ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނާން އައިޖީއެމްއެޗް އަށް ގެނެސްފައިވަނީ ޓެސްޓެއް ހެދުމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ސިނާން ހައްޔަރުކުރީ ފުލުހުން އޭނާ ހޯދަން އިއުލާން ކުރުމުން ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުންނެވެ.

ސިނާން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު އޭނާ ވަނީ މި ދައުވާ އަށް އިންކާރު ކުރައްވާފައެވެ.

ސިނާންގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މަޖިލީހުގެ މެމްބަރެއް ގޮތުގައި ހުރެ ރިޝްވަތު ހިފައި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.