ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުދަ އަރާފާނެ ކަމުގެ އިންޒާރު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދީފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުޅަނގު ދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

"ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނު ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވެއެވެ. ވީމާ އާއްމުކޮށް ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދެމެވެ." ބަޔާނުގައި ވެއެވެ.

މިއަދު އުތުރުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 14:01 ގައެވެ. މެދުތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 15:04 ގައެވެ. ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 15:48 ގައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ. އެލާޓް ނެރެފައި ވަނީ ގދ.އަތޮޅުން ފެށިގެން ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 17:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިހާރު ރާއްޖެ އަށް ކުރަމުން މިދާ ވިއްސާރަ އަކީ މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އާއި ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މ.މުއްޔަށެވެ. އެއީ 65 މިލިމީޓަރުގެ ވާރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގޮމާ

    މޫސުން ހޯހެއް ނުވާނެ މޫސުން ގޯސްވެ ރަނގަޅުވެ ހަދާވާހަކަ މީހުން ވަރަށް ދައްކާ ވިއްސާރަވުން ނުވަތަ ވައި ގަދަވުން އެއީ މޫސުން ގޯސްވުންކަމުގައި ބަލަންޏާ ވާރެއަކީ ރަހުމަތެއްކަމަކަށް ނުވާނެ ވިސްސާރަ ނުވެގެން ދުވާކޮށް ނުހަދާނެ