ދ. ބަނޑިދޫއަށް މިއަދު ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް މެންބަރަކު ވިދާޅުވީ މިއަދު އެރި ބާރުގަދަ ރޯޅިއެއްގެ ސަބަބުން އެ ރަށު ސްކޫލުގެ ބޮޑު ހޯލާއި ދެ ގެއަކާއި ކެފޭއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"މިއަދު ހިންގި މިހާދިސާގައި ގެއެއްގެ ފުރާޅު އެއްލާލައި ތިން ކޮޓަރިއަކަށް، ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވަނީ ވެފައި ނަގޫރޯޅި އެރުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މީހަކަށް ގެއްލުމެއް ނުލިބޭ،" އޭނާ ވިދާޅުވިއެވެ.

މިއަދު އެރި ނަގޫރޯޅީގައި ބަނޑިދޫން ވަނީ ބައެއް ރުއްގަސް ވެއްޓިފަ އެވެ. ބަނޑިދޫ ކައުންސިލުން މިހާރު އަންނަނީ މި ހާދިސާގައި ރަށަށް ލިބުނު ގެއްލުންތައް ބަލައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އާއި ހިއްސާކުރަމުންނެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެހެންކަމުން ކޮޅިގަނޑުގެ ތެރޭގައި ވައިގަދަވެ، ކަނޑު ގަދަވުމާއެކު މި ހަފުތާ އެއްކޮށް ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށެވެ. ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13-23 މޭލަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ވިއްސާރައިގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެއީ ގަޑިއަކު 65 މިލިލީޓަރުގެ ވާރޭ އެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މެޓުންން ބުންޏެވެ. އަދި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.