ރާއްޖޭގެ ގިނަބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޕްރައިވެޓް ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ލަންޑަން އެގްޒާމިނޭޝަން ބޯޑާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހެނދުނު ބީހައިވްހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެވިޑްކޮލެޖުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.އަބްދުﷲ ރަޝީދު އަހުމަދުއެވެ. އަދި ލަންޑަން އެގްޒާމިނޭޝަން ބޯޑުގެ ފަރާތުން ސޮއިކުރެއްވީ އެ ބޯޑުގެ ސީއީއޯ ކޮލިން ފެލިކްސް ޕެރައިރާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެމުން ވައިސް ރެކްޓަރ ޑރ.އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ އެވިޑް ކޮލެޖުން އަބަދުވެސް މަސައްކަތްކުރާނީ އެ ކޮލެޖުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އެކަން ކުރުމަށް އެވިޑް ކޮލެޖުގައި މިދިޔަ އަހަރު އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓެއް ގާއިމް ކުރެވުނު ކަމަށްވެސް ޑރ.އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވިއެވެ.

ލަންޑަން އެކްޒާމިނޭޝަން ބޯޑާއި އެކު އެއްބަސްވުމަށް އާދެވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމުގެ ސަބަބުން އެވިޑް ކޮލެޖުން ހިންގާ ކޯސްތަށް ނިމުމުންދޭ ސަނަދަކީ ދުނިޔޭގެ ފެންވަރުގައިވެސް އާރުލާ އަދި ގިނަ ގައުމުތަކަކުން ފަސޭހަ ކަމާއި އެކު ގަބޫލު ކުރާނެ ސަނަދަކަށް ވާނެ ކަމަށްވެސް ޑރ.އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވިއެވެ.

"އެވިޑް ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެވިޑް ކޮލެޖުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް. މިއަދު މިވެވުނު އެއްބަސްވުމާއި އެކު އެވިޑް ކޮލެޖުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަށް އިތުރަށް ހަރުދަނާވެގެންދާނެ. އަދި އެވިޑް ކޮލެޖުން ފޯރުކޮށްދޭ ސަނަދަނީ ކޮމަންވެލްތްގައި ހިމެނޭ ގައުމުތަކާއި އެނޫންވެސް ގައުމުތަކުން ފަސޭހަކަމާއި އެކު ބަލައިގަންނަ ސަނަދަކަށް ވެގެންދާނެ" އޭނާ ވިދާޅުވިއެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތިގައި ލަންޑަން އެގްޒާމިނޭޝަން ބޯޑު ތަމްސީލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެބޯޑުގެ ސީއޯއޯ ކޮލިން ފެލިކްސް ޕެރައިރާ ވިދާޅުވީ އެވިޑް ކޮލެޖާއި އެކު މަސައްކަތް ކުރުމަކީ ލިބޭ ޝަރަފެއް ކަމަށާއި އަދި މުސްތަގުބަލުގައި ދެ ފަރާތުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިއަދު ލަންޑަން އެގްޒާމިނޭޝަން ބޯޑާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން އެވިޑް ކޮލެޖުގެ މާސްޓާސް ޑިގްރީ އަދި ބެޗެލާސް ޑިގްރީގެ ދެ ކޯހަކަށް ލަންޑަން ޔުނިވާސިޓީއިން އެންޑޯސްމެންޓެއް ދޭނެއެވެ. އޭރުން އެ ކޯސްތަށް ފުރިހަމަކުރާ ފަރާތްތަކަށް ދެވޭ ސަނަދުގައި އެވިޑް ކޮލެޖުގެ ތަށްގަނޑުގެ އިތުރުން ލަންޑަން އެގްޒާމިނޭޝަން ބޯޑުންވެސް އެ ސެޓްފިކެޓް ބަލައިގަންނަ ކަމުގެ ތަށްގަނޑު ޖަހާނެއެވެ.

ލަންޑަން އެގްޒާމިނޭޝަން ބޯޑުގެ ވެލިޑިޓީ ކުރިއަށް އޮތް ސެޕްޓެމްބަރ މަހުގެ އިންޓޭކްގައި މާސްޓާސް ޑިގްރީ އަދި ބެޗެލާސް ޑިގްރީ ހަދާ ދަރިވަރުންނަށް ލިބޭނެ ކަމަށް އެވިޑް ކޮލެޖުން ވިދާޅުވެއެވެ.

އެވިޑް ކޮލެޖުން އަންނަނީ ދުވަހަށް ވުރެއް ދުވަހެއް އެ ކޮލެޖުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ވަސީލަތްތަކާއި އެކު ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސެޕްޓެމްބަރ މަހުގެ ހުރިހާ ކޯސްތަކަކަށް ގޫގުލް ކްލާސްރޫމް ބޭނުންކޮށްގެން ކިޔަވައިދެވޭނެ ކަމަށް އެވިޑް ކޮލެޖުން ވިދާޅުވެއެވެ. އަދި އެ ކޮލެޖުން މުޅިން އަލަށް މާސްޓާރ އޮފް އިންކްލޫސިވް އެންޑް ސްޕެޝިއަލް އެޑިޔުކޭޝަން ކޯހެއް ތައާރަފް ކުރަން ނިންމާފައިވާއިރު އެ ކޯހުގެ މަހު ފީއަކީ 3000 ރުފިޔާ ކަމަށާއި ޖުމްލަ ކޯސްފީއަކީ 39000 ކަމަށްވެސް އެވިޑް އިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަހުމަދު

    މިހާރު ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ކޮލެޖް..

  2. އަހުމަދު

    ފެންވަރުރަނގަޅު ކުރުމަށް މެދުނުކެނޑި މަސައްކަތްކުރަމުންދާކަން އުފަލާއި އެކުފާހަގަކުރަން