ޕީޕީއެމްގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މި ހަފްތާގެ ބުރާސްފަތި ދުވަހު ގދ.ތިނަދޫ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޑރ.ޝަހީމް ތިނަދޫ އަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ މި ދަތުރުފުޅުގައި ތިނަދޫގެ އެންމެހާ ރައްޔިތުންނާއި އަދި ވަކިން ހާއްސަކޮށް އެ ރަށުގެ އިސްރަށް ވެހިންނާއި ޒުވާނުންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

"މި ދަތުރުފުޅަކީ ތިނަދޫގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކޮށް ހާލުބަލާލައި، ތިނަދޫގެ އާދަޔާ ހިލާފު ތަރައްގީ ދެކިލުމަށް ކުރާ ދަތުރެއް. މި ދަތުރަކީ ވެސް ވަރަށް އުއްމީދީ ދަތުރަކަށް ވާނެ ކަމަށް އުއްމީދުކުރަން" ޝަހީމް ވިދާޅުވިއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ޝަހީމް މިވަގުތު ހުންނެވީ ފުވައްމުލަކު ސިޓީގައެވެ. މި ދަތުރުފުޅުގައި ފުވައްމުލަކުގެ ރައްޔިތުންނާއި ޝަހީމް ބައްދަލުކުރައްވަމުން ގެންދަވާއިރު މާދަމާ ހަވީރު އެ ސިޓީގައި ސައިކަލެއް ބުރެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ޝަހީމް ވަނީ ރައީސް ޔާމީން އަށް ތާއީދު އިތުރު ކުރެއްވުމުގެ ގޮތުން ގއ.އަތޮޅުގެ ރަށްތަކަށާއި މެލޭޝިޔާ އަށް ވެސް ދާދިފަހުން ދަތުރުފުޅެއް ކުރައްވާފައެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު މި އިންތިހާބުގައި ޕީޕީއެމްއާ ވާދަކުރައްވަނީ އިދިކޮޅު އިއްތިހާދެވެ. އެގޮތުން އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އަދި ރަނިންމޭޓަކީ ފައިސަލް ނަސީމްއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާލުގެދުލުން

    ސާބަހޭ!!!!!!!!!!!!!! އަޚާ!!!!!!!! ތިޔަކުރައްވާ މަސައްކަތަށް މާތްﷲ ބަރަކާތް ލައްވާށި. އާމީން ޔާރައްބުލް ޢާލަމީން.