ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައީސް އަބްދުﷲ ޔާމިންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ބ.އަތޮޅަށް ވަޑައިގެންފިއެވެ.

މެޑަމް ފާތުންގެ މި ދަތުރުފުޅުގައި ބ.އަތޮޅުގެ 13 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެކަމާ އެންމެ ފުރަތަމަ ވަޑައިގެންނެވީ ބ.ދަރަވަންދޫ އަށެވެ.

މި ދަތުރުފުޅުގައި އެ ރަށްތަކުގައި ތިއްބެވި ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ކުޑަކުދިންނާއި ބައްދަލު ކުރައްވާ ހާލު ބައްލަވާނެއެވެ.

މެޑަމް ފާތުން އާއެކު މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މެޑަމް ފާތުން ބ.އަތޮޅަށް ދަތުރުފުޅެއް ފެއްޓެވިއިރު، ރައީސް ޔާމީން މިއަދު ވަނީ ތ.އަތޮޅަށް ދަތުރުފުޅެއް ފައްޓަވާފައެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިވަގުތު ހުންނެވީ ކެމްޕެއިން ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީގައެވެ.