އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި މި ސަރުކާރުން ތަރައްގީ ކުރަން ފަށާފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތުގެ ބޭނުން ހިފާނެތޯ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

ތ. ވިލުފުއްޓަށް ވަޑައިގަތް އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރު ދައުރަކަށް ކުރިމަތިލައްވައިގެން ހުންނެވި ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުގެ ވެރިކަމެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ހަދަމުންދާ އިމާރާތުގައި ހޮސްޕިޓަލެއް ހިންގުމުގެ ބަދަލުގައި ސިޓީ ހޮޓަލެއް ވެސް ހިންގަން މަސައްކަތް ކޮށްފާނެ ކަމަށެވެ.

ނަމަވެސް އެއީ ވަރަށް ދެރަ ކަމެއް ކަމަށާއި އެއީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތް ސިއްހީ ފަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެހުރީ ރަނގަޅު ފެންވަރުގައި 25 ބުރީގެ ހޮސްޕިޓަލެއް މާލޭގައި އަޅާ އެ ނިމެނީ. ހުޅުވަން ދާދި ކައިރިވެފައި. މި ބިނާގެ ބޭނުން ރަނގަޅު ގޮތުގައި އެބޭފުޅުން ހިއްޕަވާނެބާއޭ. ނޫނީ އެބޭފުޅުންގެ ހިތްޕުޅަށް އަރައިވަޑައިގަންނަވާނީ ރަނގަޅު ތަނެކޭ ސިޓީ ހޮޓަލެއް ހަދަން، އެހެން ބާއޭ،" އިދިކޮޅާ ނުސީދާ ގޮތެއްގައި ސުވާލުކުރައްވަމުން ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެތަނުގައި ޞިއްޙީ ފަރުވާ ދޭނެ ހޮސްޕިޓަލެއް ހިންގުމުގެ ބަދަލުގައި، އެތަނުގައި ސިޓީ ހޮޓަލެއް ހިންގަން އިދިކޮޅުން ބޭނުންވެއްޖެނަމަ، ދެން އެ އޮތީ ހަތަރު އުދަރެސް ބެދިފައި ކަމަށެވެ.

މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން، ރާއްޖޭގައި އަލުން ޝިޕިންގ ލައިނެއް ހަދަން ދައްކާ ވާހަކައަށް ވެސް ރައީސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން، ޝިޕިންގ ލައިން އުވާލި ބަޔަކަށް، އަލުން ޝިޕިންގ ލައިނެއް އުފެއްދޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓު، ނުއަގުގައި އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް 78 މިލިއަން ޑޮލަރަށް ވިއްކާލި މައްސަލައަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، އާދައިގެ ރިސޯޓެއް ވެސް އެއަށްވުރެ އަގުބޮޑުކޮށް ވިއްކާލެވޭނެ ކަމަށާއި އެހެންކަމުން، ބޮޑު އެއާޕޯޓެއް އެންމެ 78 މިލިއަން ޑޮލަރަށް ވިއްކާލުމަކީ، ނުއަގުގައި ތަނެއް ވިއްކާލުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރީގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ވިއްކާލުމަށްފަހު ކުރީގެ ސަރުކާރަށް އަތުން އަތަށް ފައިސާ ތަކެއް ލިބުނު ނަމަވެސް، އެ ފައިސާއިން، ދާއިމަށް ނަފާ ލިބޭނެ ކަމަކަށް އިންވެސްޓް ކޮށްފައި ނުވާކަމަށެވެ.

"އެއަރޕޯޓު ވިއްކާލުމުން، ދެންމެ ރިޔާޒު އެ ވިދާޅުވި ގޮތަށް ވަގުތީ ފައިދާއެއް ލިބިގެންދިޔަ. އަތުން އަތަށް އޭރު ބަދަލުވެގެން ދިޔަކަންނޭނގެ 78 މިލިއަނެއްހާ ޑޮލަރު، އެ ޑޮލަރުން އަޅުގަނޑުމެންނަށް އިންވެސްޓްމަންޓެއް ކުރެވުނުތޯ. އެޑޮލަރުން އަޅުގަނޑުމެންނަށް ދާއިމަށް ނަފާ ލިބޭ ކަމެއް ކުރެވުނުތޯ. ނެތެނުންތޯ ކުރެވިފައެއް. އެ ލާރިން އަޅުގަނޑުމެން ކުރީ ކީއްތޯ. ރިކަރަންޓް ޚަރަދުކޮށް އެފައިސާ ހުސްވީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ޖީއެމްއާރު މައްސަލާގައި އިދިކޮޅަށް ރައީސް ޔާމީން ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވިއިރު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރާއެކު ހެދި އެއްބަސްވުން އުވާލީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ނޮވެމްބަރު 27 ގައެވެ.

ޖީއެމްއާރާއެކުވި އެއްބަސްވުން ސަރުކާރުން އުވާލީ އެ އެއްބަސްވުމަކީ އެމްއޭސީއެލްއަށް އަދި ސަރުކާރަށް ވެސް ފައިދާ ހުރި ގޮތަކަށް ވެފައިވާ އެއްބަސްވުމެއް ނޫން ކަމަށް ބުނެއެވެ. އަދި އެއްބަސްވުން އުވާލުމުގެ ސަބަބުން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު ގާތްގަނޑަކަށް 271 މިލިޔަން ޑޮލަރު، ދެއްކީ ރައީސް ޔާމީންގެ ސަރުކާރުންނެވެ.