ނުނިމި ގިނަ ދުވަސްވެފައިވާ ތ.ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރީން ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ، އެމްޓީސީސީން ބުނެފިއެވެ.

ޖުމްލަ 126 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއަކީ 2014 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ. އެ މަޝްރޫއުގެ ދަށުން އެރަށުގެ 45 ހެކްޓާރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއަތު މިއަދު ވިދާޅުވީ، ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި މިހާރު ކުރަމުން ދަނީ ކަޓާ ޑްރެޖާ ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

އަދި ކުރިއަށް އޮތް ފަސް ވަރަކަށް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ކޮންނަ ބޯޓް، މަހާޖައްރާފު އެ ރަށަށް ގެންގޮސް، ރާވާލުމަށްފަހު ދެތިން ދުވަހުގެ ތެރޭގައި އެރަށުގެ ބިން ހިއްކާ އެއްކޮށް ނިމޭނެ ކަމަށް ޒިޔަތު ފާހަގަކުރެއްވިއެވެ.

"މަހާޖައްރާފް އެކޮޅަށް ގެންގޮސް އިރާދަކުރެވިއްޔާ ފަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލާނެ،" ގުރައިދޫގެ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަން ބޭނުންވާކަން ފާހަގަކުރައްވާ "ވަގުތަށް" ޒިއަތު ވިދާޅުވިއެވެ.

މަހާޖައްރާފް އިން މިހާތަނަށް ވަނީ ގިނަ ރަށްތަކެއްގެ ބިން ހިއްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިސާރި

    ސާބަހޯ 5 އަހަރުން ނުނިމުނު ކަމެއް 5 ދުވަހުން.ދެން މީ ގުބޯތަކެއް ދޯ. ވޯޓް ޔަގީން