ ސަމާލު ކަމެއް ދޭނެ ކަމަށާއި ރަނގަޅު އުޅުމާއި އާދަތައް ވެސް ކުދިންނަށް ދަސްކޮށްދިނުމަށް އިސްކަން ދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޗެނަލް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

"އަޅުގަނޑުމެން މި ކުރާ އެއް މަސައްކަތަކީ ދިވެހިރާއްޖޭގެ އަޑުން އުފައްދާ (އެއްސަހަރެއް) ނަމަކަށް ކިޔާ ވާހަކަ ކިޔުމުގެ މުބާރާތުގައި ކިޔާ ވާހަކަތަކާއި (އެބައުޅެޔޭ އެބައުޅެޔޭ) ސީރީޒް އެނިމޭޓް ކުރުން. މިކަން ކުރުމަށްޓަކައި އެކަމަށް ޤާބިލް ބޭރުގެ ކުންފުންޏަކާއި އެ މަސައްކަތް ހަވާލު ކުރުން ކުރިއަށް އެބަދޭ. އަދި ދިވެހި ބަހުން ކާޓޫން ފިލްމެއްގެ އުފެއްދުމުގެ މަސައްކަތްވެސް ބޭރުގެ ފަރާތްތަކާއި ގުޅިގެން ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ (ޓީވީއެމް ޖޫނިއާރ) ގެ ތެރެއިންވެސް މި ކާޓޫން ފިލްމުތައް ކުދިންނަށް ފެނިގެންދާނެ" އަކްރަމް ވިދާޅުވިއެވެ.

އޭގެއިތުރުންވެސް ޤައުމީ ހީރޯއިން ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނު ފަދަ ބޭފުޅުންގެ ހަޔާތުގެ މައްޗަށްވެސް މިހާތަނަށް ކާޓޫން ފިލްމެއް އުފެއްދިފައި ނުވާތީ، އެފަދަ ޤައުމަށް މުހިންމު ބޭފުޅުންގެ ހަޔާތުގެ މައްޗަށް ކާޓޫން ފިލްމެއް އުފެއްދުމަކީ ކުރިއަށް އޮތް ޖީލަށް ކުރުން ރަނގަޅު ކަމެއްގެ ގޮތުގައި ދެކި ލައްވާކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.

އެކި އެކި ބަހުން އުފައްދާފައިވާ ބޭރުގެ އުފެއްދުންތައްވެސް ދިވެހި ބަހަށް ތަރުޖަމާކޮށްގެން، ދިވެހި ސަބްޓައިޓަލްސް އާއެކު ގެނެސްދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޗެނަލް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް

މިއަދުގެ މުޖުތަމައުގައި ކޮންމެ ޗެނެލްއެއް ހުޅުވާލި ނަމަވެސް، ކުޑަކުދިންނާއި ނުގުޅޭ މަންޒަރާއި އަޑި ހުރެދާނެ ކަމަށް ބިރު ހީވި ނަމަވެސް، މިއަދު ލޯންޗު ކުރެވުނު "ޓީވީއެމް ޖޫނިއާ" ވެގެންދާނީ މިކަމަށް އޮތް ހައްލަކަށެވެ.

މި ޗެނަލްއަށް ޕްރޮގްރާމް އުފެއްދުން ވަނީ ރާއްޖޭގެ ޕްރީ ސްކޫލްތަކަށާއި ޕްރައިމަރީ ސްކޫލްތަކަށް ހުޅުވާލެވިފައެވެ.