ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާ އިން މިއަދު ހަވީރު 5:00 ގައި ނެރުނު އެލާޓްގައި ބުނެފައިވަނީ، ބ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދޭތެރޭގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވައި ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައި ޖެހޭނެ ގޮތަށް ބަލާއިރު، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

މެޓް އޮފީހުން އެ އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 5:30 އިން ފެށިގެން މިރޭގެ 11:30އާ ހަމައަށެވެ.

ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ތިން ދުވަހަށް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުދަ އަރާފާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު